ޚަބަރު

ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރަން އެމްޓީސީސީއަށް


ކ.ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރުއެވެ.

ކަނޑުއޮތްގިރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 10،000 ކިއުބިކް މީޓަރުގެ ބަނދަރާއި، ނެރު ފުންކުރުމާއި، 125 މީޓަރު އެއްގަމު ތޮށްޓަކާއި 50 މީޓަރުގެ ބޭރު ތޮށްޓެއް ލުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 63 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި،
215 މީޓަރުގެ ޝީޓް ޕައިލް ކުރުމާއި، ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި
ލޮނުފެނާއި ރީތިފެން ލިބޭނެ ފެންލައިން އެޅުމާއި، ބަނދަރު ހެދުމަށް ހަދަންޖެހެ އީ.އައި.އޭ ހެދުން މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އެމްޓީސީސީން ބުނީ މި ބަނދަރު ތަރައްޤީކޮށް ނިމުމާއެކު މިފްކޯގެ އިތުރުން މަސްވެރިންގެ އޮޑިދޯނިފަހަރުތަކަށްވެސް މި ބަނދަރު ބޭނުންކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ބެލެވޭކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެއް އަހަރު ދުވަސްތެރޭ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ކަނޑުއޮތްގިރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ 36،132،701.77 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.


ކ.ކަނޑުއޮތްގިރިއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ. އަދި މިރަށަކީ އެކުންފުނިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ރަށެކެވެ. އެގޮތުން ކަނޑުއޮތްގިރީގައި މިހާރު ޤާއިމްކުރެވިފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްޤީކުރެވިފައިވާ ފެސިލިޓީއެކެވެ. އެހެންނަމަވެސް އެރަށުގެ ބަނދަރު ތިލަވެ އެއްގަމު ތޮށި ހަލާކުވެފައިވުމުގެ ސަބަބުން އޮޑިދޯނިފަހަރަށް ރަށުގެ ބަނދަރު ބޭނުންކުރުމާއި ފެސިލިޓީގެ ފުރިހަމަ ބޭނުން ހިފުމަށް ވަނީ ދަތިވެފައެވެ.