ދުނިޔެ

ޒިކާ ވައިރަސްއަށް ސަމާލުވުމަށް ޔޫ.އެސް ސީޑީސީން އިލްތިމާސްކޮށްފި


ދެކުނު އެމެރިކާގެ
ބައެއް ޤައުމުތަކުގައި ފެތުރެމުންދާ ޒިކާ ވައިރަސް އަކީ މަދިރީގެ
ޒަރިއްޔާއިންފެތުރޭ، އަދި  މާބަޑު އަންހެނުންގެ ބަޑުގައިވާ ކުޑަ ދަރިފުޅަށް މައިކްރޯ ސެފަލީ
ނުވަތަ ސިކުނޑީގެ އުފެދުން ހުއްޓުވާލާ ބައްލި ޖައްސާ، އެކުދިންގެ ބޮލުގެ ސައިޒް
ކުޑަކުރާ ނުރައްކާތެރި ވައިރަސްއެކެވެ. މީގެ ސަބަބުން ކުޑަ ދަރިފުޅު ނުކުޅެދޭ
ކުއްޖަކަށްވެއެވެ. ޒިކާ ވައިރަސްއަކީ އެއިޑީސް އައިގިޕްތީ މަދިރީގެ ސަބަބުން
ފެތުރޭ ވައިރަސްއެކެވެ.

މިވައިރަސްއަށް ފަރުވާއެއް
ނުވަތަ ވެކްސިނެއް މިހާތަނަށް ހޯދިފައެއްނުވެއެވެ. އަދި ވައިރަސް ޖެހުމުން
ކުޑަކޮށް ހުންއައުމާއި ހަންގަޑު ރަތްވެ، ހިރިވުމުގެ އަލާމާތްތައް
ފެނުނުކަމުގައިވިޔަސް މިވައިރަސް ޖެހޭ 80 އިންސައްތަ މީހުންގެ ގައިން އެއްވެސް
އަލާމާތްތަކެއް ނުފެނިވެސް ހުރެއެވެ. އަދި ބަލީގެ އަލާމާތްތަކީ މައިލްޑް ނުވަތަ
އެހާ ސީރިއަސްކޮށް ނުފެންނަ އަލާމާތްތަކަކަށް ވުމާއެކު ބަލިޖެހޭ ގިނަމީހުން ސިއްހީ
ފަރުވާ ނުހޯދުމަކީވެސް ބަލިފެތުރުމުގެ ނުރައްކާތެރިކަން އިތުރުވާ އެންމެ ބޮޑު
ސަބަބެވެ. ޔޫ.އެސް ސެންޓަރ ފޮރ
ޑިޒީޒް ކޮންޓްރޯލްއިން ވަނީ ދެކުނު އެމެރިކާގެ ބައެއް ޤައުމުތަކުގައި މަދިރީގެ
ޒަރިއްޔާއިން ފެތުރެމުންދާ، ޒިކާ ވައިރަސް ޖެހިފައިވާ މާބަނޑު މީހުންނަށް ފަރުވާ
ދިނުމުގައި ޑޮކްޓަރުން އަމަލުކުރާނޭ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.



ޔޫ.އެސް ސެންޓަރ ފޮރ
ޑިޒީޒް ކޮންޓްރޯލްއިން އަލަށް އެކުލަވާ ޤަވާއިދުގައި ހިމެނޭ ކަންތައްތަކުގެ
ތެރޭގައި މާބަނޑު އަންހެނުން 14 ޤައުމަކަށް ދަތުރު ނުކުރުމަށް ވަނީ
އިލްތިމާސްކޮށްފައެވެ. މިގޮތުން މާބަނޑު މީހުން ދަތުރުކުރުމަށް ރައްކާތެރި
ނޫންކަމަށް އިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޕުއޭޓާރިކޯ،  ހެއިޓީ، އެލް ސެލްވަޑޯރ، ގުއަޓަމާލާ، ހޮންޑިއުރާސް،
ޕެނަމާ، ބްރެޒިލް، ކޮލަންބިއާ، ޕްރެންޗް ގިއާނާ،ޕެރަގުއޭ، ސުރިނާމް،
ވެނެޒުއޭލާ އަދި މެކްސިކޯ ހިމެނެއެވެ. އެހެން ކަމުން ވައިރަސް
ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރު ކުރުން ފަސްކުރުމަށާއި، ކޮންމެހެން
ދަތުރުކުރަން ޖެހިއްޖެނަމަ ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ނެގުމަށް ޔޫ.އެސް
ސީޑީސީއިން އެދެއެވެ. މިގޮތުން މަދިރި ހެފުން ހުއްޓުވާ ޒާތުގެ ލޯޝަން އަދި އެހެނިހެން
ތަކެތި ހުރިހާ ވަގުތެއްގައި ބޭނުންކުރުމަށް ސީޑީސީން އެދެއެވެ.



މިވައިރަސް ޖެހިގެން
ރިޕޯޓްކޮށްފައިވާ ޤައުމުތަކަށް ބަލާލާއިރު، މިދިޔަ އޮކްޓޫބަރ މަހުން ފެށިގެން
ބްރެޒިލްގައި ވިހާފައިވާ ހަތަރު ހާހަށް ވުރެ ގިނަ ކުދިންނަށް ޒިކާ ވައިރަސްގެ
އަސަރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މިވައިރަސްގެ ސަބަބުން ބްރެޒިލްގައި
49 ކުދިން ވަނީ މަރުވެފައެވެ. 



ޒިކާ ވައިރަސްއަކީ 1947
އަހަރު ފުރަތަމަ ފަހަރަށް ފެނުނު ވައިރަހެކެވެ. ނަމަވެސް މި ވައިރަސް މިހާ ހަލުވި
ކަމާއިއެކު ފެތުރެން ފަށާފައި މިވަނީ 2014 ވަނަ އަހަރުން ފެށިގެނެވެ.