ޚަބަރު

ބަންގްލަދޭޝް ރައްޔިތުންނަށް، ޞައްޙަ ލިޔެކިއުން ހޯދައިދެނީ


ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބަންގްލަދޭޝް ރައްޔިތުންނަށް، ޞައްޙަ ލިޔެކިއުން ހޯދައިދިނުމުގެ މަސައްކަތް ހަލުވިކަމާއެކު  ދިވެހި ސަރުކާރާ ގުޅިގެން ކުރަމުން ގެންދަވާކަމަށް ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮމިޝަނަރ ކާޒީ ސަރްވާރް ހުސެއިން ވިދާޅުވެއްޖެއެވެ.ޕީ.އެސް.އެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝް ހައިކޮމިޝަނަރ ސަރްވާރް ވިދާޅުވީ، ޤާނޫނީ ގޮތުން ޞައްޙަ ލިޔެ ކިއުމާ ނުލާ ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް މި ލިޔެކިއުންތައް ފަސޭހައިން ހޯދޭނެ މަގު ފަހިކުރުމަށް ދިވެހި ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 9 ކުންފުންޏަކާއެކު ޕްރޮގްރާމެއް ފަށާފައިވާއިރު އެ ކުންފުނިތަކާ ގުޅިގެން ހައިކޮމިޝަނުން  މަސައްކަތް ކުރަމުންދާކަމަށެވެ.ހައި ކޮމިޝަނަރ ވިދާޅުވީ، ޕާސްޕޯޓް ދިނުން ފަދަ ކަންކަން ކުރުމަށް ހައިކޮމިޝަން އޮފީހުގެ މަސައްކަތްތައް ހަލުވިކޮށް އިތުރުކޮށްފައިވާ ކަމަށާއި މިޚިދުމަތްތައް ސަރުކާރު  ބަންދު ނޫން ކޮންމެ ދުވަހެއްގެ އިތުރުން ހުކުރު ދުވަހުވެސް ހައިކޮމިޝަނުން ލިބެމުންދާނެ ކަމަށެވެ.ބަންގްލަދޭޝް ހައިކޮމިޝަނަރ ވަނީ ރާއްޖޭގެ އިޤްތިސާދަށް ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ލިބޭ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އަދި މިފަދަ މަސައްކަތްތެރިންގެ ޤައުމުތަކަށްވެސް މީގެ ފައިދާ ކުރާނެކަމަށް ބަންގްލަދޭޝް ހައިކޮމިޝަނަރ ސަރްވާރް ހުސެއިން ވިދާޅުވިއެވެ.