މާލޭ ނޯތު ހާބަރާއި ޓީޖެޓީ ބަނދަރުން ލިބޭ އާމްދަނީން މާލޭ ސިޓީ ކައުންސިލަށް ހޯދަން ބުނަނީ އެކަށީގެންވާ އަގެއްނޫންކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ވިދާޅުވެއްޖެއެވެ.
މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތެއް ނުވަތަ ރެވެނިއު ޝެއާރިން މޮޑެލެއް ހަމަޖެއްސުމަށް މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގާފައެވެ. މި އެންގުމާއި އެއްގޮތަށް މާލެ ސިޓީ ކައުންސިލާއެކު އެއްމޭޒަކަށް އަރައި މިކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަމަށް އެމް.ޕީ.އެލްއިން ވިދާޅުވެއެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީ ކައުންސިލުން ބުނެފައިވަނީ މިކަމުގައި ގޮތެއް ނުނިންމި ލަސްވަނީ އެމް.ޕީ.އެލްގެ ސަބަބުންކަމަށެވެ. އަދި ސިޓީ ކައުންސިލުން އަގުތައްވެސް ހުށަހަޅާފައިވާނެކަމަށާއި، ބައްދަލުވުމަކަށް އެދިފައިވާތާވެސް ދުވަސްތަކެއްވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި މައްސަލައިގައި އެމް.ޕީ.އެލްއިން ވިދާޅުވެފައިވަނީ އެކުންފުނިން ފައިނޭންޝިއަލީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހުށަހެޅި އަގަށް މާލެ ސިޓީ ކައުންސިލުން އެއްބަސްވެފައިނުވާކަމަށެވެ. އަދި ސިޓީ ކައުންސިލުން ހުށަހަޅާފައިވަނީ އެކުންފުނިން ހުށަހެޅި އަގަށް ވުރެ ބޮޑުތަނުން ބޮޑު، ރީޒަނަބަލް އަގެއް ނޫންކަމަށްވެސް އެމް.ޕީ.އެލްއިން ވިދާޅުވެއެވެ. އަދި އެ އަގަކީ ފައިނޭންޝިއަލީ ފީޒަބަލް އަގެއް ނޫންކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. މިކަމުގައި ސިޓީ ކައުންސިލާއެކު ކުރެވުނު މަޝްވަރާތަކުގެ މަޢުލޫމާތު ރައީސް އޮފީހާއިވެސް މިހާރު ހިއްސާކޮށްފައިވާނެކަމަށް އެމް.ޕީ.އެލްއިން ވިދާޅުވެއެވެ.
އެމް.ޕީ.އެލްއިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން މަޝްވަރާގެ މޭޒަށް ދައުވަތު ދިނުމުން އެ ކުންފުނިން އެޔަށް ޖަވާބެއް ނުދީ ނުވަތަ ބައްދަލުނުކުރާ ވާހަކައަކީ ހަޤީޤަތާއި ޚިލާފުވާހަކައެއްކަމަށެވެ.