 
										
			ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓޭ މިންވަރު ދެނެގަތުމުގެ ދިރާސާއެއް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެންބަސީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އީޕީއޭ ގުޅިގެންނެވެ. 
ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި، މޫސުމީ ބަދަލުތަކާއި ދިރުންތަކަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްކޮށް މިފަދަ ކަންކަމަށް އެޙީތެރިވުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އުފައްދާފައިވާ "ބްލޫ ޕްލެނެޓް ފަންޑް"ގެ ދަށުން ހަދާފައިވާ އޯޝަން ކަންޓްރީ ޕާޓްނަރޝިޕުން އިސްނަގައިގެން ކުރިއަށްގެންދާ ދިރާސާ މިބައްދަލުވުން ކުރިއަށް ގެންދަނީ ބ.އަތޮޅާއި ދ.އަތޮޅުގައެވެ. 
		
 
										 
										
			މިދިރާސާ ހަދަނީ ބަޔޯ ޑައިވަރސިޓީ ނުވަތަ އެއްގަމާއި ކަނޑުގެ ދިރުންތަކާއި ދުނިޔެއިން ނެތި ފަނާވެ ގޮސްދާނެކަމުގެ ބިރު ހިވެފައި އޮތް ދިރުންތައް ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ. 
ބ.އަތޮޅުގައި ދިރާސާ ކޮށް ބަލާފައިވަނީ އެއަތޮޅުގައި ހިމާޔަތްކޮށް ބަލަހައްޓަމުންގެންދާ ހަނިފަރު ހިމެނޭސަރަހައްދުގެ މެނޭޖްމަންޓް ޕްލޭނަށެވެ. އެގޮތުން އެޕްލޭންގައި ހުރި ގޮތަށް އެތަން ބަލަހައްޓާ މިންވަރު ދެނެގަނެވިފައިވާ ކަމަށް އީޕީއޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވި  އަޙްމަދު ޝާން ވިދާޅުވިއެވެ.
ބ.އަތޮޅުގައި އެއްދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ރަށްރަށުގެ ކައުންސިލްތަކާއި ރިސޯޓްތަކާއި އަތޮޅު ކައުންސިލާއި އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ވަނީ ބައިވެރިވެފައެވެ. 
މި މަސައްކަތް މިހާރުކުރިއަށްދަނީ ދ އަތޮޅުގައެވެ. އެއީ ދ.ކުޑަހުވަދޫ ފަރުގައި އޮންނަ ގްރޫޕާ ބްރީޑިން ނުވަތަ ފާނަ ވިހާ އާލާވާ ތަން ހިމާޔަތްކޮށް ބަލަހައްޓާ މިންވަރު ދެނެގަތުމުގެ މަސައްކަތެވެ. މީގެ އިތުރުން ދެން ބަލާނީ ރިސޯޓެއްގެ ފަރު ހިމާޔަތްކޮށް ބަލަހައްޓާ ގޮތްކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 
ރާއްޖޭގައި ގިނައިން ހިމާޔަތްކޮށްފައި ހުރީ ކަނޑުގެ ސަރަހައްދުތަކެވެ. ނަމަވެސް ބައެއް ރަށްވެސް ހިމާޔަތްކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ތިމާވެއްޓާބެހޭ ވުޒާރާއިން ހިމާޔަތްކޮށްފައި ހުރި ތަންތަނާއި ފިޝަރީސް މިނިސްޓްރީން ހިމާޔަތްކޮށް ފައި ހުރިތަންތަން ހިމެނެއެވެ. ފިޝަރީސް މިނިސްޓްރީން ހިމާޔަތްކޮށްފައި ހުރީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ހިމާޔަތްކޮށްފައި ހުރި ތަންތަނެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ހިމާޔަތްކޮށްފައިވަނީ ގުދުރަތީ ރީތިކަން ލިބިފައިވާ ތަންތަނެވެ. 
"ބްލޫ ޕްލެނެޓް ފަންޑް"ގެ އޯޝަން ކަންޓްރީ ޕާޓްނަރޝިޕްގެ ދަށުން ހަތަރު ކަމަކަށް އެހީދިނުމަށްވަނީ ހަމަޖެހިފައެވެ. އެއީ ޖައްވާއި ވައި ތަޣައްޔަރުވުމާއި، ދުނިޔެއިން ނެތި ގޮސްދާނެކަމުގެ ބިރުއޮތް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށާއި ކުނީގެ ސަބަބުން، ވަކިން ޚާއްސަކޮށް ޕްލާސްޓިކުން ކުރިމަތިވާ އެކިއެކި ކަންކަން ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ކަންކަން ހުއްޓުވުމަށެވެ.
 
500 މިލިއަން ޕައުންޑް ޚަރަދު ކުރާ މިފަންޑުގެ ދަށުން ޚާއްސަ އިސްކަމެއް ދޭ އެއްގައުމަކީ ރާއްޖެއެވެ. އެއީ ރާއްޖޭއަކީ ނާޒުކު ތިމާއްވެއްޓެއް އޮތް ގައުމަކަށް ވުމުންނާ ކަނޑުގެ ދިރުން މުއްސަނދިގައުމަކަށް ވުމުންނެވެ. ރާއްޖެއަށް މިވަގުތަށް އެހީ ދިނުމަށް ކަނޑައަޅާފައި ވަނީ ޕޮލިއުޝަން އާއި ބަޔޯ ޑައިވާރސިޓީއަށެވެ.