ޚަބަރު

ޝަރުޢީ ދާއިރާގެ ޚަބަރުތައް ކަވަރ ކުރާ ނޫސްވެރިންނަށް ޚާއްސަ ވޯކްޝޮޕެއް


ކޯޓުތަކާއި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް އަމާޒުކޮށް ޚާއްސަ ވޯކްޝޮޕެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ފަށައިފިއެވެ. އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ވޯކްޝޮޕް ކުރިއަށްދަނީ އިސްކަންދަަރު ކޮށީގައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ކޯޓް ރިޕޯޓިންގ" ވަރކްޝޮޕް ފެށުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މީޑިއާ ކައުންސިލުގެ ރައީސް، ޞަހުބާން ފަހުމީ ވިދާޅުވީ، ރާއްޖޭގައި ކޯޓުތަކާއި ޝަރުޢީ ދާއިރާގެ ކަންކަން ކަވަރކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން މަދުކަމަށެވެ. އަދި ނޫސްވެރިކަމުގެ ދާއިރާގައި މިހާރު ގިނައީ ވަރަށް ޒުވާން ނޫސްވެރިންކަމަށާއި، އެހެންކަމުން ޝަރުޢީ ދާއިރާއަށް ނޫސްވެރިން ތަމްރީންކޮށް، ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރިން މަސައްކަތްކުރުމަށް ބާރުއެޅުމަކީ މުހިއްމުކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ތަހުޤީޤު މަރުހަލާގެ ތެރެއިން ގޮސް، ދަޢުވާ އުފުލުމާއި، ދަޢުވާ ކުރުމާއި، ޝަރީޢަތުގެ މަރުޙަލާގެ ތެރޭގައި ކަންކަން ހިނގާގޮތާއި، ޝަރުޢީ ދާއިރާއާއި ގުޅުންހުރި އެކިއެކި މުޢައްސަސާތަކުގެ ތެރޭގައި ހުންނަ ޤާނޫނީ އެކިއެކި ކަންކަން ނޫސްވެރިންނަށް ފަޙުމްވެފައިއޮތުމަކީ ވަރަށް މުހިއްމުކަމެއް" ޞަހުބާން ވިދާޅުވިއެވެ.

މީޑިއާ ކައުންސިލުގެ ރައީސް ޞަހުބާން ވިދާޅުވީ، ޝަރުޢީ ދާއިރާއާއި ކޯޓުތަކުގެ ދާއިރާގެ އިތުރުންވެސް އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީންކުރުމަށް ކައުންސިލުން މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުން ނޫސްވެރިން ތަމްރީންވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ޞަހުބާން ވިދާޅުވިއެވެ.

ކޯޓް ރިޕޯޓިންގ ވޯކްޝޮޕުގައި ކޯޓުގައި ހިނގާ މައްސަލަތައް ކުރިއަށްދާގޮތާއި، މަރުޙަލާތަކާއި، އަޑުއެހުންތަކަށް ހާޟިރުވެ ރިޕޯޓްކުރުމުގައި މީޑިއާތަކާއި ނޫސްވެރިން ސަމާލުކަންދޭންވީ ކަންތައްތަކާއި، ކޯޓުތަކުގައި ވަކާލާތުކުރާ ފަރާތާއި، ޤާނޫނީ ވަކީލުންނާއި މީޑިއާއާއެކު ބާއްވަންޖެހޭ ގުޅުމާބެހޭ މަޢުލޫމާތު ދެވިގެންދާނެކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ. އަދި ޕްރައިވެސީއާއި ދެނެގަތުމުގެ ޙައްޤާއި، އަދުލުގެ އިންސާފުގެ ނިޒާމުގެ މައިގަނޑު ޤާނޫނުތަކަކީ ކޮބައިކަން ކިޔައިދެވިގެންދާނެކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ، މިފަދަ ވޯކްޝޮޕެއް ކުރިއަށްގެންދިއުމުގެ މަޤްޞަދަކީ ނޫސްވެރިންނަށް ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް ބާރުއެޅުމާއި، ޤާނޫނީ މަރުޙަލާތައް ކިޔުންތެރިންނަށް ސާފުކޮށްދިނުމުގެ ހުނަރުތައް ދަސްކޮށްދިނުންކަމަށެވެ. އަދި ތަޙުޤީޤު މަރުހަލާގައި ރިޕޯޓްކުރުމުގައި ގެންގުޅެންޖެހޭ މައިގަނޑު އަސާސްތައް ދަސްކޮށްދިނުމާއި، ޖިނާޢީ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާޢިޢުކުރުމުގައި ސަމާލުކަންދޭންވީ ކަންކަން ދެނެގަތުމެވެ.

މި ވޯކްޝޮޕުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ބާ ކައުންސިލް އޮފް މޯލްޑިވްސްގެ ފަރާތުން ސެޝަންތައް ނަގައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސެޝަނެއް ނަގައިދިނުމަށް ހަމަޖެހިފައިވާއިރު، ޝަރުޢީ ދާއިރާގެ ޚަބަރުތައް ކަވަރކުރުމުގެ ތަޖުރިބާ ލިބިފައިވާ ނޫސްވެރިއެއްވެސް މި ވޯކްޝޮޕުގައި ސެޝަން ނަގައިދޭނެއެވެ.