ޚަބަރު

ކެނދިކުޅުދޫއިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރަން ފަށައިފި


ނ ކެނދިކުޅުދޫއިން ގޯތި ލިބުފަރާތްތަކަށް އެ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.

ކެނދިކުޅުދޫ ކައުންސިލުން ބުނީ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށާއި މިހާތަނަށް 7 ގޯއްޗެއް ގޯތިތަކުގެ ވެރިފަރާތްތަކާއި ހަވާލުކޮށްފައިވާކަމަށެވެ. ކައުންސިލުން ބުނީ ގޯތިތައް ހަވާލުކުރަނީ ކައުންސިލުން ކަން މުޑިޖެހުމަށްފަހުގައެވެ.

ކެނދިކުޅުދޫއިން މިފަހަރު 227 ގެވަޅު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކެނދިކޮޅުން 151 ގޯތި އަދި ކުޅުދޫއިން 76 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މިފަހަރު ދޫކުރެވޭ ގޯތިތަކުގެ ބޮޑުމިނަކީ 3000 އަކަފޫޓު (50 ފުޅާ، 60 ދިގު) ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މި ގޯތިތަކުގެ ތެރެއިން ރަށުން ބޭރުން އެރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް 29 ގެވަޅު ދޫކޮށްފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެއީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ދޫކުރެވުނު ގެވަޅުތަކެއްކަމަށްވެސް އެކައުންސިލުން ބުނެއެވެ.

މި ގޯތިތަކަކީ ސަރުކާރުން ކެނދިކުޅުދޫއަށް ދިމާވެފައި އޮތް ގޯތިގެދޮރުގެ ދަތިކަަމަށް ހައްލު ގެނެސްދިނުމުގެ ގޮތުން ކައުންސިލުން އެދުނު އެދުމުން ޕްލޭނިން މިނިސްޓްރީ އާ ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ބެލުމުގެ ދަށުން ދޫކުރާ ގޯތިތަކެއްކަމަށް ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރައޫފް ވިދާޅުވިއެވެ.

ޖުމްކޮށް ބަލާނަމަ މިފަހަރު މިދޫކުރި 227 ގޯތި ލިބިފައިވަނީ 35 އަހަރުން ދަށުގެ ޒުވާނުންނަށެވެ.

"ދިރިއުޅުމަށް ބޭނުންވާ ބިމުގެ މައްސަލަ ޚައްސާސީ މައްސަލައަކަށް ވުމާއެކު އާ މިހާރުގެ އާބާދީއަށް ބަލާނަމަ ޒުވާނުން ގިނައަދަދަކަށް ދިރިއުޅުން ފަށަމުން ދާތީއާވެސް އެކު ގެވަޅު ދޫކުރުމަށް ނިންމީ" ކައުންސިލްގެ ރައީސް މުޙައްމަދު ރައޫފް ވިދާޅުވިއެވެ.

މިކަމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށާފައިވަނީ 2020 ވަނަ އަހަރުގެތެރޭގައެވެ. 2021 ވަނަ އަހަރު ގެވަޅުލިބުނު ފަރާތްތައް ކަނޑައެޅީ ގުރުއަތުލައިގެންނެވެ. ގެވަޅު ދޫކުރުމަށް ލަސްތަކެއް ކުރިމަތިވިކަން ފާހަގަކުރަމުން ރައޫފް ވިދާޅުވީ އެއީ ކުރީގެ ކައުންސިލުން ގޯތިތައް ދޫކުުރުމަށް ކަނޑައަޅާފައި ހުރި ބައެއް ސަަރަހައްދުތަކަކީ ބިމުގެ ގޮތުން އިމާރާތް ކުރުމަށް ކަނޑައެޅޭނެ ސަރަހައްދުތަކަކަށް ނުވުމުންނެވެ.

ކެނދިކުޅުދޫއަކީ ބޮޑު ކުޅިއެއް އޮންނަ ރަށެކެވެ. އަދި ޗަސްބިންވެސް އޮންނަ ރަށަކަށްވުމުން އެސަރަހައްދުތަކުން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައި ހުރުމުން އެ ގެވަޅުތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް ލޭންޑްޔޫސް ޕްލޭން ހެދުމަކީ ގެވަޅު ދޫކުރުން ލަސްވެގެން ދިޔަ މައިގަނޑު ދެ ސަބަބުކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ދޫކޮށްފައިވާ ގެވަޅުތަކާއި ޚިލާފަށް މިފަހަރު ގެވަޅު ދޫކުރާ ސަރަހައްދު ކައުންސިލުން އިސްނަގައިގެން ވަނީ ސާފުކޮށްފައެވެ. މިހާރު ކުރެވެމުން ދަނީ ކަންމުޑިތައް ރޭނުމުގެ މަސައްކަތެވެ. އަދި ކަންމުޑި ރޭނެމުންދާ މިންވަރަކުން ގޯތި ޙަވާލުކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

1981 މީހުން ދިރިއުޅޭ ކެނދިކުޅުދޫ އިިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ.

އެރަށުގައި މިހާރު މީހުން ދިރިއުޅޭ އަދަދަކީ 1367 ކެވެ. މިހާރު ދޫކޮށްފައި ހުރި ގެބިސީގެ އަދަދަކީ 481އެވެ. އެކަމަކު މީހުން ދިރިއުޅެނީ 271 ގެއެއްގައެވެ.