މުނިފޫހިފިލުވުން

"ބޫލް ބުލައްޔާ" ގެ ތިންވަނަ ބަޔަށްވެސް ކާތިކް؟


ކިއަރާ އަދްވާނީ އާ ކާތިކް އާރްޔަންގެ ފިލްމު "ބޫލް ބުލައްޔާ 2" ސިނަމާތަކުގައި އެޅުވީ މިދިޔަ ހުކުރު ދުވަހުއެވެ. މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ފިލްމު އެޅުވި ދުވަހު އެކަނިވެސް 14 ކްރޯޑް ރުޕީސް ފިލްމަށް ވަނީ ލިބިފައެވެ.

މި ފިލްމު ވެގެން ގޮސްފައިވަނީ ކާތިކަށްވެސް ވަރަށް މުހިންމު ފިލްމެއްގެ ގޮތުގައެވެ. މީގައި ދައްކާފައިވާ ހުނަރަށް ކާތިކަށް ތައުރީފް އޮހެމުންދާއިރު މި ފިލްމަކީ ފެމެލި ޖޯންރާގެ ކެޓަގަރީން މިއަހަރު މިހާތަނަށް އެޅުވި އެންމެ މޮޅު ފިލްމުކަމުގައިވެސް ގިނަ ބަޔަކު ބުނެއެވެ.

މީގެ މި ކާމިޔާބީއާއި އެކު މިހާރު އެންމެ ގަދަޔަށް އިވޭ އަޑަކީ މީގެ ތިންވަނަ ބައެއްވެސް އުފައްދަން ނިންމަފައިވާ ވާހަކައެވެ. އަދި މި ފިލްމުގެވެސް ލީޑް ރޯލު ދޭނީ ކާތިކް އަށްކަމަށް އަޑުތައްވަނީ އަރާފައެވެ.

"ބޫލް ބުލައްޔާ-2" އަކީ 2007 ވަނަ އަހަރު ރިލީޒްކުރި ހޮރާ ކޮމެޑީ "ބޫލް ބުލައްޔާ"ގެ ސްޓޭންޑްއެލޯން ސީކުއަލެކެވެ. އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީވެސް ކުރީގެ ފިލްމެކޭ އެއްފަދައިން ހެއްވާ މަޖާ ކަންތައްތަކަކާއި ބިރުވެރި ކަންތައްތަކެއްވެސް ހިމެނޭ ފިލްމެކެވެ.

މި ފިލްމުގެ ލީޑްރޯލުން ފެންނަނީ ކާތިކް އާއި ކިއަރާއެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ޓީ ސީރީޒުން ބޫޝަން ކުމާރެވެ. އެ ސްޓޫޑިއޯގެ ފިލްމެއްގައި ކިއަރާ ވަނީ މީގެކުރިންވެސް މަސައްކަތްކޮށްފައެވެ. އެއީ އެމީހުން 2018 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ކަބީރު ސިންގް" އެވެ.

ކާތިކް އާ ކިއަރާގެ އިތުރުން ތާބޫ، ރާޖްޕާލް ޔާދަވް އަދި ސަންޖޭ މިޝްރާ ވެސް މުހިންމު ރޯލުތަކުން ފެނެއެވެ.
2007 ވަނަ އަހަރު ގެނެސްދިން "ބޫލް ބުލައްޔާ" ގައި އަކްޝޭ ކުމާރާއި ވިދްޔާ ބާލަން އާ ޝައިނީ އަހޫޖާގެ އިތުރުން އަމީޝާ ޕަޓޭލް ވެސް ފެނެއެވެ. މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ ޕްރިޔަދަރުޝަން އެވެ. އައު ފިލްމުގައި ރާޖްޕާލް ޔާދަވް ފިޔަވައި ކުރީގެ އެއްވެސް ކާސްޓެއް ނެތެވެ.