ޚަބަރު

ޤައުމީ ފެރީ ނިޒާމަށް ބޮޑު ތަރުހީބެއް، އެންމެ ގިނައިން ދަތުރުކުރަނީ ބޭސްފަރުވާއަށް


މިމަހުގެ 2 ވަނަ ދުވަހު ފެށި އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ޚިދުމަތް އެންމެ ގިނައިން ހޯދަނީ ބޭސްފަރުވާގެ ޚިދުމަތަށް ފެރީ ނިޒާމު ބޭނުންކުރާ މީހުންކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާލުވީ، އިންޓެގްރޭޓެޑް ފެރީ ނިޒާމްގެ ޚިދުމަތް ހދ.އަތޮޅަށް އެކަނި މިވަގުތު ފަށާފައިވީނަމަވެސް، ޖުލައިމަހުގެ ނިޔަލަށް ހއ. އަދި ށ.އަތޮޅަށްވެސް ޚިދުމަތް ފެށޭނެކަމަށެވެ. އެ ޒޯންގައި 40 ރަށް ހިމެނެއެވެ.

އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ޚިދުމަތް އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީވެސް ޒޯން އެކެއްގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅަށެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މިވަގުތުު ހދ.ގައި ފެރީގެ ޚިދުމަތް ދެމުންދަނީ އެއްވެސް އަގެއް ނުނަގާކަަމަށާއި، އަގު ނަގަމުން ނުދަނީ ފެރީ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ބޭނުމުގައިކަމަށެވެ.

މިހާތަނަށް ފެރީގެ ޚިދުމަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށާއި، އެގޮތުން 11 ދުވަހުގެ ތެރޭގައި 3000 އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން ޚިދުމަތް ހޯދާފައިވަނީ ސިއްޙީ ޚިދުމަތް ހޯދުމަށްކަމަށާއި، އެއަށްފަހު ވިޔަފާރި ނުވަތަ ބާޒާރުކުރުމަށާއި، ޕިކްނިކް ދިއުމަށްވެސް ފެރީގެ ޚިދުމަތް ހދ.ގައި ރައްޔިތުން ހޯދަމުން އަންނަކަން ފާހަގަކުރެވުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މޫދަށް އެރިލަންވެސް މީހުން ގޮސްފައި އެބަހުރި. ކުޅުދުއްފުށީ މީހުން މޫދަށް އެރިލަންވެސް އެސަރަހައްދުގެ އެހެން ރަށްރަށް ދަތުރުކޮށްފަ އެބަހުރި. މި ފެރީގެ ޚިދުމަތަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި މިކަން ވާންއެބަޖެހޭ. އެއްރަށެއްގެ ބިން ކުޑަވެގެން މޫދަށް އެރޭތަން ނެތިގެން އުޅެން ނުޖެހޭނޭ މިހާރަކު." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފެރީގެ ނިޒާމާއެކު ރަށްރަށުގެ ގުޅުންވެސް ބަދަހިވާންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށް ދުވާލަކު ދެ ދަތުރުކުރަމުންދާއިރު ކައިރީގައި އޮތް ރަށަށްވެސް ފައިބާނެ މީހަކު ނުވާކަމަށާއި، އެންމެންވެސް ދަތުރުކުރަނީ އަތޮޅުގެ މައި ރަށަށްކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް މި ނިޒާމު މުޅި ރާއްޖެއަށް ގުލުވާލެވުމުން ރަށްރަށުގެ ގުޅުން އިތުރަށް ބަދަހިވެ ވަޒީފާއާ އެނޫންވެސް ބޭނުމަށް މީހުން ދަތުރުކުރަން ފަށާނެކަމަށް ޤަބޫލުކުރެވޭކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޤައުމީ ފެރީ ނިޒާމް ހދ.އަތޮޅަށް ފަށާފައިވާއިރު، ދެން އެންމެ އަވަހަށް ފަށާނީ ހއ.އަތޮޅަށެވެ. އެގޮތުން ރަށްރަށުގައި ފެރީ ޓަރމިނަލް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

ޤައުމީ ފެރީ ނިޒާމަކީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢެކެވެ. ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ.

އެ ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެއްވެސްމެއެވެ. އެގޮތުން އެއަރކޯން ކޮށްފައިވާއިރު ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކޮށްފައި ހުރީ އެ ފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރެއެވެ. އަދި ފެރީގައި ފާޚާނާއާއި، ލަގެޖް ބެހެއްޓޭނެ ޖާގަ ޚާއްސަ ކުރެވިފައި ހުރެއެވެ. އަދި އާރްޓީއެލްގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.