ޚަބަރު

އިނގިރޭސިވިލާތުގައި މަންކީޕޮކްސް ޖެހޭ މީހުން އެކަހެރިކުރަނީ


އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް ޖެހޭ މީހުން އެކަހެރިވުމަށް އިނގިރޭސިވިލާތުގެ ޞިއްޙީ ސަލާމަތާބެހޭ ވުޒާރާއިން އަންގައިފިއެވެ.

އިނގިރޭސިވިލާތުގެ ޞިއްޙީ ސަލާމަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަންކީޕޮކްސް ޖެހިފައިވާ މީހުންނާއި އެ ބަލިޖެހިފައިވާ މީހުންނާ ދިމާވެފައިވާ މީހުން 21 ދުވަހަށް އެކަހެރިވާން ޖެހޭނެކަމަށެވެ. އަދި މަންކީޕޮކްސްގެ ސަބަބުން އެކަހެރިވާން ޖެހޭ މީހުން ފާއިތުވި ދުވަސްތަކުގައި ކޮށްފައިވާ ދަތުރުތަކާއި ބައްދަލުވެފައިވާ މީހުންގެ މަޢުލޫމާތު ޙިއްޞާކުރަން ޖެހޭނެކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އޭގެ އިތުރުން އެކަހެރިވެގެން ތިބޭ ދުވަސްތަކުގައި 12 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު މީހުންނާ ބައްދަލުނުކުރުމަށްވެސް އެ ވުޒާރާއިންވަނީ އަންގައިފައެވެ. މަންކީޕޮކްސް ޖެހިފައިވާ 20 މީހުންވަނީ އިނގިރޭސިވިލާތުން ފެނިފައެވެ.

މަންކީޕޮކްސް ޖެހޭ މީހުން އެކަހެރިކުރަން ނިންމި ފުރަތަމަ ޤައުމަކީ ބެލްޖިޔަމެވެ. އެ ޤައުމުގެ ޞިއްޙަތަބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި މަންކީޕޮކްސް ޖެހޭ އެންމެން 21 ދުވަހަށް އެކަހެރިވާން މަޖުބޫރުކުރަން ނިންމާފައިވާކަމަށެވެ. އެ ޤައުމުން އެ ގޮތަށް ޢަމަލުކުރަން ނިންމާފައިވަނީ މަންކީޕޮކްސް ޖެހިފައިވާ ތިން މީހުން ފެނުމުންނެވެ.

އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގައި 100އަށްވުރެ ގިނަ މީހުންނަށްވަނީ މަންކީޕޮކްސް ޖެހިފައެވެ. އެ ގޮތުން ސުޕެއިންގައި 50 މީހުންނަށް، ޕޯޗުގަލްގައި 34 މީހުންނަށް އަދި އެމެރިކާގައި 22 މީހުންނަށްވަނީ ބަލިޖެހިފައެވެ. އޭގެ އިތުރުން މެކްސިކޯއާއި އޮސްޓުރޭލިޔާއިންވެސްވަނީ ބަލިޖެހިފައިވާ މީހުން ފެނިފައެވެ.

މަންކީޕޮކްސް އެންމެ ފުރަތަމަ ޖެހިފައިވަނީ ރާމާމަކުނަށެވެ. ގައިންގަޔަށްއަރާ މަންކީޕޮކްސަކީ އެފްރިކާއިން ބޭރުގައި މީގެ ކުރިން ފެތުރިފައިވާ ބައްޔެއް ނޫނެވެ. އެހެންކަމުން ހުޅަނގުގެ ޤައުމުތަކުގައި އެ ބަލިފެތުރެން ފެށުމަކީ ޞިއްޙީ މާހިރުން ކަންބޮޑުވާކަމެކެވެ. ނަމަވެސް ކޯވިޑް-19 ފެތުރޭ ގޮތަށް މަންކީޕޮކްސް ފެތުރި ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެދާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލެއްނުކުރެއެވެ. މަންކީޕޮކްސް ޖެހުމުން ފުރާނައަށް ނުރައްކާވާކަމަކަށް ނުވެއެވެ. އެ ބަލީގެ މައިގަނޑު އަލާމާތަކީ ގަދައަށް ހުންއައުމާއި ގައިގައި ރިއްސުމާއި ވަރަށް ބޮޑަށް ފާރުވުމެވެ. އެ ބަލިން ފަސޭހަވާން ދެ ހަފުތާއާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތެއް ނަގައެވެ. އެ ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނާއި މާބަނޑު އަންހެންނަށްކަމަށް ޞިއްޙީ ތަޖުރިބާކާރުން ބުނެއެވެ.

މަންކީޕޮކްސަށް ވެކްސިންނެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް އެ ބައްޔާ އެއްގޮތް އެހެން ބައްޔެއްކަމަށްވާ ކަށިވިދުރިއަށް ބޭނުންކުރާ ވެކްސިންނަކީ މަންކީޕޮކްސާ ދެކޮޅަށް %85އަށް މަސައްކަތްކުރާ ވެކްސިންނެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ބުނެފައިވެއެވެ.