ޚަބަރު

އިހަވަންދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހއ. އިހަވަންދޫ ކުރިޔަށްގެންދާ ފެރީ ޓާރމިނަލް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި ފެރީ ޓަރމިނަލަކީ އިންޓަރގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓްގެ ދަށުން ޒޯން 1 އަށް ޚިދުމަތް ދިނުމަށް އިމާރާތްކުރެވިފައިވާ ފެރީ ޓާރމިނަލްއެކެވެ. އަލަށް ނިމިފައިވާ މިޓާމިނަލްގައި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި، ޕޭރެންޓް ރޫމަކާއި، ލަގެޖް ރޫމަކާއި، ޓަކް ޝޮޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފުޅުންނަށް ވަކިން ފާޚާނާ ވަނީ ގާއިމްކޮށްފައެވެ.

ޤައުމީ ފެރީ ނިޒާމަކީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢެކެވެ. ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ އިންޓަގްރޭޓެޑް ފެރީ ނެޓްވޯކްގެ ދަތުރުތައް ޒޯން 1 އަށް ފަށާފައިވަނީ މިމަހުއެވެ. މިޒޯންގައި ހިމެނޭ ހއ، ހދ، އަދި ށ. އަތޮޅުގެތެރެއިން އެންމެ ފުރަތަމަ ޚިދުމަތް ފަށާފައިވަނީ ހދ.ގެ އަތޮޅުތަކުގެ ރަށްތަކުގައެވެ. އެންމެ ފުރަތަމަ ޚިދުމަތް ފަށާ އެޒޯންގައި 5 ރޫޓަކުން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ. އަދި މިޚިދުމަތް އަންނަ ޖޫންމަހު ޒޯން 1 ގައި ހިމެނޭ ހއ، އަދި ށ އަތޮޅަށް ފެށުމަށް އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.

މި ޒޯންގައި މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ. މިއިން ކޮންމެ ރަށެއްގައިވެސް ބަނދަރުމަތީގައި މީހުން ތިބުމަށް ޚާއްސަ ތަންތަން ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި މައި 6 ރަށުގައި ފެރީ ޓާމިނަލް ހެދުމާއި، އަދި އެހެން ރަށްތަކުގައި ފެރީ ސްޓޮޕްތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ޒޯން 1ގައި ފެރީ ޓާމިނަލް ހަދާ ރަށްތަކަކީ ހއ.ހޯރަފުށި، ހއ.އިހަވަންދޫ، ހއ.ދިއްދޫ، ހދ.ހަނިމާދޫ، ށ.ބިލެތްފަހި، ށ.ފުނަދޫއެވެ. ޒޯން 1ގެ ހުރިހާ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް ޖޫން ނުވަތަ ޖުލައިއަށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.