ޚަބަރު

ޕިކްނިކް އައިލެންޑްގެ މުވައްޒަފުން ތިބޭ ޢިމާރާތުގެ ބިންގާ އަޅައިފި


މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް، މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑް ބަލަހައްޓާނެ މުވައްޒަފުން ތިބޭ ޢިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ނައިބްރައީސް ފައިޞަލް ނަޞީމެވެ. އެމަނިކުފާނު މިއަދު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމްއާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕިކްނިކް އައިލެންޑްގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވައިލެއްވުމަށް ނައިބްރައީސް ފައިޞަލް ނަޞީމް ވަނީ ކުޑަގިރިއަށް ވަޑައިގެން އެ ރަށް ބެލެހެއްޓުމުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ތިބޭ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. އަދި އެ މަނިކުފާނު ވަނީ އެރަށުގައި ރުކެއް އިންދަވައިދެއްވާފައެވެ. ކުޑަގިރީގައި މިހާރު ކުރިއަށް ދާ މަސައްކަތްތަކުގެ ތެރޭގައި ބީޗްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭނެ ޢިމާރާތްތައް އިމާރާތްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މީގެ އިތުރަށް ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން އަންނަނީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް އެރަށަށް ދަތުރު ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕިކްނިކް އައިލެންޑްގެ ބައެއް މަސައްކަތްތައް ކުރައްވަމުން ގެންދަވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މުވައްޒަފުންގެ ތިބޭ ޢިމާރާތުގެ މަސައްކަތް ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި ގޮނޑުދޮށްތައް ތަރައްޤީކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން މުނިފޫހިފިލުވުމަށް ދަތުރު ދާނެ ރަށެއްގެ ގޮތުގައި ކ.ކުޑަގިރި ހެދުމުގެ މަސައްކަތުގެ ދަށުން އެސަރަޙައްދުން 8 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ ހިއްކާފައެވެ. މިމަޝްރޫޢުގެ ދަށުން ކުޑަގިރީގައި 8 ހެކްޓަރުގެ ބިން ހިއްކައި 397 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓަކާއި 428 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކައްޓެއް ޖެހުމަށް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

މާޅެ ކައިރިން ދަތުރު ދިއުމަށް ހަދާ ރަށަކީ ޢާއްމުކޮށް ދަތުރުދާ ރަށެއްގައި ހުންނަންޖެހޭ ހުރިހާ ޚިދުމަތްތަކެއް ހިމެނޭގޮތަށް ހަދާ ރަށެކެވެ. ޕިކްނިކް އައިލެންޑްގެ 200މީޓަރ ސަރަޙައްދަކީ ގޮނޑުދޮށް ސަރަޙައްދެވެ. މީއީ މޫދަށް އެރުމަށާއި، އަދި ބީޗް ކުޅިވަރުތަކަށް ޚާއްސަކޮށްފައިވާ ސަރަޙައްދެވެ. ޕިކްނިކް އައިލެންޑްގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ޢާއިލީ ކޮޓަރިތަކާއި، ފާޚާނައާއި، ޗޭންޖިން ރޫމް، ނަރސިންގ ރޫމް، އައި ލޮކަރސް، އިވެންޓް ސްޕޭސް އަދި ނަމާދުކޮޓަރި ހިމެނެއެވެ.

ޕިކްނިކް އައިލެންޑް ފަރުމާކޮށްފައިވަނީ ތަފާތު ގިނަ ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކުއެވެ. އެގޮތުން ކުޑަކުދިން ކުޅޭ ސަރަހައްދު، ބީޗް ކުޅިވަރުތައް ކުޅޭ ސަރަހައްދު، ބާބަކިއު ސަރަޙައްދު ހިމެނެއެވެ. މި ރަށް ތަރައްޤީކުރަމުން އަންނަނީ ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތައް ކުޅިގެންނެވެ. ދަތުރުދިޔުމަށް ތަރައްޤީ ކޮށްފައިވާ ރަށާކީ މާލެއިން ފުރައިގެން ގާތްގަޑަކަށް 20 މިނެޓްގެ ދަތުރެއް ކޮށްފައިދެވޭ ރަށެކެވެ.

މާލޭގައި ދިރިއުޅޭމީހުން ދަތުރުދިއުމަށް އެންމެ ކުރީންސުރެ ބޭނުން ކުރަމުން އައިސްފައިވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ބަންދުކޮށްފައިވަނީ 2013ވަނަ އަހަރުއެވެ. ކުޑަބަނޑޮހަށް ދަތުރުދިއުން ޢާއްމުންނަށް ބަންދުވުމާއެކު މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަ ޖައްސާލައި ދަތުރުދިޔުމަށް އޮތް ހަމައެކަނި ފުރުސަތު ބަންދުވީއެވެ. މި ސަރަޙައްދުގައި ޢާއްމުން ދަތުރު ދިއުމަށް ޤުދުރަތީ އިތުރު އެއްވެސް ރަށެއް ނެތެވެ. އާންމުންގެ މި ކަންބޮޑުވުމަށް ހައްލެއް ހޯއްދަވައިދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތީ، ދަތުރު ދިއުމަށް މާލެ ކައިރިން ރަށެށް ކަނޑައަޅައިދެއްވުމަށް ވަޢުދުވެވަޑައިގަންނަވަމުންނެވެ.