ޚަބަރު

ދެޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން، ރައީސަށް ފަތްކޮޅު އަރުވައިފި


ދެ ޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ. ރާއްޖެއަށް އައު ސަފީރުން ކަނޑައެޅުއްވީ އިންޑޮނޭޝިއާއާއި، ދެކުނު އެފްރިކާއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި އިންޑިއޮނޭޝިއާއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ދޭވީ ގުސްތީނާ ޓޯބިންގ، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

އިންޑޮނޭޝިއާގެ އައު ސަފީރަށް ތަހުނިޔާ ދެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެ ކަމަނާއާ އެކު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ އެއް ސިއްރަކީ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ދޭދޭ ގުޅުންތައް ކަމުގައި ވިދާޅުވިއެވެ. އަދި، އެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުގެ މެދުގައި އިތުރު މަޝްވަރާތައް ކުރުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިންޑޮނޭޝިއާގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެ ޤައުމުގެ ސަފީރާ ސުވާލު ކުރެއްވިއެވެ. އަދި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއާއި، ތަރައްޤީއާއި، ސަރަޙައްދީ ގުޅުންތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. އަދި، މި ސަރުކާރުގެ ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތާ ގުޅޭ މަޢުލޫމާތު ސަފީރާ ހިއްސާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑޮނޭޝިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އިސްލާމްދީނަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ސަބަބެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިޤްތިޞާދީ ދާއިރާތަކުގައި މަސައްކަތް ކުރާ އިންޑޮނޭޝިއާ ރައްޔިތުންގެ މަސައްކަތްތަކަށް ވެސް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެ ކަމަނާ ދެންނެވިއެވެ.

މި ބައްދަލުވުން ނިންމަވައިލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑޮނޭޝިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭ ގޮތުން ވެސް އެ ޤައުމުގެ ސަފީރާ އެކު މަޝްވަރާ ކުރައްވާފައެވެ. އަދި، އެ ކަމަނާގެ ސަފީރު ކަމުގައި ދެ ޤައުމުގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދެކުނު އެފްރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ސެންޑިލް އެޑްވިން ޝޯކް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު އެފްރިކާ ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު އެފްރިކާއަކީ ދިވެހިރާއްޖެއަށް މުހިންމު ބައިވެރިއެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެކުނު އެފްރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ދެކުނު އެފްރިކާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެ ޤައުމުގެ ޕްރިޓޯރިއާގައި މި ހުޅުވިގެންދާ އެންބަސީ ވެގެންދާނީ މުޅި އެފްރިކާ ބައްރުގައިވެސް ދިވެހި އެންބަސީއެއް ޤާއިމްކުރެވޭ ފުރަތަމަ ފަހަރުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި އެންބަސީ ހުޅުވިގެންދިއުން ވެގެންދާނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޓޫރިޒަމާއި އުމްރާނީ ތަރައްޤީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރައްވާފައެވެ. ދިވެހިރާއްޖެއާއި ދެކުނު އެފްރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރެވުނީ 27 ޖުލައި 1994ވަނަ އަހަރުއެވެ.