ޚަބަރު

ޒަކާތު ފަންޑުން 34 ފަރާތަކަށް މިދިޔަ އަހަރު ބޯންމެރޯ ހަދައިދީފި


އިސްލާމިކް މިނިސްޓްރީއަށް ޒަކާތުގެ ގޮތުގައި ލިބެމުންދާ މުދަލާއި ފައިސާގެ ތެރެއިން ޒަކާތުގެ ބެހެނިވެރިންނަށް ބެހުމަށްފަހު ބާކީ ހުންނަ ފައިސާ ޖަމާކުރަމުންދަނީ ޒަކާތު ފަންޑަށެވެ.އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއް ކުރައްވާފައިވަނީ ރާއްޖޭގެ ޞިއްހީ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށެވެ. އެގޮތުން އެންމެ ފާހަަގަކޮށްލެވެނީ ތެލަސީމިއާ ހުންނަ ފަރާތްތަކުގެ ބޯންމެރޯ ހެދުމަށް އެ ފަންޑުން ވެދެއްވަމުން ދެއްވާ އެހީތަކެވެ. މިއެހީގެ ދަށުން އާސަންދަ މެދުވެރިކޮށް އިންޑިޔާ އަދި ސްރީލަންކާއިން ކުދިންވަނީ މިދިޔަ އަހަރުގެ ތެރޭގައި ބޯންމެރޯ ހަދާފައެވެ. އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ، ކޮންމެ އަހަރަކު 5 ތެލަސީމިއާ ކުދިންނަށް ބޯން މެރޯ ހަދައިދިނުމުގެ ވަޢުދު ފުއްދެވުމުގެ ގޮތުން ބޯން މެރޯ ހެދުމަށް 2015 ވަނަ އަހަރު 34 ފަރާތަކަށް ޒަކާތު ފަންޑުން އެހީ ދެއްވާފައިވާ ކަމަށެވެ. އަދި ބޯން މެރޯ ހެދުމަށް 20 މިލިއަނާ ކައިރިކުރާ ޢަދަދަކަށް އެހީދެއްވާފައިވާ ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.ބޯން މެރޯ ހެދުމުގެ އިތުރުން ބޮޑެތި އެހެން ބަލިތަކަށްވެސް ޒަކާތު ފަންޑުން އެހީތެރިވަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މުޙައްމަދު މުސްތަފާ ވިދާޅުވީ، ޞިއްޙީ ދާއިރާގެ ތެރެއިން ޑޮކްޓަރުން ތަމްރީން ކުރުމަށާއި ، މަތީ ތަޢުލީމުގެ ގިނަ ފުރުސަތުތަކަށް ޒަކާތު ފަންޑުން އެހީ ދެއްވާކަމަށެވެ.  ޒަކާތު ފަންޑުގެ ތެރެއިން 10 މިލިއަން ރުފިޔާ މަތީ ތަޢުލީމަށް ޚާއްސަ ކުރެވިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ޒަކާތް ދައްކާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވެ، ޒަކާތް ނަގާ މީހުން މަދުވުމުގެ ނަތީޖާއެއްގެ ގޮތުން ޒަކާތު ފަންޑު މުއްސަނދިވަމުންދާ ކަމަށާއި، ރާއްޖޭގެ ތަރަައްޤީއާއި، ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރި ކަމާއި ގުޅޭ އެކި ކަންކަމަށް ޒަކާތު ފަންޑުން ހޭދަ ކުރުމަށް ހަމަޖެހިފައިވާ ކަމަަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.