ޚަބަރު

ކުނީގެ ބާވަތްތައް ވަކިކުރާ ޤަވައިދަށް އަންނަމަހު އަމަލުކުރަން ފަށަނީ


ކުނި މެނޭޖްކުރުމާބެހޭ ޤަވާއިދުގައިވާގޮތަށް، ކުނީގެ އެކި ބާވަތްތައް ވަކިން ބަންދުކުރުން އަންނަ މަހުން ފެށިގެން ތަންފީޒުކުރާނެކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ވިދާޅުވެއްޖެއެވެ.

ގޭގެއިންނާއި، ޢިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ކުނި ނެރޭއިރު ބައިބަޔަށް ވަކިކުރުމަށްފަހު ނެރެންޖެހޭގޮތަށް ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް އިޞްލާޙު ގެނެސް ގެެޒެޓްކުރީ މިދިޔަ އޮގަސްޓްމަހުގައެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ގޭބިސީތަކުން އުކައިލަން ނެރޭ ކުނި ހުންނަން ޖެހޭނީ ބައިތައް ވަކިކޮށްފައި ކަމަށެވެ. އެނޫން ގޮތަކަށް ނެރޭ ކުނި އުކައިލަން ހަވާލުނުވުމުގެ އިޚުތިޔާރު، ކުނިމެނޭޖްކުރުމުގެ ގަވައިދުން އެކޯޕަރޭޝަނަށް އޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެއެވެ. މިގޮތުން މާލެ ސަރަޙައްދުންނާއި އަތޮޅުތަކުންވެސް ކުނިވާ ބާވަތްތަކާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި އަދި އެހެނިހެން ކުނިތައް އަންނަ މަހުގެ 1ވަނަ ދުވަހުން ވަކި ކުރުމަށްފަހު ކުނި އުކާޅަން ވެމްކޯއަށް ހަވާލުކުރަން ޖެހެއެވެ.

ވެމްކޯއިން ވަނީ ދުވަހު ކުޏީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނިތައް އެ ކޯޕަރޭޝަންގެ ކެޕްސް ޚިދުމަތް ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވެމްކޯއަށް ގޮސް ކުނި އުކާލާ ފަރާތްތަކާއި މާލެ ސަރަޙައްދުން ބޭރުން ގެންނަ ކުނިތައްވެސް ބައިބަޔަށް ވަކި ކުރުމަށްފަހު ގެނައުމަށް ވެމްކޯއިން ވަނީ އަންގާފައެވެ.

ކުނި ވަކިކުުރުމަކީ ދުނިޔޭގެ ތަހުޒީބު ގިނަ މުޖުތަމައުތަކެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ތެރެއިން ކާމިޔާބުކަމާ އެކީ ތަޖުރިބާކޮށްފައިވާ ކަމެއްކަން ފާހަގަކޮށް ވެމްކޯއިން ވަނީ އެގޮތަށް ވަކިކުރުމުން މެނޭޖްކުރަން ޖެހޭ ކުނީގެ އަދަދު ނިސްބަތުން މަދުވާނެކަމަސެވެ. އަދި އެއީ ކުނި ރިސައިކަލްކޮށް އިތުރު ނަފައެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން ވިދަޅުވެއެވެ.

ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހްގައިވާގޮތުން ހުރިހާ ރަށެއްގައިވެސް، ކުނި އުފައްދާ ފަރާތުން އެ ކުނި މެނޭޖުކުރުމަށް ދާ ޚަރަދަށް ޤާނޫނީގޮތުން ޒިންމާ ވާން ޖެހޭނެއެވެ. އަދި ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ނެރޭ ކުނި ވަކިކޮށްފައި ބަހައްޓަންޖެހޭނެ ބައިތައްވެސް ހިމަނާފައިވެއެވެ. އެގޮތުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން އަދި އެހެނިހެން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ 4 ބަޔަކަށް ވަކިކޮށްފައެވެ. އަދި މާލޭ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ 3 ބަޔަކަށް ވަކިކޮށްފައެވެ.

އެގޮތުން ގޭބީސީއަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 300 ރުފިޔާ، ދެވަނަ ފަހަރު 500 ރުފިޔާ އަދި ތަކުރާރުވާ ކޮންމެ ފަހަރަކުވެސް 500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތައް، އަދި ކުނި އުފައްދާ އެހެން ފަރާތަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 500 ރުފިޔާ، ދެވަނަ ފަހަރު 700 ރުފިޔާ، އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރުންވެސް ތަކުރާރު ކުރާ ފަހަރުތަކުގައި 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. ސިނާޢީ ރަށެއް ނުވަތަ ރިސޯޓަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާ، ދެވަނަ ފަހަރު 1500 ރުފިޔާ، އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރަށް ކުނި ވަކި ނުކުރާ ފަހަރުތަކުގައި 2000 ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުނި ވަކިކޮށްފައިނުވާނަމަ ކުނި ބަލައިނުގަތުމުގެ އިހްތިޔާރުވެސް ކުނި މެނޭޖް ކުރުމުގެ ޒިންމާއާއި ހަވާލުވެފައިވާ ފަރާތަށް ލިބިގެންވާ ކަމަށް އަލަށް ގެނައި އިސްލާހުގައިވެއެވެ.