ޚަބަރު

ސެޓެލްކޯއިން ފުޅާ ދާއިރާއެއްގައި، ފެން އުފައްދައި މާކެޓަށް ނެރެނީ


ހުޅުމާލޭގައި ސްޓެލްކޯއިން ދާދިފަހުން ޤާއިމްކުރި ފަންސާސް މެގަވޯޓް އިންޖީނުން، ފެން ކުންފުންޏަކުން ފެން އުފައްދާ މިންވަރަށް ބޯފެން އުފެއްދޭކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯއިން ކަރަންޓުން އެކަނި ލިބޭ ޢާމްދަނީއަށް ބަރޯސާވެފައި އޮތްއޮތުން ބަދަލުކޮށް އިތުރު ދާއިރާތަކުން ޢާމްދަނީ ލިބޭނެގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ރިއަލް އެސްޓޭޓްގެ ވިޔަފާރިއާއި، އިސްތިހާރުކުރުމާއި ރިސޯޓްތަކުގެ ކަރަންޓުގެ ޚިދުމަތުގެ ވިޔަފާރިއާއި ފެނުގެ ވިޔަފާރިއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ޝަރީފް ވިދާޅުވީ އެހެން ވިޔަފާރިތަކަށް ވަނުމުގެ ބޭނުނަމީ ކަރަންޓުގެ އަގަށް ބަރޯސާވުން ކުޑަކުރުންކަމަށެވެ. އެގޮތުން އެހެން ވިޔަފާރިއަކަށް ސްޓެލްކޯއިން ވަނުމުން އެކުންފުނީގެ ކަރަންޓުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ހަތަރު ވިޔަފާރިއަކަށް ވަނުމަށް އެކުންފުނިން ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރިއަލް އެސްޓޭޓް ވިޔަފާރިއަކީ ބޮޑު އާމްދަނިއެއް ހޯދިދާނެ ދާއިރާއެއްކަން ކަށަވަރުވެފައިވާކަމަށެވެ. އެގޮތުން ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޢިމާރާތްކުރި ދެ ޓަވަރަކީ ސްޓެލްކޯއަށް ރިއަލްއެސްޓޭޓް ވިޔަފާރި ކާމިޔާބުކަމާއެކު ގެންދެވޭނެކަން ހާމަވި ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.އެހެންކަމުން ރިއަލްއެސްޓޭޓްގެ އައު މަޝްރޫޢުއެއް ވިޔަފާރި އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށާ، ލަގްޒަރީ ހައުސިންގއަށް ވަނުމަށްޓަކައި ދިރާސާތައް ހަދަމުން އަންނަކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ސަރުކާރުގެ އޮފީސްތަކަށް އަމާޒުކޮށް ސްޓެލްކޯގެ އެތެރޭގައި 14 ބުރީގެ އޮފީސް އިމާރާތެއް ހަދަން ނިންމާފައިވަކަމަށާ، އެކަމަޓަކައި މާކެޓް ޕްލޭންހަދައި އޮފީސް ސްޕޭސް ބޭނުންވާ ދައުލަތުގެ މުއައްސަސާތަކާ އޮފިސްތަކަށް ހުށައަޅަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއޮފީސް އިމާރާތްކުރާނީ އެ އިދާރައެއް ނުވަތަ އޮފީހަކުން ބޭނުންވާ ޑިޒައިނަކަށްކަމަށާއި، އެއިންވެސް ރަނގަޅު އާމްދަނިއެއް ލިބޭނެކަމަށް ބެލެވޭކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އިސްތިހާރުކުރުމުގެ ވިޔަފާރިއަށް ސްޓެލްކޯއިން ވަނުމުގެ ޝަޢުގުވެރިކަން ހުރިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އިޝްތިހާރުގެ މާކެޓަށް ވަނުމަށް މާލޭގެ އެކި ސަރަހައްދުގައި ލެޑް ޓީވީ ހަރުކުރުމަށް ނިންމާފައިވާކަމަށާ، މާލޭގެ ކޮންމެ ސަރަހައްދަކުން ފަސް މިނަޓަކުން އެ ޓީވީގެ އިސްތިހާރުފެންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ރިސޯޓް ވިޔަފާރީގެ ތެރެއަށްވެސް ސްޓެލްކޯއިން ވަނުމަށް ނިންމާފައިވާކަމަށާ، ސްޓެލްކޯގެ ސާރވިސް ސެންޓަރު މެދުވެރިކޮށް ރިސޯޓް މާކެޓްގައި ޕަވަރ އުފެއްދުމާއި، އިންޖީނުގެ ސާރވިސްކުރުމާއި، އިންޖީނުގެ ސެޓަޕް ހެދުމާއި ވަޔަރިންފަދަ މަސައްކަތްކުރުމަށްވެސް ވިސްނަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަފުޅުގައި ވަނީ ސްޓެލްކޯގެ ހުލުމާލޭ އިންޖީނުގޭގައި ހުރި ފަންސާސް މެގަވޯޓުގެ އިންޖީނުން، ފެން ކުންފުންޏަކުން ފެން އުފެއްދޭނެ މިންވަރަށް ފެން އުފެއްދުމުގެ ޤާބިލްކަން ހުރިކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ފެން އުފައްދައި އެ ފެން މާކެޓްކުރުމަށްވެސް ވިސްނާފައިވާކަަމށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ 50 މެގަވޯޓު ދާދި އިހަށް ދުވަހަކު އެސްޓަބްލިޝްމިކުރެވުނީ. އެކަން ކުރެވުނުއިރު 50 މެގަވޯޓްގައި އަޅުގަނޑުމެންގެ އަތުގައި ފެން އުފެއްދުމުގެ ކެޕޭސިޓީ އެބަހުއްޓޭ އާދައިގެ ފެން އުފައްދާ ކުންފުންޏެއްގައި ފެން އުފެއްދުމުގެ ކެޕޭސިޓީއާ އެއްވަރަށް. އެ ޔޫޓިލައިޒް ކުރުމުގެ ވިސްނުންތަކެއް އަޅުގަނޑުމެންގެ އެބަހުރި. އެފެން މާކެޓަށް ނެރެވޭނެ ގޮތަކާ ގުޅޭގޮތުން މަސައްކަތްތަކެއް ކުރަމުން އެބަދަން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ވިޔަފާރިތަކުގެ ތެރެއަށް ސްޓެލްކޯއިން ވަނުމުން ކަރަންޓުގެ ޚިދުމަތުން ނަގާ އަގަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އެގޮތުން މިހާރަށްވުރެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް ސަބްސިޑައިޒްކުރެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންޖީނުގެ ހޫނުން އުފެދޭ ފެން، ފުޅީގައި ބަންދުކޮށްގެން "ސްޓެލްކޯ ފެނު"ގެ ނަމުގައި ފެން މާކެޓަށް ނެރުނެވެ. ނަމަވެސް ފަހުން އެކަން ވަނީ ހުއްޓާލާފައެވެ. އާއްމުކޮށް ރާއްޖޭގައި ބޭނުންކުރާ ރިވާސް އޮސްމޯސިސް (އާރުއޯ) ޕްލާންޓުން އުފައްދާ ފެނަށް ވުރެން ސްޓެލްކޯގެ ފެން ސާފުވާނެކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.