ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާ ގޮތަށްކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭ.އެސް.ސީން ވިދާޅުވެއްޖެއެވެ.
ޖޭ.އެސް.ސީން މިފަދައިން ވިދާޅުވީ، މި ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އެކޮމިޝަނުން ނިންމީ އިޖުރާއީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމެވުމާގުޅުގެންނެވެ.
މަޖިލީހުގެ ޖުޑީޝަރީގެ ކޮމިޓީގެ ނިންމުމާއި ގުޅިގެން ޖޭ.އެސް.ސީން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާމެދު ކޮމިޝަނުން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ މައްސަލަ ރައްދުވާ ފަނޑިޔާރުން ޤާނޫނުއަސާސީއާ ގާނޫނާ ޚިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ ކަމަށެވެ. އަދި މައްސަލައިގެ މައިގަނޑު ނިންމުމަކީ ވިހިހާސް ރުފިޔާގެ ޑައުންޕޭމަންޓަކަށް ކުރީގެ ހައުސިންގ މިނިސްޓްރީ މެދުވެރިވެ މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާ ކަންކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. ޖޭއެސްސީން ބުނީ މައްސަލައިގެ ސީޣާއިން ނުވަތަ މައުލޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކުރެވި ގޮތް ނިންމާފައި ނުވާކަމަށެވެ.
މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަމަށް ޖުޑިޝަރީ ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ. މިކަމާއި ގުޅޭގޮތުން ޖޭ.އެސް.ސީން ވިދާޅުވީ، މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައަޅައި ތައްޔާރުކުރާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަކީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ ފަދައިން، ސީދާ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ރިޕޯޓެއްކަމަށެވެ. އަދި ގާނޫނުގައި ބަޔާންކުރަނީ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ލިޔުމުން އަދި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދޭން ޖެހޭނެކަމަށްކަމަށް ޖޭއެސްސީގެ ބަޔާނުގައިިވެއެވެ.
އަދި ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާމެދު ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ފަނޑިޔާރުންނާ ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދަރީވުމަށް ފުރުސަތު ދީފައިވާކަމަށް ޖޭ.އެސް.ސީން ވިދާޅުވެއެވެ. އަދި އެ ފުރުސަތުގެ ބޭނުން ފަނޑިޔާރުން ހިފައި ޖަވާބުދާރީވެފައިވާކަންވެސް ކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ، މައްސަލައާ މެދެ ގޮތެއް ނިންމުމުގެ ކުރިން ބާއްވަން ޖެހޭ ފަހުގެ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތުވެސް އެ ދެ ފަނޑިޔާރުންނަށް ދެވިފައިވާކަމަށް ޖޭ.އެސް.ސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޖޭ.އެސް.ސީގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބަދާރީވުމުގެ ފުރުސަތު ދޭންޖެހޭނަކަމަށް ބަޔާންކޮށްފައެއްނުވެއެވެ. އަދި މި ގޮތުގެ މަތިން ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، މި ގޮތުގެމަތިން ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމަވައި ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކުރައްވާފައެވެ.
މި ދެފަނޑިޔާރުންގެ މައްސަލައިގައި ޖުޑިޝަރީ ކޮމިޓީން ފާހަގަކޮށްފައިވާ އަނެއް ކަމަކީ މައްސަލަ ތަހުގީގުކުރަން ދެ ކޮމިޓީއެއް ހަދައި ކޮމިޓީގެ ނިންމުން ބަދަލުވެފައިވާކަމެވެ. ނަމަވެސް ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާމެދު ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ދެ ކޮމިޓީއެއް ހަދާފައި ނުވާކަމަށް ޖޭ.އެސް.ސީން ވިދާޅުވެއެވެ. އެހެންނަމަވެސް މި މައްސަލަ ތަހުގީގުކުރި ކޮމިޓީގައި ހިމެނޭ މެމްބަރަކު ކޮމިޓީން ވަކިވުމުން އެ މެމްބަރުގެ ބަދަލުގައި ކޮމިޓީއަށް އެހެން މެމްބަރަކު އައްޔަނުކުރެވުނުކަމަށާއި، ކޮމެޓީއަށް ޖޭ.އެސް.ސީން އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށް ކޮމިޝަނުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.