އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސްގެ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ އެކައުންޓިން އިންޑަސްޓްރީއަށް ކުރިއެރުންތަކެއް އަންނާނެކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސިމާ) ގެ ޕްރޮގްރާމްތައް ވިލާކޮލެޖްގައި އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ރާއްޖޭގައި ޕްރޮފެޝަނަލް އެކައުންޓުންނާއި އޮޑިޓަރުން އުފައްދަން ވިލާ ކޮލެޖުން ނެގި ލީޑާޝިޕަކީ އެ މަސައްކަތުގައި އަދާ ކުރި ބޮޑު ދައުރެއް ކަމަށެވެ.
ރާއްޖޭގެ ތައުލީމީ އިދާރާތަކާއި ގުޅިގެން ސީމާގެ ޕްރޮގްރާމަތައް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވިކަމަށާއި ވިލާ ކޮލެޖަކީ، ރާއްޖޭގައި ޕްރޮފެޝަނަލް އެކައުންޓެންޓުން އުފައްދަން ކުރާ މަސައްކަތުގައި، ވަރަށް ވެސް މުހިންމު ދައުރެއް އަދާ ކުރާ ބައިވެރިއެއްކަމަށެވެ. ނިޔާޒީ ވިދާޅުވީ މި ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ އެކައުންޓިން އިންޑަސްޓްރީއަށާއި އިގްތިޞާދަށްވެސް ކުރިއެރުންތަކެއް އަންނާނެކަމަށެވެ. އަދި ވިޔަފާރިއާއި އިގްތިސޯދަކީ މި ދާއިރާއާ ގުޅިލާމެހިފައި އޮތް ކަމެއްކަމަށެވެސް ނިޔާޒީ ވިދާޅުވިއެވެ.
ނިޔާޒީ ވަނީ ސިމާގެ ޕްރޮގްރާމްތައް ރާއްޖޭގައި ފެށެނީ މީގެ ކުރިން އޮޑިޓަރ ޖެނެރަލްގެ މަގާމު ފުރުއްވި ހުރިހާ ބޭފުޅުންގެ ގިނަގުނަ ބުރަ މަސައްކަތުންކަން ފާހަގަކުރައްވާފައެވެ.
ސިމާގެ ޕްރޮގްރާމްތަކަކީ އަމިއްލަ ވިޔަފާރި ހިންގަން ބޭނުންވާ ފަރާތްތަކާއި، ފައިނޭންސްއާއި ވިޔަފާރި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކައި އެ ދާއިރާއިން ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް މެނޭޖްމަންޓް އެކައުންޓިންގެ ތަމްރީންތައް ދެވޭ ޕްރޮގްރާމްތަކެކެވެ.
މި ދާއިރާއާ ގުޅުން ހުރި ދާއިރާއެއްގެ ފުރަތަމަ ޑިގްރީގެ ދެވަނަ އަހަރު ކިޔަވަމުންދާ ދަރިވަރުންނަށް އެފްއެލްޕީގެ އޮޕަރޭޝަނަލް ލެވެލްގައި ބައިވެރިވެވޭނެ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ. އަދި ޑިގްރީއާއި މާސްޓާސް ހާސިލް ކުރަންވާއިރަށް އެ ޕްރޮގްރާމް އެއްކޮށް ހާސިލްކުރެވޭނެއެވެ.
ވިލާ ކޮލެޖުން ބުނީ ސީބީއޭ އާއި އެފްއެލްޕީގެ އޮޕަރޭޝަނަލް ލެވެލްގެ ޕްރޮގްރާމްތައް ވަނީ ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ތެރެއިން ސަރުކާރުން އެއްކޮށް ފަންޑު ކޮށްދީފައިކަމަށެވެ. އަދި އޭގެ އިތުރަށް އޭގައި ބައިވެރިވެގެން މަހަކު 5000 ރުފިޔާގެ އިނާޔަތެއް ލިބެން އޮންނާނެކަމަށް އެ ކޮލެޖުން ބުނެއެވެ.