ޚަބަރު

އިންޑިޔާ އާއި ރާއްޖޭގެ ގުޅުން ވަރުގަދަވެއްޖެ


އިންޑިޔާ އާއި ރާއްޖެއާއި ދެ
ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން މިހާރު އޮތީ ވަރަށް ބަދަހި ވަރަށް ހަރުދަނާ
ހިސާބެއްގައި ކަމަށާއި ޚާއްޞަކޮށް އަސްކަރީ ދާއިރާއިން ކޮންމެ ފަދަ ވަގުތެއްގައިވެސް
ރާއްޖެއަށް އެހީތެރިވެދިނުމަށް އިންޑިޔާއިން ތައްޔާރަށް އޮތްކަމަށް ޑިފެންސް
މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.



ޑިފެންސް މިނިސްޓަރ އިންޑިޔާއަށް
ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން
ވިދާޅުވީ، އިންޑިއާ އޮތީ ރާއްޖޭގެ އަސްކަރިއްޔާ
ވަރުގަދަކުރެއްވުމަށް ވަރަށް ބޮޑަށް އެހީވުމަށް ތައްޔާރަށް ކަމަށެވެ. އަދި
ދެޤައުމު ގުޅިގެން އަސްކަރީ ދާއިރާ ހަރުދަނާކުރުމަށް މަޝްވަރާކުރެވި އެހީތެރިކަން އިންޑިއާއިން
ދޭނެކަމުގެ ޔަޤީންކަން ދީފައިވާކަމަށްވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.



މިނިސްޓަރުގެ ދަތުރުފުޅުގައި
އިންޑިޔާގެ ޑިފެންސް މިނިސްޓަރުގެ އިތުރުން އިންޑިޔާގެ ފޮރިން ސެކެޓްރީއާ
ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފައެވެ. 




މި ބައްދަލުވުންތަކުގައި،  ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް
ރާއްޖެއިން ބޭރަށް ފޮނުއްވުމުގައި ދިވެހި ސަރުކާރުން ގެންގުޅުއްވި ސިޔާސަތަށް
އިންޑިޔާއިން ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައިވާ ކަމަށް މިނިސްޓަރ އާދަމް
ޝަރީފް ވިދާޅުވިއެވެ.



ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން
އިތުރުކުރުމަށްޓަކައި ހުރިހާ ގޮތަކުންވެސް އެހީތެރިކަން ދިނުމަށް އިންޑިއާ
ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން އިންޑިއާގެ ޑިފެންސް މިނިސްޓަރ، ދެއްވައި، ރާއްޖޭގެ
އަސްކަރިއްޔާގައި ބޭނުންކުރާނެ މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް ދޭގޮތަށް މިހާރު ވަނީ
ހަމަޖެހިފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިންޑިއާއިން ދޭ އެހީގެ މިންވަރު
އިތުރުކުރާނެ ކަމަށްވެސް އިންޑިއާގެ ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.