ކުޅިވަރު

މުލީކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަން އަންމަޑޭއަށް


ދިވެހި ސާފިން ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަން އަޙްމަަދު އާގިލް (އަންމަޑޭ) ހޯދައިފިއެވެ.

މ. މުލީގައި ކުރިއަށްދިޔަ މި މުބާރާތުގެ ޝޯޓްބޯޑް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އަންމަޑޭ ހޯދީ ފައިނަލުގައި ނަޖާހް މުޙައްމަދު (ކަބޯ) އާއި ވާދަކޮށް 4.43 ޕޮއިންޓުގެ ތަފާތުންނެވެ.

ބުދަ ދުވަހު ހަވީރު ކުރިއަށްދިޔަ ފައިނަލުގައި އަންމަޑޭ ވަނީ ހަތް ރާޅުން 13.67 ޕޮއިންޓް ހޯދައިފައެވެ. އޭނާ އެންމެ ގިނަ ޕޮއިންޓް ހޯދީ ހަތަރުވަނަ ރާޅުގައެވެ. އެ ރާޅުގައި އެކަނިވެސް އޭނާ ވަނީ 7.50 ޕޮއިންޓް ހޯދައިފައެވެ. މީގެ އިތުރުން ފުރަތަމަ ރާޅުގައި 6.17 ޕޮއިންޓް ހޯދިއެވެ. ދެވަނައަށް ދިިޔަ ނަޖާހުއަށް ސްކޯ ކުރެވުނީ 9.24 ޕޮއިންޓެވެ. އޭނާއަށް އެންމެ ގިނަ ޕޮއިންޓް ހޯދުނީ ތިންވަނަ ރާޅުގައެވެ. އެ ރާޅުގައި އޭނާ ވަނީ 5.87 ޕޮއިންޓް ހޯދައިފައެވެ.

މިއީ ގައުމީ މުބާރާތެއް އަންމަޑޭ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މި މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދައިފައިވަނީ މުއްޔަށް ނިސްބަތްވާ ޝާނިފް ޝަފީގެވެ. ޝާނިފް ޗެމްޕިއަންކަން ހޯދީ މުލަކުގެ ޖުމާން މުޙައްމަދުގެ މައްޗަށް 2.89 ޕޮއިންޓްގެ ތަފާތުންނެވެ.

ފައިނަލް ހީޓުގައި ޝާނިފް ވަނީ އަށް ރާޅުން 14.43 ޕޮއިންޓް ހޯދައިފައެވެ. އޭނާ އެންމެ ގިނަ ޕޮއިންޓް ސްކޯކުރީ ހަތްވަނަ ރާޅުގައެވެ. އެ ރާޅުގައި އޭނާ ވަނީ 7.50 ޕޮއިންޓް ސްކޯކޮށްފައެވެ. ދެވަނައަށް ދިޔަ ޖުމާންއަށް އަށް ރާޅުން ހޯދުނީ 11.54 ޕޮއިންޓެވެ. އޭނާ އެންމެ ގިނަ ޕޮއިންޓް ސްކޯކުރީ ހަތަރުވަނަ ރާޅުގައެވެ. އެ ރާޅުގައި އޭނާ ވަނީ 6.67 ޕޮއިންޓް ސްކޯކޮށްފައެވެ.