ޚަބަރު

މާލޭގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1އަށް ކުދިން ވެއްދުމަށް ހުޅުވާލައިފި


މާލޭގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ކުދިން ވެއްދުމަށް ފޯމް ހުށައެޅުމުގެ ފުރުޞަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ދިރާސީ އާ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ ދެވަނަ ހަފްތާގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް ހުޅުވާލާފައިވަނީ މާލޭގެ ސްކޫލްތަކުން ޖާގަ ހޯދުމުގެ ފުރުޞަތެވެ. މި ފުރުޞަތު ހުޅުވާލީ މި ހިނގާ މޭ މަހުގެ 16ވަނަ ދުވަހުއެވެ. ފޯމް ހުށައެޅުމަށް ހުޅުވާލާފައިވަނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާލެ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ އެހެނިހެން ގްރޭޑްތަކަށް ވަނުމަށް ފޯމް ހުށައެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލަށް ޖާގަ ހޯދުމަށް އޮންލައިންކޮށް ފޯމް ހުށައެޅޭނެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިނިސްޓްރީގެ ޕޯޓަލް myoffice.moe.gov.mv/forms އިން ފޯމް ހުށައެޅޭނެއެވެ.

ސަރުކާރު ސްކޫލްތަކަށް މިހާރު ޖާޖަ ދެމުން އަންނަނީ، އެ ކުއްޖަކު ދިރިއުޅޭ ގެ ހުންނަ ސަރަޙައްދުގެ ސްކޫލްތަކަށް އިސްކަން ދީގެންނެވެ. މިއީ ސްކޫލަށް ކުދިން ގެންދިއުމަށް ފަސޭހަކުރުމަށް ހަމަޖައްސާފައިވާ އުސޫލެކެވެ.

ތަޢުލީމީ ނިޒާމަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގައި، ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ވަނީ ބަދަލު ގެނެސްފައެވެ. 2021ވަނަ އަހަރު ގެނައި މި ބަދަލުގައި، ކުރިން އާ އަހަރާއެކު ފައްޓަމުން އައި ދިރާސީ އަހަރު، މިހާރު ފަށަނީ އަހަރުގެ މެދުތެރެއިން ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުއެވެ. މިގޮތަށް ބަދަލު ގެނައުމުން، ސްކޫލްތަކުގެ ދެ ޓަރމްގެ ކިޔެވުން ކުރިއަށްގެންދަނީ މީލާދީ ދެ އަހަރަށް ބަހާލައިގެންނެވެ.

މި ބަދަލާއެލު މިދިޔަ އަހަރު އޮގަސްޓްގައި ފެށި ދިރާސީ އަހަރު ނިމޭނީ މިއަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހުއެވެ. އަދި އަންނަ ދިރާސީ އަހަރު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރުގައި ރާވާފައިވަނީ އަންނަ އޮގަސްޓް 7 ވަނަ ދުވަހުއެވެ. އެހެންކަމުން މިހާރު ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަންނާނީ އަހަރުގެ މެދު ތެރެއިންނެވެ.