އޮގަސްޓް މަހުގެ 16 އިން 26 އަށް އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ޖޫނިއާ އޯޕަން އެންޑް ގާލްސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ހުޅުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.
މުބާރާތުގައި ވާދަކުރަން ބޭނުންވާ އެތުލީޓުން، މުބާރާތުގައި ބައިވެރިވުމަށް އެދޭކަން ނުވަތަ ޝައުގުވެރިވާކަން މިރޭ 08:00އާ ހަމައަށްވަނީ ހުޅުވާލާފައެވެ. މިކަން މިހެން ކުރަނީ މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ބޭނުންވާ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސައިދިނުމަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
މިއީ ހަމައެކަނި 20 އަހަރުންދަށުގެ އުމުރުފުރާގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
އޭޝިއަން ޖޫނިއާ އޯޕަން އެންޑް ގާލްސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ދުނިޔޭގެ ރާޒުވާގެ މައި އިދާރާ (ފިޑޭ)ގެ ގަވާއިދުތަކާ އެއްގޮތަށެވެ. މިމުބާރާތް ކުރިއަށްދާނީ މުމްބާއީގެ މަހާރާޝްތުރާގެ އައިޓީސީ މަރާޓާ ހޮޓަލުގައެވެ.