ޚަބަރު

ވ.އަތޮޅުން މަރުވެފައި އޮތް ބޮޑު މަހެއް ފެނިއްޖެ


ވ.އަތޮޅުން މަރުވެފައި އޮތް ބޮޑު މަހެއް ފެނިއްޖެއެވެ. އެމަސް ފެނުނީ އެއަތޮޅު މަޑަންގިރި ކިޔާ ފަރެއްގެ ބޭރުން މަސްވެރިކަން ކުރަން އުޅުނު ބަޔަކަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ވ.އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު އަލީ ވިދާޅުވީ މަރުވެފައި އޮތްވާ ފެނުނު ބޮޑުމަހުގެ ދިގުމިނުގައި ގާތްގަނޑަކަށް 50 ފޫޓް ހުންނާނެކަމަށެވެ.

ވ.އަތޮޅު ކައުންސިލުން އަންނަނީ މިމަސް ހިކިފަސް ސަރަަހަދަކަށް އެރުވުމުގެ މަސަކަތް ކުރަމުންނެވެ. އެއީ އެއަތޮޅަކީ ފަތުރުވެރިކަމުގެ އަތޮޅަކަށް ވުމުން، އެމަސް ހިއްކާފައި ކަށިތައް ނަގާ މަހުގެ ޑިޒައިނަށް ރޭވުމުގެ ބޭނުމުގައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިމަސް ފެނުނު ކަމުގެ މަޢުލޫމާތު އެންވަޔަރަންމަންޓް ޕްރޮޓަކްޝަން އޭޖެންސީ އީޕީއަށް މިހާރު ވަނީ ދީފައެވެ. އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ މަރުވެފައި އޮތް ބޮޑު މަހެއް ވ.އަތޮޅުން ފެނިގެން ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެއީ ކޮން ބާވަތެއްގެ ބޮޑުމަހެއްކަމެއް އަދި އެނގިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ބޮޑު މަސް މިހާރު އޮތީ އެއަތޮޅު ފެލިދޫ ކައިރީގައި އޮންނަ މަޑުއްވަރީ ފަޅުގެ ހުޅަނގު ކޮޅު ފަރުމައްޗައް އަރުވާފައެވެ. އަދި މާދަމާ ދިޔަވަރު ބޮޑުވާ ވަގުތު ބަލާފައި އެފަރުގައި އޮތް ފިނޮޅަށް އެމަސް އެރުވުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް ވ.އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު އަލީ ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ މިމަހުގެ ކަށިގަނޑު ނެގުމަށް މި މަސް ވަޅުލާނެކަމަށެވެ. އެއީ އޭގެ މަސްގަނޑު މަރުވެ ފަނާވުމުން އޭގެ ކަށިތައް ނަގާ ބޮޑުމަސް ސިފަވާގޮތައް ކޮންމެވެސް އެއްރަށެއްގައި ބެހެއްޓުމުގެ ބޭނުމުގައެވެ. އެންމެ ބޮޑު އެއްބޭނުމަކީ ފަތުރުވެރިންނަށް ޚާއްސަކޮށްގެން އެކަންކޮށް، އަތޮޅު އިސްތިހާރު ކުރުންކަމަށް އޭނާވިދާޅުވިއެވެ.

ފަތުރު ވެރިކަމުގެ ސިނާ އަތުގައި މި އަތޮޅަކީ ތަފާތު ހިތްގައިމު މަންޒިލެކެވެ. އެގޮތުން އެތަޅު ބޯޓް ރެކް ސަރަހައްދާއި ނިދަންމިޔަރު އަރާ ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލް ދެ މަންޒިލެވެ.