މެރިޓައިމް ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކޮށް ކުރިއެރުވުމުގެ މަޤުސަދުގައި ބައިނަލްއަޤުވާމީގޮތުން އަންހެނުންނަށް ޚާއްސަކޮށްގެން ފާހަގަކުރާ ދުނިޔޭގެ މެރިޓައިމް ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މެއިމަހުގެ 18 ވަނަ ދުވަސް ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މެރިޓައިމް ދާއިރާއިން އަންހެނުނަށް ޚާއްސަކޮށްގެން ބައިނަލްއަޤުވާމީ ދުވަހެއް ފަހަގަކުރުމަށް ނިންމާފައިވަނީ އިންޓަރނެޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ 32 ވަނަ ޖަލްސާގައިކަމަށެވެ. މިގޮތުން މިޖަލްސާގައި ނިންމާފައިވަނީ މެރިޓައިމް ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަށް ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެ މެއިމަހުގެ 18 ވަނަ ދުވަހުގައެވެ. މީގެ އެންމެ ބޮޑު މަގުސަދަކީ މިންތީގެ ހަމަހަމަކަން ކަށވަރުކުރުމަށްކަމަށް އައިއެމްއޯއާއި ޙަވާލާދީ ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވެއެވެ.
މިދާއިރާގައި މަސައްކަތްކުރާ އަންހެނުނަށް ޚާއްސަ ދުވަހެއް ފާހަގަކުރުމަށް ނިންމާފައިވާއިރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިސިނާޢަތުގައި މަސައްކަތްކުރާ އަންހެނުންގެ އަގުވަޒަންކޮށް ހިތްވަރުދިނުމަށް ވަނީ ގޮވާލާފައެވެ. އެގޮތުން މިދާއިރާގައި ދެމިތިބުމަށް ހިތްވަރުދީ ދެމެހެއްޓެނިވިގޮތަކަށް ވަޒީފާއަދާކުރުމަށާއި މިހާރު މިސިނާޢަތުގައި އޮތް މިންތީގެ ފަރަގު ކުޑަކުރުމަށް ބާރުއެޅުއްވުމަށް މިނިސްޓްރީން ވަނީ ގޮވާލައްވާފައެވެ. ހަމައެއާއެކު މިސިނާޢަތުގައި އަންހެނުންގެ ދައުރު ފުޅާކޮށް ޚިދުމަތަށް ނުކުންނަ އަންހެނުންގެ ޢަދަދުއިތުރުކުރުމަށް މަސައްކަތްކުރުމަށްވެސްވަނީ ކަމާބެހޭ ހުރިހާ އިދާރާއަކަށް ގޮވާލައްވާފައެވެ.
މިދުވަސް ފާހަގަކުރަނީ 2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ވޯލްޑް މެރިޓައިމް ތީމްގެ ލެގަސީ ކުރިއަރުވައި މެރިޓައިމް ދާއިރާއިން އަންހެނުންނަށް ހުރަހެއް ނެތި މަސައްކަތްކުރުމުގެ މާޙައުލެއް ހޯދައިދިނުމަށެވެ. މިގޮތުން ދުވަހާއި ގުޅިގެން މިނިސްޓްރީއިންވަނީ "ޓްރެއިނިންގ- ވިޒިބިލިޓީ- ރިކޮގްނިޝަން: ސަޕޯޓިންގ އަ ބެރިއަރ ފްރީ ވޯކިންގ އެންވަޔަރަމަންޓް، މިޝިއާރުގެ ދަށުން މިސިނާޢަތާއި ބޯޓުފަހަރުގައި މިހާރަށްވުރެ ގިނަ އަންހެނުންގެ ދައުރު އިތުރުކުރުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ޓްރެއިނިންގއެއްވަނީ ބައްވާފައެވެ.
މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން މިދާއިރާ ކުރިއެރުވުމަށްޓަކާ މަތީ ތަޢުލީމުގެ ލޯނުގެ ފުރުސަތުތައް ފަހިކޮށްދީ ޤައުމީ ޔުނިވަރސިޓީގެ މެރިޓައިމް ސަވައިވަލް ސެންޓަރ ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.