ޚަބަރު

އެއްއަހަރު ތެރޭގައި ކޮންމެ ރަށެއްގައި ކުނި މެނޭޖުކުރާނެ ސަރަހައްދެއް ކަނޑައެޅުން ލާޒިމްކުރަނީ


ރާއްޖޭގެ ކޮންމެ ރަށެއްގައި އެއް އަހަރު ދުވަހުގެ ތެރޭގައި ކުނި މެނޭޖުކުރާނެ ސަރަހައްދެއް ކަނޑައަޅުން ލާޒިމުކުރާގޮތަށް ކުނި މެނޭޖުކުރުމުގެ ބިލުގައި ހިމަނައިފިއެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށައެޅުއްވި ކުނި މެނޭޖުކުރުމުގެ ބިލުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކޮށް، ކުނީގެ ކަންކަން ރާވާ ހިންގާ އެކަމާއި ގުޅޭ އުސޫލްތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ. އަދި ތިމާވެށި ރައްކާތެރިކުރުމާއި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަކީވެސް މި ބިލުގެ އަމާޒެކެވެ.

މި ބިލުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމަށް ކައުންސިލުތަކަށް ގިނަ ޒިންމާތަކެއް މަތިކޮށްފައިވެއެވެ. އެގޮތުން ކުނި މެނޭޖުކުރުމުގެ ޚިދުމަތް ރަށު އަދި ސިޓީ ފެންވަރުގައި ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ އިންތިޒާމުތައް ހަމަޖައްސައި، ކުނި މެނޭޖުކުރުމުގެ ޚިދުމަތް ރަށުފެންވަރުގައި ޕްލޭންކުރުމާއި، މަޝްރޫޢުތައް އެކުލަވާލުމާއި، މަޝްރޫއުތައް ތަންފީޒްކުރުން ހިމެނެއެވެ. އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ރަށު އަދި ސިޓީ ފެންވަރުގައި ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެއްސުމާއި، މާލީ އަދި ފަންނީ ވަސީލަތް ހޯދުންވެސް ކައުންސިލްތަކުގެ ޒިންމާތަކުގެ ގޮތުގައި ބަޔާންކުރެއެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނާ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެރަށެއް ނުވަތަ ސިޓީއެއްގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތުން ނަގާނެ އަގެއްވެސް ކަނޑައަޅަންޖެހެއެވެ. އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ކައުންސިލްތަކުން ފޯރުކޮށްދޭނަމަ އެ މަސައްކަތް ހަވާލުކުރަންވާނީ ކުނި މެނޭޖުކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކާކަމަށްވެސް މި ބިލުގައި ބަޔާންކުރެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައްވެސް ކައުންސިލްތަކުން ހިންގަންޖެހެއެވެ. އަދި ކުންޏާބެހޭ ޤައުމީ ސިޔާސަތު އެކުލަވާލުމަށް ބޭނުންވާ ތަފާސް ހިސާބުތައް ބެލެހެއްޓުމާއި ކަމާގުޅުން އިދާރާތަކަށް ފޯރުކޮށްދިނުމަކީވެސް ކައުންސިލްތަކުގެ ޒިންމާއެވެ. މީގެއިތުން މި ބިލު ޤާނޫނަކަށްވެސް އަމަލުކުރަން ފަށާތާ އެއް އަހަރު ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރާނެ ސަރަހައްދެއް ކަނޑައަޅަންޖެހެއެވެ.

ރާއްޖޭގައި ހުރިހާ ރަށެއްގައި އެންމެ ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރެވޭ ނިޒާމެއް އަދި ޤާއިމްވެފައެއް ނުވެއެވެ. އަދި ކުނި އެޅުމަށް ވަކި ޚާއްޞަ ސަރަަހައްދެއްވެސް ބައެއް ރަށްރަށުގައި ކަނޑައަޅާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ގިނަ ރަށްތަކަށް ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެެވެ.

މީގެ އިތުރުންވެސް މި ބިލުގައި ކުނި މަދުކުރުމަށް އެކުލަވަލާ ސިޔާސަތުތަކާއި ކުނި މެނޭޖުކުރުމަށް ޤައުމީ ޕްލޭން އެކުލަވާލުމާއި ގުޅޭ ސިޔާސަތުތަކާއި ސިންގަން ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތުތަކާއި، ކުނީގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުކުޑަކުރާނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި ކުންޏާބެހޭ މައުލޫމާތު އެއްކޮށް ރެކޯޑް ބަލަހައްޓާއި އޮޑިޓްކުރެވޭނެ އިންތިޒާމް ކަނޑައެޅުމާއި، މި ޤާނޫނާ ޚިލާފުވެއްޖެނަމަ ދޭނެ އަދުބުތައްވެސް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ކުނި މެނޭޖުކުރުމުގެ ޤާނޫނާ ޚިލާފުވެއްޖެނަމަ ފަސް ހާސް ރުފިޔާއާއި ފަންސާސް ހާސް ރުފިޔާއާއި ދެމެދު ޖޫރިނަމާކުރެވޭނެކަަމށް ބުނެފައިވެއެވެ. އަދި ސިނާއީ ކުނި މެނޭޖުކުރުމުގެ ޕްލޭން ހަދަންޖެހޭ ފަރާތަކުން އެފަދަ ޕްލޭނެއް ނުހަދައިފިނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. އަދި ކުނި ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ވަގުފާރީގެ އަމަލެއްކަމަށް ބަޔާންކޮށް އެފަދަ ކުށެއްކޮށްފިނަމަ ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަކުން ޖޫރިމަނާކުރެވޭނެކަމަށްވެސް މި ބިިލުގައި ވަނީ ބުނެފައެވެ.