ޚަބަރު

ބްރިޖަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމަންޓް މިމަހު ގެންނާނެ


ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ ފަހުކޮޅު ރާއްޖެ ގެނެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މަސައްކަތަށް ބޭނުންވާ ތަކެތީގެ ބޮޑު ބައެއް ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެ ގެނެވޭނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މާލެ އާއި ހުޅުލެއާ ދެމެދު އަޅުއްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަށް ބޭނުންވާ ތަކެތީގެ ތެރެއިން ފުރަތަމަ ގެނައުމަށް ހަމަޖެހިފައިވަނީ ބްރިޖްގެ ފައުންޑޭޝަނަށް ބޭނުންކުރާ ފައުންޑޭޝަން ޕައިލްސްތަކާއި، ބްރިޖްގެ ތަނބުތައް ޖެހުމަށް ބޭނުންވާ ރިގު ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.ޕީ.އެސް.އެމާ ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ތަކެތި މިހާރު ޗައިނާގެ ބަނދަރުތަކުން ބޯޓްތަކަށް ބަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެ ގެނެވޭނެ އުންމީދު ކުރައްވާ ކަމަށެވެ. މިއާއެކު އެތަކެތި ބެހެއްޓުމަށް ބްރިޖްގެ ސައިޓްތައް ތައްޔާރުކުރުމާއި، މުދާ ކްލިއަރކުރުމުގައި ކަސްޓަމްސްގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް މިހާރު ކުރައްވަމުންދާ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ބްރިޖްގެ މާލެ ސައިޓް ކަމުގައިވާ ލޮނުޒިޔާރަތްކޮޅާއި، އުސްފަސްގަނޑު ސަރަޙައްދުގައި މިހާރުވެސް ދަނީ އެކަމަށް ތައްޔާރުކުރަމުންނެވެ. ބްރިޖްގެ ކޮންޓްރެކްޓަރ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގެ ލޭބަރ ކުއަރޓަރ ހެދުމަށް އުސްފަސްގަނޑު ތައްޔާރު ކުރަމުންދާއިރު، ލޮނުޒިޔާރަތްކޮޅު ޕާކް ހުސްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.  ޗައިނާ މޯލްޑިވްސް ފްރެންޑް ޝިޕް ބްރިޖަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމަކާއެކު ހިންގަވާ މަޝްރޫޢެކެވެ. މުޅި މަޝްރޫޢަށް 210 މިލިއަން ޑޮލަރު ހޭދަވާނެއެވެ. މީގެތެރެއިން 124 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ. 12.6 މިލިއަން ޑޮލަރު ޚަރަދުކުރައްވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. ބަކީ ފައިސާއަކީ ޗައިނާ ސަރުކާރުގެ ލުއި ލޯންގެ ގޮތުގައި ލިބިގެންދާ އެހީއެކެވެ.