ޚަބަރު

އައްޑޫ ދަތުރުތަކަށް ޑިމާންޑު އޮތް މިންވަރަކުން ޗާޓަރު ދަތުރުތައް ބާއްވާނެ: އެމްއެސްއެމް


އައްޑޫ އާއި ޓުޓްކޮރިންއާ ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައިވީނަމަވެސް ޑިމާންޑު އޮތް މިންވަރަކަށް ބަލާ ޗާޓަރު ދަތުރުތައް ބާއްވާނެކަމަށް އެމްއެސްއެސްއިން ހާމަކޮށްފިއެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީއާ ދެމެދު ބާއްވަމުން އައި ދަތުރުތަކުގައި ބޭނުން ކުރަމުން އައިސްފައިވަނީ ބޮންތި- 2 ނަމަކަށް ކިޔާ ކާގޯ ބޯޓެކެވެ. އެހެންނަމަވެސް މި ބޯޓަކީ ވަރަށްބޮޑަށް ބާވެފައި އޮތް ބޯޓަކަށްވުމުން މި ބޯޓު އިތުރަށް ބޭނުން ނުކުރަން ނިންމާފައިވާ ކަމަށް އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވިއެވެ.

"އެ ބޯޓުގެ ސަރވޭތަކާއި އެއްޗެހި ޑިއުވެފައި ހުރުމުން ކޮމްޕެނީއިން ޑިސައިޑު ކުރީ 40 އިޔަރސް އަށް ވުރެ އޯޑުވެފައިވާތީ އެ ބޯޓު ޑިސްކޮންޓިނިއު ކުރަން، އެހެން ބޯޓެއް ލިބެންދެން އައްޑޫ ސަރވިސް ހުއްޓާލާފައިމިވަނީ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިތުރު ބޯޓެއް ހޯދުމަށް ދަނީ މަސައްކަތްކުރަމުންކަމަށާއި ނަމަވެސް މިދުވަސްވަރު އައްޑޫއަށް ޑިމާންޑު ކުޑަކަންވެސް ސައީދު ފާހަގަކުރިއެވެ.

އެމްއެސްއެސްއިން ވަނީ ދާދި ފަހުން ބަލްކް ކެރިއާއެއް ގަނެފައެވެ. އެމްއެސްއެސް ކްރޮމް"ގެ ނަން ދީފައިވާ މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށެވެ. މިއީ މިހާތަނަށް ދިވެހި ދިދަ ނެގި ރާއްޖޭގެ އެންމެ ބޮޑު ބޯޓެވެ. މި ބޯޓު މިމަހުގެ ފަހުކޮޅު ޔޫ.އޭ.އީން މުދަލާއެކު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކޮންޓެއިނަރ އުފުލުމަށް އެމްއެސްއެސްއިން ބޭނުންކުރަމުން އަންނަނީ އެ ކުންފުނީގެ އަމިއްލަ ބޯޓެއްކަމަށްވާ އެމްއެސްއެސް ގެލީނާ އާއި އިންޑިއާގެ ބޯޓެއްގެ ބޭނުންކުރެއެވެ. ކޮންޓެއިނަރ ބޯޓަށް ޑިމާންޑު ބޮޑުވެފައިވާއިރު، އެމްެއެސްއެސް މިހާރުވަނީ އިތުރު ކޮންޓެއިނަރ ބޯޓެއްވެސް ގަނެފައެވެ. މި ބޯޓު އަންނަމަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

"ގެލީނާ ސައިޒުގެ ސިސްޓަރ ޝިޕެއް މިއީ، އެއް ބޯޓުން ނުވާތީ ދެވަނަ ބޯޓެއް މި ގެންނަނީ، މިހާރު ބޭނުންކުރަން އިންޑިއާއިން ދުއްވާ އެމްވީޕީ ލިންސްވެސް، އަޅުގަނޑުމެންގެ 2ވަނަ ބޯޓު އެމްއެސްއެސް ގްރެފިން ޖޫން މިޑްލްގައި އައީމަ، އަމިއްލަ ކެޓަރ ކުރެވޭނެ ޑިމާންޑަށް" ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްގެ އަމިއްލަ ބޯޓު، އެމްއެސްއެސް ގަލޭނާއަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ. މި ބޯޓުގެ މައިގަނޑު ދަތުރުތައް ރޭވިފައި އޮތީ ރާއްޖެ އާއި ލަންކާއާ ދެމެދުއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ %99.99 އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް %0.01އަކީ ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.