ކުޅިވަރު

އައު ބަދަލުތަކާއެކު ފައިދާކުރާނީ ގައުމީ ޓީމަށް: ކާއްޓޭ


ކުލަބުތަކަށް ބިދޭސީ ކުޅުންތެރިން ހިމެނުމުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ގެނައި އައު ބަދަލުތަކުގެ ސަބަބުން ފައިދާކުރާނީ ގައުމީ ޓީމަށް ކަމަށް ވީއޭއެމުގެ ޓެކްނިކަލް އަދި ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަން މުޙައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވެއްޖެއެވެ.

ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފައިވާ ކާއްޓޭ ވިދާޅުވީ، ބިދޭސީ ތިން ކުޅުންތެރިން ހިމަނަން ކްލަބްތަކަށް ދިން ފުރުސަތުގެ ސަބަބުން ކްލަބްތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

ވީއޭއެމުން ވަނީ އިންޑިއާގެ 18 ކުޅުންތެރިންގެ ޕޫލެއް އެކުލަވާލައިފައެވެ. ކާއްޓޭ ވިދާޅުވީ، މި 18 ކުޅުންތެރިންގެ ތެރޭގައި ދަށް އެންމެ ކުޅުންތެރިއެއްވެސް ނުހުންނާނެ ކަމަށެވެ. އަދި މި 18 ކުޅުންތެރިންނަކީ އިންޑިއާގައި އެންމެ ފަހުން ކުޅުނު ގައުމީ ލީގުގައި ފުލްކޮށް ކުޅެފައިތިބި ކުޅުންތެރިން ކަމުން އެ ކުޅުންތެރިންގެ ފެންވަރު ވަޒަން ކޮށްލެވޭނެ ކަމަށް ކާއްޓޭ ބުންޏެވެ.

ކާއްޓޭ ބުނީ މީގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނަށް މި ފެންވަރުގެ ކުޅުންތެރިންނާއެކު ކުޅެލަން ލިބެނީ ހަމައެކަނި ޓްރެއިނިންގ ކޭމްޕުތަކުގައި ކަމަށާއި، އެކަމަކު ޓްރެއިނިންގ ކޭމްޕުތަކުގައި ކުޅޭ މެޗުތަކަކީ ވާދަވެރި މެޗުތަކެއް ނޫން ކަމަށެވެ. އަދި މި ފަަހަރުގެ މުބާރާތުގައި ކުޅޭ މެޗުތައް ވެގެންދާނީ ވާދަވެރި މެޗުތަކަކަށް ކަމަށް ކާއްޓޭ ބުންޏެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕުގައި ފިރިހެން ޑިވިޝަނުގެ ހަ ޓީމު ވާދަކުރާއިރު އަންހެން ޑިވިޝަނުގައި 12 ޓީމެއް ވާދަކުރާނެއެވެ.