ކުޅިވަރު

އެފްއޭއެމުން ވިލިމާލޭގައި ގާއިމުކުރި ފުޓްބޯޅަ ދަނޑު ހުޅުވައިފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވިލިމާލޭގައި ގާއިމުކުރި ޓާފް ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

މާލޭގެ ފަސްވަނަ އަވަށުގެ ގޮތުގައި ވަކިން އޮންނަ ވިލިމާލޭގެ ދަނޑަށް "އެފްއޭއެމް ޓްރެއިނިން ޓްރެއިނިން ފެސިލިޓީ" ގެ ނަން ދީފައިވާއިރު، މި ދަނޑު ރަސްމީކޮށް ހުޅުވާފައިވަނީ އާދީއްތަ ދުވަހުގެރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. މި ދަނޑު ބެލެހެއްޓުން އެފްއޭއެމުން ހަވާލުކޮށްފައިވަނީ ވިލިމާލެ ޔުނައިޓެޑާއެވެ.

ރާއްޖެގެ އެކި ކަންކޮޅުތަކުގައި 20 ދަނޑު އެޅުމަށް އެފްއޭއެމުން ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައި ވިންޑް ގްލޯބަލްއާ އެއްބަސްވުން ހަދާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެއާއެކު ސްކައި ވިންޑް ގްލޯބަލްއިން މަސައްކަތް ހަވާލުކޮށްގެން، މި ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ދިރޮކް އިންވެސްޓްމަންޓްސް އެންޑް ކޮންސަލްޓިން ގްރޫޕް ޕްރައިވެޓް ލިމިޓެޑުންނެވެ.

ރޭގެ ރަސްމިއްޔާތަށްފަހު ވަނީ ދަނޑު ހުޅުވުމުގެ ގޮތުން ޚާއްސަ ފުޓްބޯޅަ މެޗެއް ކުޅެފައެވެ. އެ މެޗުގައި ބައްދަލުކުރީ ލެޖެންޑުން ކުޅުނު އެފްއޭއެމުގެ ޓީމަކާއި ވިލިމާލެއިން އެކުލަވާލި ޓީމެކެވެ. މި މެޗުގައި އެފްއޭއެމް ޓީމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުޅުއްވިއިރު، ވިލިމާލެ ޓީމަށް އެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އުޝާމް ވަނީ ކުޅުއްވާފައެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިލިމާލެ ޓީމުންނެވެ.

ވިލިމާލޭގެ ޓާފް ދަނޑަކީ މުޅި ރާއްޖެއަށް ދިވެހި ޕްރިމިއާ ލީގު ތައާރަފުކުރުމަށްފަހު ލީގު މެޗުތައް ކުޅޭނެ އެއް ދަނޑެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭއިރު މާލެއަށް ނިސްބަތްވާ ޓީމުތަކުގެ ހޯމް މެޗުތައް އެއް ވަގުތެއްގައި ދިމާވެއްޖެނަމަ، ވިލިމާލޭ ދަނޑުގައިވެސް މެޗުތައް ކުޅޭނެ ކަމަށް ބައްސާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމަކު އެ ދަނޑު ބޮޑަށް ބޭނުންކުރާނީ ކުލަބުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށެވެ.