ޚަބަރު

ގ.ދ ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަަސައްކަތް ފަށައިފި


ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ކާޑެއްދޫ މިހާރު ބޭނުން ކުރަމުންދާ ބަނދަރަކީ މީގެ 28 އަހަރު ކުރިން އެރަށުގެ އެއަރޕޯޓް ތަރައްގީ ކުރި އިރު ހަދާފައިވާ ބަނދަރެކެވެ. މި ބަނދަރުގެ ޖެޓީގެ ބޮޑު ބައެއް މި އަހަރު ކުރީ ކޮޅު ވަނީ ވެއްޓިފައެވެ. އޭގެ ސަބަބުން އެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާވަނީ ކުރިމަތިލާންޖެހިފައެވެ. ދެކުނުގެ އެންމެ މުހިންމު އެއް އެއަރޕޯޓު އޮންނަ ގދ.ކާޑެއްދޫގެ ބަނދަރަކީ ކޮންމެ ދުވަހަކުވެސް އެތައް ރައްޔިތުން ތަކެއް ޚިދުމަށް ހޯދަމުން އަންނަ ބަނދަރެކެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލްކޮށްގެން މިހާރު ކާޑެއްދޫގައި ތަރައްގީ ކުރާބަނދަރުގެ މަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހަދެއްގައި ހާބަރ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 9.52 މިލިޔަން ރުފިޔާއަށެވެ.