ތަރައްްޤީ

ވީ.އައި.އޭގެ ތަރައްޤީގެ މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްލަވާލައްވައިފިއެވެ. ވީ.އައި.އޭ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދާ އެއް މަސައްކަތަކީ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލުގެ މަސައްކަތެވެ.

ރައީސުލްޖުމްހޫރިއްޔާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއްވި ޒިޔާރަތުގައި، ވީ.އައި.އޭގައި ހިނގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން ވަކި ވަކި ސައިޓުތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ވީ.އައި.އޭގެ އައު ސީ ޕްލޭން ޓަރމިނަލާއި، ކާގޯ ޓަރމިނަލާއި، ފިއުލް ފާމާއި، ފަޔަރ ބިލްޑިންގގެ އިތުރުން އައު ޕަސެންޖަރ ޓަރމިނަލަށް ވަޑައިގެން، އެތަންތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ވީ.އައި.އޭ ތަރައްޤީކުރުމަށް ކުރިއަށްގެންދާ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ ދަށުން އެއަރޕޯޓުގެ ޖާގަ އިތުރުކުރުމަށް 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އައު ރަންވޭގެ މަސައްކަތާއި، ފިއުލްފަރމާއި ކާގޯ ޓަރމިނަލް ކޮމްޕްލެކްސްގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާއެވެ. އަދި މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އައު ޕަސެންޖަރ ޓާމިނަލްގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާއެވެ.

އައު ރަންވޭއާއި، އައު ސީ ޕްލޭން ޓަރމިނަލާއި، ފަޔަރ ބިލްޑިންގއާއި، އައު ސީ ޕްލޭން ޓަރމިނަލާއި، ފިޔުލް ފާމްގެ މަސައްކަތް ނިންމާ، އެތަންތަން ހުޅުވާ ބޭނުންކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެމް.އޭ.ސީ.އެލުން ދަނީ ކޮންޓްރެކްޓަރާ ގުޅިގެން ކުރަމުންނެވެ.

އައު ވީ.އައި.ޕީ ޓަރމިނަލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ އެތަން ބޭނުން ކުރަން ފަށާފައިވާއިރު، ވީ.އައި.ޕީ ޓަރމިނަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި، އައު ކާގޯ ޓަރމިނަލް ކޮމްޕްލެކްސްއާއި، އައު ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް ބާރު ދުވެލީގައި ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ޖެއްސޭނެހެން 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެއް ވަނީ ތަރައްޤީކޮށްފައެވެ.

އަލަށް ތަރައްޤީކުރާ ފިޔުލް ފާމަކީ މިހާރު ބޭނުންކުރާ ފިޔުލް ފާމަށްވުރެ 3 ގުނަ ބޮޑު ތަނެކެވެ. މިތަނުގައި 45 މިލިއަން ލީޓަރުގެ ޖެޓް A1 ފިއުލް، އެއް މިލިއަން ލީޓަރުގެ ޑީސަލް އަދި 0.1 މިލިއަން ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެއެވެ. ފިއުލް ސްޓޯރޭޖްގެ އައު އެކްސްޕޭންޝަނާއެކު ވީއައިއޭގައި ފިއުލް ހައިޑްރަންޓް ސިސްޓަމް ހަރުކުރެވި، އެއަރލައިންތަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ކުރުވެގެންދާނެއެވެ.

ވީއައިއޭގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރާ އައު ކާގޯ ޓާމިނަލް ކޮމްޕްލެކްސްގައި ޒަމާނީ ވަސީލަތްތަކާއެކު ކާގޯ ލޯޑްކޮށް އަންލޯޑް ކުރުމަށް ބޭނުންކުރާނެ ވަޞީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ.

އަހަރެއްގެ މައްޗަށް 120،000 ޓަނު ކާގޯ މިތަނުން ޕްރޮސެސް ކުރެވޭނެކަމަށް އަންދާޒާ ކުރެވެއެވެ. މިއީ މިހާރު ބޭނުންކުރާ ކާގޯ ޓާމިނަލްގެ 50 ޕަސެންޓަށް ވުރެ ބޮޑު އަދަދެކެވެ. 4 ބުރީގެ ޒަމާނީ ސީޕްލޭން ޓާމިނަލްއަކީ ވީވީއައިޕީ އަދި ޑެޑިކޭޓެޑް އެރައިވަލް ލޮބީ ފަދަ އާ ވަސީލަތްތައް ހިމެނޭ ޓާމިނަލެކެވެ. 28،000 އަކަމީޓަރުގެ މި ޓަރމިނަލުގައި ތަނަވަސް ލައުންޖްތަކާއި، އިތުރު ބޯޑިން ގޭޓްތައް ޤާއިމުކޮށްފައިވެއެވެ.

ވީ.އައި.އޭގައި ތަރައްޤީކުރާ އައު ޕަސެންޖަރ ޓަރމިނަލަށް ބަލާއިރު، މިތަނަކީ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު އަހަރަކު ގާތްގަނޑަކަށް 7.5 ފަސިންޖަރުންނަށް ޚިދުމަތްދެވޭނެހެން ތަރައްޤީކުރަމުން އަންނަ ތަނެކެވެ. މިތަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ޖަޒީރާވަންތަކަމާއި، ދިވެހިންގެ ސަޤާފަތް ރަމްޒުކޮށްދޭނެހެންނެވެ. އައު ޕަސެންޖަރ ޓަރމިނަލުގެ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު، އިމާރާތުގެ ސްޓީލް ސްޓްރަކްޗަރާއި، ފަސާޑުގެ މަސައްކަތާއި އިމާރާތް ހިޔާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.