ޚަބަރު

"ޗައިލްޑް ސޭފްގާޑިން ޕޮލިސީ"އިން ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރިއެރުން އަންނާނެ: ރައީސް


ޗައިލްޑް ސޭފްގާޑިންގ ޕޮލިސީ ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ސިޔާސަތަކީ މުޅި ރާއްޖޭގައިވެސް ޤައުމީ ފެންވަރުގައި ތަންފީޒު ކުރާނެ ސިޔާސަތެއްކަމަށާއި، މިއީ ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަންސް (އާރކް) ގުޅިގެން އެކުލަވާލި ޗައިލްޑް ސޭފްގާޑިންގ ޕޮލިސީ އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި އެކުލަވާލި ސިޔާސަތު އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މި ސިޔާސަތު އިފްތިތާޙްކުރެވިގެން މިދިޔައީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގައިކަމަށެވެ. އެހެންކަމުން ހުރިހާ ދާއިރާއަކުން އަދި ހުރިހާ މައިދާންތަކެއްގައި ވެސް، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް މި ސިޔާސަތު އެހީތެރިވެދޭނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.


އެމަނިކުފާނުގެ ވާހަކަފުޅުގައި، ވަރަށް ފަހަކާ ޖެހެންދެން ދިވެހިންގެ ތެރޭގައި، ކުޑަކުދިންގެ ކުޅިވަރުތައް ރޭވިފައި އޮންނަނީ، އެކުދިންގެ ހުސް ވަގުތު ފުރާލަދޭ ކަމެއްގެ ގޮތުގައި ނުވަތަ އެ ކުދިންގެ ފޫހިފިލުވައިދޭން ކުރާ ކަމެއްގެ ގޮތުގައިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ކުޅިވަރަކީ، އެ ކުދިންގެ ޖިސްމާނީ ހަށިހެޔޮކަމާއި، ނަފްސާނީ އަދި ޞިއްޙީ ދުޅަހެޔޮކަން ހޯދައިދިނުމާއި، އެކުދިންގެ ވިސްނުމުގެ ފެންވަރު މަތިކުރުމަށް އެހީތެރިވެދޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޢާންމު މުޖުތަމަޢުން އެކަހެރިވެ، ކުށުގެ ވެށްޓާ ލާމެހިފައިވާ ކުދިންތަކެއް، މަދުން ނަމަވެސް މުޖުތަމައުގައި ތިބިކަން ފާހަގަކުރެއްވިއެވެ. އަދި މައިންބަފައިންގެ ލޯބިން މަޙްރޫމްވެ، ދައުލަތުގެ ބެލުމުގެ ދަށުގައިވެސް ކުދިން ތިބިކަމާއި، އެއީ އެކުދިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ހުރަސްއެޅޭ ޙާލަތެއްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގާތްތިމާގެ މީހުންނާ އެކުގައި އުޅޭ ކުދިންނަށް ވެސް، އެތައް ނުރައްކާތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވަނީ މި އިފްތިތާހްކުރި ސިޔާސަތު ތަންފީޒު ކުރަން ފެށުމުން، އެފަދަ މައްސަލަތަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބި، އެ ކުދިންނަށް ލިބެންވާ ރައްކާތެރިކަމާ މެދު އެކުދިންގެ ހޭލުންތެރިކަން ވެސް އިތުރުވެގެންދާނެކަމަށް ވިދާޅުވެފައެވެ.

"މި ޕޮލިސީއަކީ މުޅި ރާއްޖޭގައިވެސް ޤައުމީ ފެންވަރުގައި ތަންފީޒު ކުރާނެ ސިޔާސަތެއް. އަދި ހުރިހާ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންވެސް ޢަމަލުކުރާނެ ސިޔާސަތެއް. އަދި މިއީ ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިސްނަގައިގެން، އާރކްގެ ބައިވެރިވުމާއެކު، މިފަދަ މުހިންމު ސިޔާސަތެއް އެކުލަވައިލެއްވި ކަމަށްޓަކައި، އަދިވެސް އެއްފަހަރު، އޮލިމްޕިކް ކޮމިޓީއަށާއި، އާރކްގެ އިސްވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްޞައްތާރު ވިދާޅުވީ، މި ސިޔާސަތަކީ ފުރަތަމަފަހަރަށް ރާއްޖޭގައި ކުޅުންތެރިންނާއި ކުޅިވަރުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ ކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށް އެކުލަވާލި ސިޔާސަތެއްކަމަށެވެ. މިސިޔާސަތުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ކުދިންނަށް ކުޅިވަރުގެ މާހައުލަކީ ރައްކާތެރިކަން ކަށަވަރުވެ، ކުޅިވަރު ކުޅުމުގައާއި، ޤައުމުން ބޭރުގެ ކުޅިވަރުތަކުގައި ބައިވެރިވާއިރު، ތަންފީޒްކުރުން ލާޒިމްކަންކަން ހިމެނޭކަމަށް އޮލިމްޕިކް ކޮމިޓީގެ ރައީސް ވިދާޅުވިއެވެ.

"މި ޕޮލިސީގައި ވަރަށް މުހިންމު ބައެއްގެ ގޮތުގައި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީން ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ހިމަނާފައިވާނެ. މީގެ އިތުރުން ކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނެމަ އަމަލުކުރާ އުސޫލުތަކާއި ކޯޗުންނާއި އެނޫން މީހުން ނަގާއިރު މިހާރަށްވުރެ ބޮޑަށް ބެކްގްރައުންޑް ޗެކްކުރުންވެސް ހިމެނޭނެ." މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްޞައްތާރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރކްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުރުތަޟާ މޫސާ ވިދާޅުވީ، ކުޅިވަރަކީ ވާދަވެރި ކަމަކަށްވާތީ ބައެއް ފަހަރު ކުޑަކުދިންނާއި މުއާމަލާތުކުރާއިރު އެއީ ކުޑަކުއްޖެއްކަން ހަނދާންނެތޭފަހަރު އަންނަކަމަށެވެ. މިއީ ފާރަވެރިވާންޖެހޭކަމެއްކަމަށާއި، ކޮންމެ ހައިސިއްޔަތަކުން ކުޅިވަރުގައި ބައިވެރިވިނަމަވެސް މި ޕޮލިސީގެ ދަށުން ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށް މުރުތަޟާ ވިދާޅުވިއެވެ.

"ކުއްޖާގެ ޝަޚްސިއްޔަތު ބިނާކުރުމަށާއި، ކުއްޖާގެ ލީޑާޝިޕް ހުނަރު ރަނގަޅުކުރުމަށާއި، މިކަހަލަ ކަންކަމުގަ ކޯޗަކު ކުޅޭ ދައުރުވެސް މުހިންމު. އެކަމުގެ ސަބަބުންވެސް ކުޑަކުދިންނާއެކު މަސައްކަތްކުރާއިރުގަ ކުރަންވީ ކަންތައްތަކާ ނުކުރަންވީ ކަންތައްތައް ވަރަށް ބޮޑަށް ކޯޗުންނަށް އެނގިފަ އޮތުން ވަރަށް މުހިންމު." އާރކްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުރުތަޟާ މޫސާ ވިދާޅުވިއެވެ.

ރައީސް އިފްތިތާޙްކޮށްދެއްވި މި ސިޔާސަތުގައި އަލިއަޅުވާލާފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އެއީ ކުދިންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމާއި، ކުއްޖާގެ މަސްލަހަތަށް އަބަދުވެސް އިސްކަން ދިނުމާއި، ކުއްޖަކަށް އަނިޔާއެއް ލިބިއްޖެނަމަ ބޭނުންވާ ޚާއްޞަ އެހީތެރިކަމާ ރައްކާތެރިކަން ވީއެންމެ އަވަހަށް ފޯރުކޮށްދިނުމާއި، ކުޑަކުދިންނާއި ގުޅޭ ކަންކަން ނިންމުމުގައި އެކުދިންގެ ޚިޔާލާއި ބައިވެރިވުން ހޯދުމާއި، ހަވާސާވެފައިތިބޭ ކުދިންނަށްވެސް ކުޅިވަރުގައި ހަމަހަމަކަމާއެކު ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރުމެވެ.