މަތީ ތައުލީމާއި ތަމްރީންތައް ހޯދުމަށް މިފަހަރު ލޯނުދިނުމަށް ކަނޑައެޅި ބަޖެޓުން ބާކިވާ ފައިސާއިން ކިޔަވަން އިތުރު ފުރުސަތެއް ހުޅުވާލަން ނިންމައިފިއެވެ.
މިއަހަރުގެ ލޯން ސްކީމަށް ކަނޑައެޅި އަދަދަށް ވުރެ ލޯނު ލިބުނު ދަރިވަރުން މަދުވުމުން 21 މިލިއަން ރުފިޔާ ވަނީ ބާކީވެފައެވެ.
މިދިޔަ ފެބްރުއަރީމަހު ހުޅުވާލި ލޯނުގެ 720 ފުރުސަތަށް 1000 ދަރިވަރުން ކުރިމަތިލިއެވެ. ނަމަވެސް، ބައެއް ކޯސްތަކަށް ކަނޑައެޅި ޖާގައަށް ވުރެ އެތައް ދަރިވަރުންނެއް ކުރިމަތިލުމުން ގިނަ ދަރިވަރުން ވަނީ ބާކީވެފައެވެ. އަދި ލޯނަށް އެދި ހުށައަޅާއިރު ހުށައަޅަންޖެހޭ ބައެއްކަހަލަ ލިޔެކިޔުންތައް ހުށައެޅުމުގައި ބައެއް މައްސަލަތަކެއް ހުރުމުން ވަނީ ޑިސްކޮލިފައިވެފައެވެ. އެހެންކަމުން މިއަހަރުގެ ލޯނު ލިބުނީ 393 ދަރިވަރުންނަށެވެ. އަދި ވަގުތީ ނަތީޖާއަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާއިރު ދާއިމީ ލިސްޓް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ލޯނުގެ ބަޖެޓުން ބާކީވާ ފައިސާއިން ލޯނުގެ އިތުރު ބުރަކަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.އެ ފައިސާއިން ލޯނު ދެވޭނެ ބަޔަކާއި އެކަން ކުރާނެ ގޮތްތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިފަހަރު އެންމެ ގިނަ ދަރިވަރުން ކުރިމަތިލީ ޕައިލެޓްކަން ކިޔަވާށެވެ. އެ ދާއިރާއަށް 10 ޖާގަ ހާއްސަކުރިއިރު 252 ދަރިވަރުން ވަނީ ލޯނު ހޯދަން އެދިފައެވެ. އޭގެސަބަބުން 240 ދަރިވަރުން ވަނީ ބާކީވެފައެވެ. އެމްބީބީއެސް ހަދަން ހުޅުވާލި 25 ފުރުސަތަށް 129 ދަރިވަރުން ކުރިމަތިލުމުން އެ ކެޓަގަރީން 104 ދަރިވަރުން ބާކީވިއެވެ. މީގެއިތުރަށްވެސް އެހެނިހެން ދާއިރާތަކުން ކިޔެވުމަށްވެސް ގިނަ އަދަދެއްގެ ކުދިން ވަނީ ފޯމް ހުށައަޅާފައެވެ. މިކަމުން މި ދައްކައިދެނީ ސަރުކާރުގެ ލޯން އެހީގައި އެކި ދާއިރާތަކުން ކިޔަވަން ބޭނުންވާ ދަރިވަރުންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނަކަމެވެ.
ސަރުކާރުން ލޯނު ދީގެން މި ވަގުތު 9054 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.