އަމާން ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ "ހަފްތާރެސް" ޕްރޮގްރާމް ވ.ފެލިދޫގައި ފަށައިފިއެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވައިދެއްވީ ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު ޢަލީއެވެ.
މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ "ހަފްތާރެސް" ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ފެލިދޫގައި ކުރިއަށްދާ ޕްރޮގްރާމަކީ "ހަފްތާރެސް" ޕްރޮގްރާމްގެ 7ވަނަ ސިލްސިލާ ޕްރޮގްރާމްއެވެ. 3 ދުވަހަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްގެންދަނީ 3 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ޒުވާނުންނާއި، ސްކޫލްތަކަށާއި ކައުންސިލްތަކަށް އަމާޒުކޮށްގެންނެވެ.
މިޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު ޢަލީ ވިދާޅުވީ، މިޕްރޮގްރާމްގެ ސަބަބުން އެއީ އިޖްތިމާއީ ގޮތުން ވ.އަތޮޅަށް ލިބިގެންދާ ވަރަށް ބޮޑު ފައިދާ ތަކެއްކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނި މުޅި މުޖުތަމައު އެއްކޮށް ގުޅިގެން ތަރައްޤީއަށް ކުރާނެ މަސައްކަތްތަކެއް ފަށަން. އެގޮތުން މި ފެށިގެންދިޔަ ހަފްތާރެސް ޕްރޮގްރާމްގެ ތެރޭގަ މިކަންކަމާ ގުޅުން ހުރި ސެޝަންތައް ހިމެނިގެންދާނެކަމަށް. މި ސެޝަންތަކުގެ ސަބަބުން މުޖުތަމައުގަ މިހުންނަ ބައިބައިވުން ހައްލުކޮށް ގުޅިގެން އެންމެން އެއްކޮށް ކުރިއަށްދާން" ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު ޢަލީ ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޑައިރެކްޓަރ ޖެނެރަލް އަލީ ޒަކީ އަހްމަދު ވިދާޅުވީ ފެލިދޫގައި ކުރިއަށްދާ ހަފްތާރެސް ޕްރޮގްރާމްގެ ތެރޭގައި ތަފާތު އެކި ސެޝަންތަކުގެ އިތުރަށް ޢާއިލީ ހަވީރެއްވެސް ކުރިއަށްދާނެކަމަށެވެ. އަދި މިކުރިއަށްދާ ޕްރޮގްރާމްގެ ސަބަބުން މުޖުތަމައުގައި ހުންނަ ތަފާތު ގުޅުންތައް ކުރިއަރައިދާނެކަމަށްވެސް ޑައިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.
"ޖުމްލަގޮތެއްގައި މިޕްރޮގަރާމްގެ އެންމެބޮޑު އެއް ބޭނުމަކީ ވީހާވެސް ގާތުން ރައްޔިތުންނާ ވާހަކަދައްކާ މަޝްވަރާކޮށް ބޭނުންވާ ކަންތައްތައް އޮޅުންފިލުވައި، ދެވެން އޮތް ހައްލެއް ދިނުން" ޔޫތު މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް އަލީ ޒަކީ އަހްމަދު ވިދާޅުވިއެވެ.
"ހަފްތާރެސް" ޕްރޮގްރާމަކީ ވިލުންވެރި މުޖުތަމައެއް ބިނާކޮށް އެންމެންގެ ސަލާމަތްތެރިކަމާއި އުފާފާގަތިކަން ކުރިމަގަށް ކަށަވަރުކުރުމަށްޓަކައި ހިންގާ ޕްރޮގްރާމެކެވެ. އަދި މިޕްރޮގްރާމަކީ އެކުވެރިކަމާއި އިޖުތިމާއީ ބަދަހިކަން އާލާކޮށް ހޭލުންތެރިކަން އިތުރުކޮށް މުޅި މުޖްތަމައުގެ ހުރިހާ ދާއިރާތައް ހިމަނައިގެން ހިންގޭ ހަރަކާތްތަކެއްވެސްމެއެވެ.