ޚަބަރު

ހުޅުމާލޭގައި އައި-ކޭމްޕެއް ފަށައިފި


މިނިސްޓްރީ އޮފް ހެލްތާއި ޗައިނާގެ ނޭޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަނާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ އޮޕަރޭޝަން ކުރުމުގެ ޙާއްސަ އައި-ކޭމްޕެއް ފަށައިފިއެވެ.ބްރައިޓް ޖާނީގެ ނަމުގައި މިމަހުގެ 18ން 27 އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ކުރިޔަށްދާ މި އައި-ކޭމްޕްގައި މަސައްކަތް ކުރާ މެޑިކަލް ޓީމަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިފަދަ ކޭމްޕްތައް ވަރަށް ކާމިޔާބުކަމާއެކު ހިންގަވާފައިވާ ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުން އަދި ޓެކްނީޝަނުންގެ ޓީމަކުންނެވެ. މި ކޭމްޕުގެ ދަށުން ލޮލުގެ ފަރުވާ ހޯދުމަށްފަހު ބޭނުންވާ ބޭހާއި އަދި އެނޫންވެސް ތަކެތި މިކޭމްޕްގެ ދަށުން ހިލޭ ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހުޅުމާލެ ހޮސްޕިޓަލުގެ ޑިރެކްޓަރ އަހުމަދު ޝާކިރު ވިދާޅުވީ މި ޓީމާއެކު ލޮލުގެ ޓެސްޓްތައް ހެދުމަށާއި ލޮލުގެ އޮޕަރޭޝަން ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގެނެވި، އެ ވަސީލަތްތައް ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާކަމަށެވެ.މި އައި ކޭމްޕްގައި ލޮލުގެ އޮޕަރޭޝަންތައް ކުރައްވާ ސާރޖަން ވިދާޅުވީ، މި ކޭމްޕްގެ ދަށުން ގިނަ މީހުންތަކަށް ހިދުމަތް ދެވިފައިވާކަމަށާއި، މީ ވަރަށް ކަމިޔާބުކަމާއެކު ކުރިޔަށްދާ ކޭމްޕެއްކަަމަށެވެ. އަދި މި ކޭމްޕްގެ ދަށުން ޕޭޝެންޓުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ހިލޭދެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.މި ކޭމްޕްގެ ތެރެއިން ހިދުމަތް ހޯދި ފަރާތްތަކުން ބުނީ މި މި ކޭމްޕަކީ ވަރަށް ރަގަޅު ކޭމްޕެއްކަމަށެވެ. މި ކޭމްޕުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހަރުވެސް ހުޅުވާލެވިފައިވާކަމަށާއި، މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ.