ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ތިން ރަށެއްގައި ފެންބޮޑުވެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. އެތިން ރަށަކީ ހދ.ކުޅުދުއްފުށްޓާއި، ޅ.ނައިފަރުގެ އިތުރުން ބ.ކެންދޫއެވެ.
މިތިން ރަށުގެ ތެރެއިން ބ.ކެންދޫގެ 15 ވަރަަކަށް ގެއަށް ފެންވަދެ ފަރުނީޗަރު ފަދަ ތަކެއްޗަށް ގެއްލުން ލިބިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ކެންދޫ މަގުތަކުގެ ފެންބޮޑުވެ ގެތަކަށް ފެންވަނުމާ ގުޅިގެން އޭދަފުށީގައި ތިބޭ ފުލުހުން އެރަށަށްގޮސް އެޙީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް މަޢުލޫމާތުލިބެއެވެ. އަދި ޅ.ނައިފަރު މަގުތަކުގައި ފެންބޮޑުވެ އެއްގެއަށް ފެންވަދެފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ. އަދި ކުޅުދުފުއްޓާއި، ނައިފަރުގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކުރަމުންދާ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ.
އެގޮތުން މޫސުމަށް ސަމާލުވުމަށް އަންގާ ހއ. އަތޮޅުން ފެށިގެން ފ.އަތޮޅާއި ހަމައަށް ޔެލޯ އެލާޓްވެސްވަނީ ނެރެފައެވެ. އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި، 30 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށާ ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެކަަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އަދި މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.