ކުޅިވަރު

26ވަނަ ޤައުމީ ކެރަމް މުބާރާތް ފަށައިފި


ސައްބީސްވަނަ ޤައުމީ ކެރަމް މުބާރާތް މިއަދު ހަވީރު ފަށައިފިއެވެ. މުބާރާތުގައި މިއަދު ހަވީރު ކުޅެފައިވަނީ ފިރިހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ. ސިންގަލްސް އިވެންޓްގެ އިތުރުން ޑަބަލްސް، މިކްސް ޑަބަލްސް، ޓީމް އިވެންޓްގެ އިތުރުން މުބާރާތުގައި އަލަށް ހިމަނާފައިވާ ސްވިސް ލީގްގެ ކުޅުންވެސް ކުރިއަށްހުރި ދުވަސްތަކުގައި ކުރިއަށްދާނެއެވެ. ޖުމްލަ 66 ކުޅުންތެރިން ބައިވެރިވެފައިވާ 26ވަނަ ޤައުމީ ކެރަމް މުބާރާތުގައި މިއަހަރު 24 އަންހެން ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. މީ މުބާރާތުގައި މިހާތަނަށް އަންހެން ކުޅުންތެރިން އެންމެ ގިނައިން ބައިވެރިވި ފަހަރުވެސްމެއެވެ. މިއަދު ފެށި މި މުބާރާތް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެންމެ ފަހުން ބޭއްވި ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންނަކީ އަހްމަދު ހާމިދެވެ. އަދި އަންހެން ސިންގަލްސް ޗެމްޕިއަނަކީ އާމިނަތު ނިފާޝާއެވެ. އެފަހަރުގެ އަންހެން އަދި ފިރިހެންވެސް ޓީމް އިވެންޓް ޗެމްޕިއަންކަން ހޯދާފައިވަނީ އޯސަމް ކެރަމް ކްލަބެވެ.