މުނިފޫހިފިލުވުން

70ގެ ސުޕަރހިޓް "އާނަންދު"ގެ ރީމޭކެއް ހަދަނީ


ހިންދީ ސިނަމާތަކުގައި 1970ގެ އަހަރުތަކުގައި ރަސްކަންކުރި ފިލްމު "އާނަންދު" ގެ ރީމޭކެއް ހަދަން ނިންމަައިފިއެވެ. 1971 ވަނަ އަހަރު ނުކުތް މި ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ބޮލީވުޑްގެ ދެ ސުޕަރ ސްޓާރުންކަމަށްވާ ރާޖޭޝް ކަންނާއާ އަމީތާބު ބައްޗަންގެ އިތުރުން ސުމިތާ ސަންޔަލްއެވެ.

ހިންދީ ސިނަމާތަކުގައި އަމީތާބު ރަސްކަން ކުރަން ފެށީ ރާޖޭޝްކަންނާގެ ތަރި އޮއްސެން ފެށި ހިސާބުންނެވެ. މި ފިލްމުގައި ރާޖޭޝް ކަންނާއާ އެކު އަމިތާބު ފެނުނުއިރު އޭރަކީ އަމީތާބު ބޮލީވުޑަށް ނުކުމެ ފިލްމުތަކުގެ ލީޑުން ފެންނަން ފެށި ދުވަސްވަރެވެ.

ފިލްމް "އާނަންދު" ރީމޭކް އުފައްދަނީ މި ފިލްމުގެ އަސްލު އުފެއްދި އެންސީ ސީއްޕީގެ ކާފަ ދަރިއެއްކަމަށްވާ ސަމީރް ރާޖް ސިއްޕީއެވެ. އައު ފިލްމުގެ ޑައިރެކްޓަރުކަންވެސް ދީފައިވަނީ މީގެ ފުރަތަމަ ފިލްމުވެސް ޑައިރެކްޓްކުރި ހިރިޝިކޭޝް މުކަރުޖީއަށެވެ.

ގިނަ އެވޯޑްތަކެއް އުފުލާލި "އާނަންދު" މި ފިލްމަކީ މި ފިލްމު އުފެއްދުމާއި ގުޅޭ ގިނަ ވާހަކަތަކެއް ދެކެވޭ ފިލްމެކެވެ. މި ފިލްމު ފުރަތަމަ ހުށައެޅީ ރާޖޭޝްކަނާއަކަށް ނޫނެވެ. ފިލްމުގެ ޕްރޮޑިއުސަރު އެންސީ ސިއްޕީ ބޭނުންވީ މި ފިލްމުގެ ލީޑް ރޯލް ކިޝޯރު ކުމާރާއި މެހެމޫދަށް ދޭށެވެ. އަދި ފިލްމުގެ ލީޑް ކިޝޯރުކުމާރަށް ދޭން ވެގެން އޭނާއާ ސިއްޕީ ވާހަކަދެއްކިކަމަށްވެސް ވެއެވެ.

އެހެންނަމަވެސް ފިލްމު ސްކްރިޕްޓް ހިފައިގެން ސިއްޕީ ކިޝޯރު ގެއަށް ދިޔުމުން އެގޭ ދޮރުވާނު އޭނާ ނުވައްދާ ފޮނުވާލިއެވެ. ސަބަބަކީ ކިޝޯރަށް ފައިސާތަކެއް ދޭންޖެހޭ ބެންގާލީއަށް ނިސްބަތްވާ މީހަކު އައިސްފިނަމަ ގެއަށް ނުވެއްދުމަށް ކިޝޯރު ބުނެފައި އޮތުމުންނެވެ. ދޮރުވާނަށް ހިވީ ސިއްޕީ އަކީ މި މީހާހެންނެވެ. މިހެން ކަންތައް ވުމުން ސިއްޕީ ދެން ކިޝޯރަށް އެފިލްމު ދޭން ބޭނުންނުވެ ފިލްމުގެ ލީޑްރޯލްތައް ހުށައެޅީ ރާޖްކަޕޫރާއި ޝަޝީ ކަޕޫރަށެވެ. ރާޖޭޝްކަންނާއާ އަމީތާބަށް ފިލްމު ލިބުނީ އެމީހުން ނުނެކޭ ބުނުމުންނެވެ.

މި ފިލްމުގެ ޑައިރެކްޓަރ ހިރިޝިކޭޝް މި ފިލްމު ޝޫޓްކޮށް ނިންމާފައިވަނީ އެންމެ 28 ދުވަހުގެ ތެރޭގައެވެ. މީ ގްލުޒާރުގެ ސްކްރީން ޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ބައެއް ޑައިލޮގްތަކާއި ބައެއް ލަވަތަލުގެ ޅެންވެރިޔަކީވެސް ގުލްޒާރެވެ. މި ފިލްމުގެ ލަވަތަކުން "ކަހީ ދޫރް ޖަން ދިން ޑަލް ޖާއޭ" މީ ވަރަށް މަޝްހޫރުވެގެންދިޔަ ލަވައެކެވެ.