ޚަބަރު

ވެލާ ކަހަނބުގެ ބުރަކަށީގައި "ޓްރެކިން ޑިވައިސް" ހަރުކުރަނީ ކީއްވެ؟


ވެލާ ކަހަނބުގެ ދިރުޅުމާއި އުޅުމާއި އޭތި ދަތުރު ކުރާ ގޮތް ބަލައި ޢިލްމީ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ރާއްޖޭގައި ކުރެއެވެ. ވެލާ ކަހަނބު ބަލިވެގެން އޮޔާދާ ނުވަތަ އެނޫންވެސް ގޮތަކުން ފެންމަތިވެގެން އުޅޭ ވެލާ ކަހަނބަށް ފަރުވާ ދިނުމަށްޓަކައި ރާއްޖެގައި މީގެ އަހަރު ތަކެއް ކުރިއްސުރެ ޚާއްސަ މަސައްކަތްތަކެއް ފަނީ ފަށާފައެވެ. މިފަދަ ބަޔަކު ވެލާ ކަހަނބަށް ގެއްލުމެއްވާ ޒާތުގެ ކަމެއް ކޮށްފާނެހެއްޔެވެ؟

ބ.އަތޮޅު ކޮކޯޕާމް ދުނިކޮޅުގައި ހިންގަމުން އަންނަ އޮލިވް ރެޑްލީ ޕްރޮޖެކްޓުން ފަރުވާ ދިން ވެލައެއްގައި ޓްރެކާއެއް ހަރުކޮށްފައިވާ ފޮޓޯއެއް މީސްމީޑިއާގެ ޕްލެޓް ފޯމްތަކުގައި ދައުރުވިއެވެ. މި ފޮޓޯ ހިއްސާ ކުރި ބައެއް މީހުން ބުނާގޮތުން ވެލާގެ ބުރަކަށީގައި މިހާބޮޑު އެއްޗެއް ހަރުކުރުމުން ކަނޑުގައި އުޅެން އުނދަގޫ ވާނެއެވެ. މިކަމުގެ އަސްލު ހަގީގަތަކީ ކޮބައިބާއެވެ؟

މިހާތަނަށް ހަދާފައި ހުރި ދިރާސާތަކަށް ބަލާނަމަ ވެލާގެ ތޮށިގަނޑު ކިތަންމެ ބޯވެފައި ވަރުގަދަ ނަމަވެސް އެއަށް ކުޑަ ބީހިލުމެއް އަޔަސް ވެލަޔަށް ނުވަތަ ކަހަނބަށް އެނގޭނެއެވެ. މި ދިރުންތަކުގެ ތޮށިގަނޑު އުފެދިފައި ހުންނަނީ ކެރަޓިން ކިޔާ މާއްދާއަކުންނެވެ. އެއީ އިންސާނުންގެ އިސްތައްޓާއި ނިޔަފަތި އުފެދިފައި ހުންނަމާއްދާއެވެ. އެހެންނަމަވެސް ވެލާ ކަހަނބުގެ ބުރަކަށީގައި ހަރުކުރާ ޓްރެކިން ޑިވައިސްގެ ސަބަބުން އެއަށް އެއްވެސް ގެއްލުން ނުވާނެކަމަށް އޮލިވް ރެޑްލީ ޕްރޮޖެކްޓްގެ ދަށުން އެރަށުގައި ހަރަކާތްތެރިވާ ވެޓްޑޮކްޓަރުންގެ ޓީމުންބުނެއެވެ.

ވެލާ ކަހަނބަކީ ދިވެހި ރާއްޖޭގެ ޤާނޫނުން ޙިމާޔަތްކޮށްފައިވާ ބާވަތެކެވެ. އެހެންކަމުން އޭގެ ބުރަކަށީގައި ޓްރެކިން ޑިވައިސް ހަރުކުރަނީވެސް އަދި އެނޫން ކަންކަން ކުރަނީވެސް އެންވަޔަރަންމަންޓު ޕޮރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ހުއްދަވެސް ހޯދައިގެންނެވެ.

ބަލިވެގެން އޭގެ އަމިއްލަ ޒާތުގައި ނޫޅެވޭވަރުވެފައި ވާ ވެލާ ކަހަނބު ފެނުމުން އެއަށް ފަރުވާކޮށް އެއާ ގުޅޭ ޢިލްމީ ހޯދުންތައް ހޯދައި ދިރާސާތައްކޮށް ކަންކަން ދެނެގަތުމަކީ އޮލިވް ރެޑްލީ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި ކުރާ މުހިންމު ޢިލްމީ މަސައްކަތެކެވެ.

ކޮންމެއަކަސް ފަހުން މީސްމީޑިއާގައި ވައިރަލްވެގެން އުޅޭ، ޓްރެކިން ޑިވައިސް ހަރުކުރި ވެލަޔަކީ އެތައް ދުވަހަކު އެ ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މޫދުގައި އުޅެވޭނެކަން ޔަގީންވުމުން ދޫކޮށްލި ވެލައެކެވެ. ފަރުވާ ދިނުމަށް އެސެންޓަރަށް ގެންދާ ކޮންމެ ވެލައަކަށް ނަމެއްދެއެވެ. އެވެލާއަށް އެމީހުން ދިފައިވާ ނަމަކީ "އޯޓަމްސް"އެވެ. އޯޓަމްސް އަކީ ސެންޓަރުގެ މީހުންނަށް އޭތި ފެނުނުއިރު މޫދުގައި ގަދަވެ ސަލާމަތުން އެޅެމުން އައި ވެލައެއް ނޫނެނެވެ. އެއީ ތަނަކަށް ބިސް އަޅަން އެރި ވެލައެއްވެސް ނޫނެވެ. އެ ވެލައަކީ ރާއްޖޭގެ ކަނޑުތަކުން އާންމުކޮށް ފެންނަ ވައްތަރުގެ ވެލައެއްވެސް ނޫނެވެ. އެވެލަޔަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދާ ގަނޑެއްގައި އޮޅިގެން ހާނީއްކަވެފައި އޮއްވައި ފެނުނު ވެލައެކެވެ. ލިބިފައިވާ ހާނީއްކަތަކުގެ ސަބަބުން ބަލިވެ އަމިއްލައަށް އަޑިއަކަށްވެސް އެއަށް ނުދެވެއެވެ.

އޮލިވް ރެޑްލީ ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ކުރިމަކަމަކީ އެއަށް ފަރުވާދީ އަމިއްލައަށް ދިރިއުޅެވޭވަރުކުރީއެވެ. އެއަށްފަހު ޓްރެކިން ޑިވައިސްއެއް ހަރުކޮށް އެވެލާ ފުރަތަމަ ދޫކޮށްލީ މިއަހަރުގެ އޭޕްރީލް މަހުގެ 18ވަނަ ދުވަހުއެވެ. އެދުވަހު ކޮކޯޕާމް ދުނިކޮޅު ރިސޯޓުން ދޫކޮށްލި މިވެލާ މިހާރު އޮތީ އެރަށާ އެތައް މޭލެއް ބޭރުގައެވެ.

މި ވެލާގެ ދިގު ދަތުރަށް ބަލާލާނަމަވެ. ބ.އަތޮޅު ހުޅނގު އުތުރު ބިތުގައި އޮންނަ ކޮކޯޕާމް ރިސޯޓުން މި ވެލާ ދޫކޮށްލުމުން އެވެލާގެ މިސްރާބު ހުރީ މާލެ އަތޮޅާ ދިމާއަށެވެ. އެއަށްފަހު މިސްރާބު ބަދަލުކޮށް މާލެ އަތޮޅު ފަހަނައަޅައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުންވެސް އެވެލާ މިހާރުވަނީ ބޭރަށް ގޮސްފައެވެ. މި ވީދުސް ތަކުގެ ތެރޭގައި އެވެލާ 788 ކިލޯމީޓަރަށް ވަނީ ދަތުރުކޮށްފައެވެ.

ޓްރެކިން ޑިވައިސް ހަރުކުރުމުގެ ބޭނުން

މިފަދަ ޑިވައިސްއެއް ހަރުކުރުމުގެ އެންމެބޮޑު އެއް ބޭނުމަކީ އޮލިވް ރެޑްލީ ޕްރޮޖެކްޓްގެ ދަށުން ފަރުވާދިނުމަށްފަހު ދޫކޮށްލާ ވެލާ ކަހަނބުތައް އުޅެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިތޯ ނުވަތަ އެތަކެތީގެ މާޙައުލަކީ ކޮބައިތޯ ބެލުމެވެ. އަދި އެފަދަ ވެލާ ކަހަނބުގެ މައި ބިސް މޮވި ނުވަތަ އުފަންވިތަނަށް އެތަކެތި ބޮޑުވެ ބިސްއަޅަން ކުރާ ދަތުރުގެ މަޢުލޫމާތު ހޯދުމެވެ. ދިރާ ސާތަކުން ދައްކާގޮތުން ވެލައެއް ބިސް އަޅާތަނަށް ނުވަތަ ބިސް މޮވުނު ތަނަށް އެނބުރި ދާނެކަމަށް ބެލެވިފައި އޮންނަނީ އޭގެ އުމުރުން 15 އަހަރު ފަހުންނެވެ.

ދެން އޮތް ސުވާލަކީ އޮލިވް ރެޑްލީ ޕްރޮޖެކްޓްގެ ދަށުން ދޫކުރާ ވެލާ ކަހަނބުގައި ރަތް ކުލައިގެ ޓެގެއް ޖެހީ ކީއްވެތޯއެވެ. ރަތް ކުލަ ޖެހުމުން ލޭގެ ކުލަޔަށް ދޮޅުވާ މަސްމަހާމެހީގެ ހަމަލާ އެއަށް އަމާޒުވާން ފަސޭހަވާނެކަމަށް ބައެއް މީހުން ދެކުނެވެ. އެހެންނަމަވެސް ރަތް ކުލައަކީ ކަނޑުގެ އަޑިއަށް ގެއްލޭ ކުލައެކެވެ. އެހެންކަމުން ފެހި ޖެހުމާ ގާފޮރި ޖެހުން އަދި ދިރޭ އެހެނިހެން މަސްމަހާ މެހި އެއަށް ހަމަލާ ދިނުން ނުވަތަ ތަތްކުރުން ފަދަ ކަންކަން ވުމުން ދުރުކުމަކީ މީގެ ބޭނުމެވެ. މި ދެންނެވި އެއްވެސް ކަމެއް ހިނގައިފިނަމަ އެ ޓްރެކިން ޑިވައިސްއިން ސިގްނަލް ހޯދުމަށް އުނދަގޫ ތަކެއްވެސް ކުރިމަތިވާނެއެވެ.

ރާއްޖެގެ ކަނޑުތަކުން ނެތި ދިއުމުގެ ބިރުހީވެފައިވާ މި ދިރުން ޙިމާޔަތްކުރުމަށް ކުރަމުން ގެންދާ މަސައްކަތުން ފައިދާ ކުރަނީ ހަމަ އެކަނި އޮލިވް ރެޑްލީ ޕްރޮޖެކްޓަކަށް ނޫނެވެ. އަދި ކޮކޯޕާމް ރިސޯޓަކަށްވެސް ނޫނެވެ. އޭގެ ފައިދާ މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަނީ ކުރަމުންނެވެ. އަދި އެއިން ލިބޭ ޢިލްމީ މަޢުލޫމާތުގެ ފައިދާ އެންމެންނަށް ކުރާނެއެވެ. ނޭނގިތިބެ ހަގީގަތެއްނެތް ވާހަކަތައް ދައްކާ ބަޔަކަށް އަޅުގަނޑުމެން ނުވަމާތޯއެވެ.