ޚަބަރު

ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު އޭދަފުށީގައި ނާސަރީއަށް ކިޔަވައިދޭންފެށޭނެ: ކައުންސިލް


މިއަހަރުގެ އޯގަސްޓް މަހުފަށާ 2022، 2023ގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު، ބ.އޭދަފުށީގައި ނާސަރީއަށް ކިޔަދޭން ފެށޭނެކަަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކައުންސިލުން މިކަން ހާމަކުރެއްވީ އެކައުންސިލްގެ ބެލުމުގެދަށުން ހިންގަމުންއައި ނާސަރީއާއި ބޭބީ ނާސަރީ އަށްކިޔަވަދޭ ސްކޫލް ނުހުޅުވި ގިނަ ދުވަސްތަކެއް ދިއުމާ ގުޅިގެން ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރި ހިސާބުންނެވެ.

ތައުލީމީ ސިޔާސަތައް 2016ވަނަ އަހަރު ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ޕްރީ ސްކޫލްގެ ކިޔެވުން ބޮޑެތި ސްކޫލްތަކުގެ ބެލުމުގެ ދަށަށް ބަދަލުވިއެވެ. އޭގެ ކުރިން ރާއްޖޭގެ ގިނަރަށްރަށުގައި ޕްރީ ސްކޫލްގެ ކިޔެވުން ހިންގަމުން އައީ ވަކި އިމާރާތެއްގަ އެރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށުން ސަރުކާރުންނެވެ.

އެއަހަރުން ފެށިގެން އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލް ހިންގަމުން އަންނަނީ އެރަށު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އެގޮތުން 2016، 2017 މި ދެއަހަރު ހިންގީ ކައުންސިލުން ޚަރަދުކޮށްގެންނެވެ.

"ފޮޓޯ ކޮޕީ ނެގުމާއި ސްކޫލަށް ކިޔަވައި ދިނުމަށް ހޯދަންޖެހޭ ހުރިހާ އެއްޗެއް ހޯދީ ކައުންސިލުން.، ބައެއް ޓީޗަރުންނާއި މަސައްކަތު މީހުންނާއި އެޑްމިން މުވައްޒަފުން 2000 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ މުސާރައެއްގައި މަސައްކަތް ކުރީ. އެކަމު އެއީ އެންމެ ރަނގަޅު ގޮތެއް ނޫން" އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވިއެވެ.

މިއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާތީ ޕްރީސްކޫލް އިމާރާތް ހިންގާނެ ބަޔަކު ހޯދާ 2018ވަނަ އަހަރު އެމް.އައި ކޮލެޖަށް ބަހިއްޔާ ޕްރީ ސްކޫލް ކުއްޔަށް ދިނެވެ. އެސްކޫލްގެ ކިޔަވައި ދިނުން ހުއްޓާލީ 2020ވަނަ އަހަރުއެވެ. އެއީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެންނެވެ.

2020ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ނާސަރީއާއި ބޭބީ ނާސަރީއަށް ކިޔަވައިދޭ މިސްކޫލް ބަންދުވެފައި އޮތުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވިއެވެ.

ކޯވިޑްގެ ބަލިމަޑުކަމަށް ފަހު ސްކޫލް ހިންގަން ކައުންސިލުން ކުރި މަސައްކަތުން ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް (ސީއައިޓީއެމް)އަށް މިއަހަރު އެތަން ހިންގުމަށް ހަވާލުކުރިއެވެ. ނަމަވެސް ކިޔެވުން ފެށުން ލަސްވަމުންދާތީ އެގްރިމަންޓް ބާތިލުކޮށް އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކައުންސިލުން ފެށިއެވެ.

ޕްރީ ސްކޫލް ނުހުޅުވާ ގިނަ ދުވަސްތަކެއް ފާއިތުވާން ފެށުމުން އެރަށުގެ ޒުވާނުން ނުކުމެ އެރަށު ކައުންސިލް ކައިރީގައިވަނީ މުޒާހަރާވެސް ކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވީ ކުރިން ހިންގަން ހަވާލު ކުރި ފަރާތުން އެކަން ފެށުން ލަސްވަމުން ދިއުމާ ގުޅިގެން ރައްޔިތުންނަށް މިޚިދުމަތް ދިނުން ލަސްވާކަމަށް ކައުންސިލަށް ފެނިގެން އެގްރިމަންޓް ބާތިލުކޮށް އިތުރު ބަޔަކާ މަޝްވަރާ ކުރަމުންދާކަމަށެވެ. ފާތިޙް ވިދާޅުވީ މިމަސްތެރޭގައި އެމީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށެވެ. އަދި އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު އެސްކޫލް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސްކޫލް ނުހުޅުވި ދުވަސްތަކެއް ހިނގައްޖެ، އެކަން ޤަބޫލް ކުރަން. އަދި އެކަމަށް މާފައްވެސް އެދެން. އެކަމު ކައުންސިލުން މިއަހަރުވެސް ބަޔަކާ ހަވާލުކުރިން އެމީހުންނަށް ނުވީމާ އެގްރިމަންޓް ބާތިލުކުރީ ކައުންސިލްގެ ގަރާރަކުން. އެއީ ރައްޔިތުންނަށް މިޚިދުމަތް އެފަރާތައް ދެވޭނެކަމަށް ނުފެންނާތީ އާއި ލަސްވަމުންދާތީ އެކަމު މި އަހަރުގެ އޯގަސްޓްމަހު ފަށާ ދިރާސީ އާހަރުގެ ކިޔެވުން ފެށޭއިރު ހުޅުވޭނެ." އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވިއެވެ.

މި ސްކޫލް ހިންގުން ހަވާލުކުރަނީ މެރިޓައިމް އެކަޑަމިކް އޮފް މޯލްޑިވް ކިޔާ ބަޔަކާއެވެ. މެރިޓައިމްއިން ބުނީ މިކަމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމަށާއި، މިހާރު އެކަމުގެ މަޝްވަރާތައް ނިމި އެވޯޑް ކޮށްފައިވާކަމަށެވެ. މިސްކޫލް ހިންގުމާ ހަވާލުވުމުގެ އެއްބަސް ވުމުގައި މިމަސްތެރޭގައި ސޮއިކުރެވޭނެކަަމަށް އޭދަފުށީ ކައުންސިލުން ވިދާޅުވެއެވެ. އަދި ހަވާލުކުރުމަށްފަހު ބެލެނިވެރިންނަށް ހުރިހާ މައުލޫމާތެއް ހިއްސާ ކުރާނެކަމަށް އެފަރާތުން ވިދާޅުވެއެވެ.