މުނިފޫހިފިލުވުން

ބްރެޑް ޕިޓްގެ "ބުލެޓް ޓްރެއިން" ގައި ލޭޑީ ގާގާ


ބްރެޑް ޕިޓްގެ ކުރިއަށް އޮތް ފިލްމު "ބުލެޓް ޓްރެއިން" ގެ ރޯލެއް ލޭޑީ ގާގާ އަށް ހުށަހެޅި ކަމަށް ފިލްމުގެ ޑައިރެކްޓާ ޑޭވިޑް ލީޗް ބުނެފިއެވެ.

އެކްޝަން ތްރިލާ ފިލްމެއް ކަމަށްވާ "ބްލެޓް ޓްރެއިން" ގެ ރޯލެއް ގާގާ އަށް ދޭން ފުރަތަމަ ވާހަކަ ދެއްކި ނަމަވެސް ގާގާ ގެ ދެވަނަ ފިލްމު "ހައުސް އޮފް ގުޗީ" ގެ ޝެޑިއުލާއި ހެދި މި ފިލްމަށް އޭނާއަށް ވަގުތު ނުދެވުނީކަމަށްވެސް ޑޭވިޑް ވަނީ ބުނެފައެވެ.

2018 ވަނަ އަހަރު ދެއްކި " އަ ސްޓާ އިޒް ބޯން" އިން އެލީގެ ރޯލު ކުޅެގެން މަޝްހޫރު ލަވަކިޔުންތެރިޔާ ގާގާ ވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ. މި ފިލްމުން އޮސްކާގެ އެންމެ މޮޅު ބަތަލާގެ އެވޯޑަށްވެސް ގާގާ ވަނީ ނޮމިނޭޓްވެފައެވެ.

ގާގާ ދެވަނަ ފިލްމު "ހައުސް އޮފް ގުޗީ" އަކީ ކުޅަދާނަ ޑައިރެކްޓަރު ރިޑްލީ ސްކޮޓް ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ގާގާ ގެ އިތުރުން އެޑަމް ޑްރައިވާ، އަލް ޕަޗީނޯ އަދި ޖެރެޑް ލެޓޯ ފަދަ އޭ-ލިސްޓް ތަރިން ހިމެނެ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކޮށްފައިވާ މި ފިލްމުގައިވެސް ގާގާ ވަނީ މޮޅު އެކްޓިނެއް ދައްކާފައެވެ.

"ހައުސް އޮފް ގުޗީ" އަކީ ބައޮގްރަފިކަލް ކްރައިމް ފިލްމެކެވެ. މީގައި ކިޔައިދެނީ އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި ގުޗީ އާއިލާގެ ތެރޭގައި ހިނގި ގަތުލެއްގެ ވާހަކަ އެވެ. ފިލްމުގައި ގާގާ ކުޅެފައި ވަނީ މައުރީޒިއޯ ގުޗީގެ ކުރީގެ އަންހެނުން ޕެޓްރީޒިއާ ރެޖާނީގެ ރޯލެވެ.
ރިޑްލީގެ "ހައުސް އޮފް ގުޗީ" އަކީ ލިޔުންޔެރިޔާ ސާރާ ގޭ ފޯޑެން ލިޔެފައިވާ "ދަ ހައުސް އޮފް ގުޗީ: އަ ސެންސޭޝަނަލް ސްޓޯރީ އޮފް މާޑާ، މޭޑްނެސް، ގްލެމާ އެންޑް ގްރީޑް" އަށް ބިނާކޮށް ހަދާގައިވާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ ރޮބާޓޯ ބެންޓިވެގްނާ އާއި ބެކީ ޖޯންސްޓަން އެވެ.