ޚަބަރު

ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލްތަކުގެ ޚިޔާލާއި ވިސްނުމާ އެއްގޮތަށް މަޝްރޫޢުތައް ބައްޓަންކުރަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީ މާބައިދޫ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަމާބެހޭ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްޞާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ހިއްޞާކުރައްވައި، މާބައިދޫގެ ތަރައްޤީއަށް މިހާރަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި މާބައިދޫ ސްކޫލަށް ދަތިވެފައިވާ ކަންކަމުގެ އިތުރުން އައިސް ޕްލާންޓް ޤާއިމްކުރުމުގައި ދިމާވެފައިވާ މައްސަލައިގެ އިތުރުން ރަށުގައި ލޯކަލް ޓޫރިޒަމް ފަށައިގަތުމަށްޓަކައި ކުރަންޖެހިފައިވާ މުހިންމު ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނެއެވެ.

މާބައިދޫ ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ބައެއް އިތުރު ކަންކަމުގެ ތެރޭގައި ސަރުކާރުން އެ ރަށުގެ ތަރައްޤީއަށް ފަށާފައިވާ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން އެ ރަށު ކައުންސިލުން އަލަށް މީހުން އާބާދުކުރަން ވިސްނަވައި ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަޙައްދާއި ހަމައަށް ނަރުދަމާ ނިޒާމު ފުޅާކުރުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ލޯކަލް ޓޫރިޒަމް ފަށައިގަތުމާއެކު ރަށުގައި ފުލުހުން ޤާއިމްވެތިބުމުގެ މުހިންމުކަމާއި ކައުންސިލް ޢިމާރާތް ގިނަ ދުވަސްވެ ބައުވެފައިވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގެ މަޢުލޫމާތު އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލްތަކުގެ ހިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫޢުތަކާއި ސަރުކާރުން ހިންގަވާ މަސައްކަތްތައް ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މާބައިދޫ ކައުންސިލުން ފާހަގަކުރެއްވި ސްކޫލަށް ދިމާވެފައިވާ ޖާގައާއި ވަޞީލަތުގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ރަށް ގިރުމުގެ މައްސަލައަކީ މި އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށްދާ މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވާދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް ވަނީ އަރުވާފައިވެއެވެ.