ޚަބަރު

ޙައްޖަށް ގެންދިއުމުގައި މަކަރު ހަދާނަމަ 500،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާނެ


ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި މަކަރު ހަދާ ކުންފުނިތައް 500،000 ރުފިޔާއާ ހަމަޔަށް ޖޫރިމަނާ ކުރަން ނިންމާ އާ އުޞޫލް އެކުލަވާލާ އަމަލު ކުރަން ފަށައިފިއެވެ.

ހައްޖަށް އަދި އުމުރާއަށް ގެންދާނެ ކަމަށް ބުނެ، ބައެއް ކުންފުނިތަކުން މީހުންގެ އަތުން މަކަރާ ހީލަތުން ފައިސާ ނެގުމުގެ ގިނަ މައްސަލަތަކެއް ކުރިން ފެންމަތިވެފައިވެއެވެ. އެފަދަ ބައެއް މައްސަލަތަކުގެ ޝަރީއަތް މިހާރުވެސް ކުރިއަށްދެއެވެ.

އިސްލާމިކް މިނިސްޓްރީން ގެޒެޓްކުރި އާ އުސޫލުގައި، ޙައްޖަށް މީހުން ގެންދާ ކުންފުނިތަކުން، އެ އުސޫލާ ހިލާފަށް ކަންކަން ކުރާނަމަ ޖޫރިމަނާ ކުރެވޭނެ ތިން ގޮތެއް ހިމަނާފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫލްގައިވާގޮތުން ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި ފުރިހަމަކުރަން ޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފިނަމަ 5000 ރުފިޔާއާއި 10000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޛޫރިމަނާކުރާނެއެވެ. އަދި އުސޫލާ ހިލާފަށް ހައްޖުވެރިންގެ އަތުން ފައިސާ ނަގައި، ކޮށްގެން ނުވާނެ ކަމެއް ކޮށްފިނަމަ 30،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ގުރާގޮތަށް ވަނީ ހަމަޖައްސަފައެވެ.

މީގެ އިތުރަށް ކުންފުނީގެ އިހުމާލުން ހައްޖުގެ އަޅުކަން އަދާނުކުރެވިއްޖެނަމަ އަދި ހައްޖުވެރިންގެ އަތުން ނެގި ފައިސާއަށް ހިޔާނާތްތެރިވެއްޖެ ނަމަ، 75،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަގަގުން ޖޫރިމަނާ ކުރާނެކަމަށްވެސް މި އުޞޫލްގައިވެއެވެ.

އާ އުސޫލުގެ ދަށުން ޙައްޖަށް މީހުންގެ ގެންދިއުމާ ގުޅޭ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމަށް، އިސްލާމިކް މިނިސްޓްރީގެ ދަށުން "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް" ގެ ނަމުގައި އާ އޮފީހެއް ހަދަން ޖެހެއެވެ. މި އޮފީސް ޤާއިމްކުރުމުގެ ބޭނުމަކީ ރާއްޖެއިން ޙައްޖަށް ދާ މީހުންނާއި އެ މީހުން ގެންދާ ކުންފުނިތައް ސައުދީ އަރަބިއްޔާގައި އުޅޭ ދުވަސްވަރު މައްކާ އާއި މަދީނާގައި މިނިސްޓްރީން ކުރަން ޖެހޭ ރަސްމީ މަސައްކަތްތައް ކުރުމަށް ހަދަންޖެހޭ އޮފީހެއްކަމަށް އުޞޫލްގައިވެއެވެ.

މިގޮތުން މި އޮފީހުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހައްޖު މޫސުމުގައި ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައުދީގެ ހައްޖާ ބެހޭ މިނިސްޓްރީ އާއި އެ ގައުމުގެ ރަސްމީ އެހެން އިދާރާތަކާ ގުޅިގެން، ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހަމަހަމަކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުން ހިމެއެވެ. މީގެ އިތުރަށް ހައްޖު މިޝަން ހެދުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެ މިޝަނަށް ބޭނުންވާ ފާސްތައް ހެއްދުމާއި ހައްޖުވުމަށް ސައުދީ އަށް ގޮސް ތިބޭ ދިވެހިންނަށް ދިމާވާ މައްސަލަތަކާ ގުޅިގެން ދޭން ޖެހޭ އިރުޝާދު ދިނުމާއި އެހީތެރިވުން ދިނުމަކީވެސް މި އޮފީހުގެ ޒިންމާއެކެވެ. އަދި ހައްޖަށް މީހުން ގެންދިޔުމަށް އެދި ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯޒަލްގައި ހައްޖަށް ދާ މީހުންނަށް ދޭން ކަނޑައަޅާފައިވާ ހިދުމަތްތައް ދޭތޯ ބެލުމާއި ހައްޖުގެ މަނާސިކުތައް، ހައްޖުވާން ގޮސް ތިބޭ މީހުންނަށް ފުރިހަމަކޮށްދޭތޯ ބެލުމާއި ހައްޖުވާން ގޮސް ހުރި މީހަކު ގެއްލި، ބަލިވެ، ނުވަތަ ނިޔާވެއްޖެ ނަމަ، އެކަމާ ގުޅިގެން ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ދިނުމަކީވެސް މި އޮފީހުގެ ޒިންމާއެއްކަމަށް އުޞޫލްގައިވެއެވެ.

މީގެ ކުރިން އެކުލަވާލާފައިވާ އުޞޫލްތަކުގައިވެސް ވާގޮތަށް ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކުރަނީ ސައްތައިން ސައްތަ ދިވެހި ކުންފުންޞަކަށެވެ. އަދި އެ ކުންފުންޏަކީ އުމުރާއަށް މީހުންގެ ގެންދިޔުމުގެ 2 އަހަރުުދވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުނިތަކަށެވެ.

މި އުޞޫލްގައި ވާގޮތުން ޙައްޖަށް މީހުން ގެންދިޔުމަށް ފައިސާ ޖަމާކުރާނެ ދިވެހި ރުފިޔާގެ ވަކި ޚާއްސަ ކަލެކްޝަން އެކައުންޓެއް އޮންނަން ޖެހެއެވެ. އަދި އެ ހުރިހާ ފައިސާގެ މުއާމަލާތެއް ކުރަންޖެހެނީ އެ އެކައުންޓް މެދުވެރިކޮށްވެ. މީގެ ިއތުރުން ހައްޖަސް ދިޔުމަށް ފައިސާ ދައްކަން ޖެހޭނީ އިސްލާމިކް މިނިސްޓްރީން ހައްޖަށް މީޙުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ނަމުގައި ހުޅުވާފައިވާ ޚާއްސަ އެކައުންޓަށެވެ.

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ކޯޓާ ލިބުނު ވަރެއް ރަސްމީކޮށް އިސްލާމިކް މިނިސްޓްރީއަކަށް ނާންގައެވެ. އެހެންނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް މިއހަރު ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދު މަދުވާނެކަމަށް އިސްލާމިކް މިމިސްޓްރީން ވިަނީ ވިދާޅުވެފައެވެ. މިގޮތުން މަސްޖިދުލް ހަރަމްގެ ވެބްސައިޓުގައިވާ ގޮތުން މި ފަހަރު ރާއްޖެ އަށް ލިބެނީ 453 ކޯޓާއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ކޯޓާ މަދުން ލިބެއްޖެނަމަ ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކުރާނީ ޙައްޖު ކޯޕަރޭޝަނާއެކު އިތުރު 2 ޖަމަޢަތަށްކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ.