ކްރޮސް ސަބްސިޑީގެ އުސޫލުން ތ.ކަނިމީދޫ އެއްކޮށް، ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ތ. ކަނިމީދޫ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމާއި ގުޅޭގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ތ. ކަނިމީދޫ ތަރައްޤީކުރުމުގައި މިނިސްޓްރީން މިހާރު ގެންގުޅޭ ވިސްނުމަކީ ވީހާވެސް އަވަހަކަށް އެރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދުންކަމަށެވެ. 10 ހެކްޓަރުގެ ބިން ބިޑަށް ލައިގެން އެއްވެސް ފަރާތެއްގެ ޝައުގުވެރިކަން ނުލިބުމުން މިނިސްޓްރީގެ ވިސްނުން މިހާރު ހުރީ ކްރޮސް ސަބްސިޑީގެ އުސޫލުން މުޅި ރަށް ކުއްޔަށް ދިނުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ތ. ކަނިމީދޫ ތަރައްޤީކުރުމުގައި މިނިސްޓްރީން މިހާރު ގެންގުޅޭ ވިސްނުމަކީ ވީހާ އަވަހަކަށް އެރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދައި އެރަށް ހަވާލުކޮށް އެރަށް ތަރައްޤީކުރުން. މީގެކުރިން އެރަށުން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ 10 ހެކްޓަރުގެ ބިން އަޅުގަނޑުމެން ބިޑަށް ލައިގެން އެކަމަށް އެއްވެސް ފަރާތެއްގެ ޝައުގުވެރިކަމެއް ނުލިބުނު. އެހެންކަމުން ކްރޮސް ސަބްސިޑީގެ އުސޫލުން މުޅި ރަށް ކުއްޔަށް ދިނުމަށް ގަސްދުކޮށް އެކަމަށް މިހާރު މިދަނީ މިނިސްޓްރީން މަސައްކަތް ކުރަމުން. އަދި މި އުސޫލުން ތ.ކަނިމީދޫ ކުއްޔަށް ދިނުމުގައި ސަރުކާރުގެ ވިސްނުމަކީ ތ. އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ޚާއްސަކޮށް ވިލުފުށީ އެއަރޕޯޓް ތަރައްޤީކުރެވޭ ގޮތައް އެކަންތައް ކުރުން." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
ކަނިމީދޫއަކީ ވޭމަންޑޫ ބޭރުގައި އޮންނަ ފަޅުރަށެކެވެ. ރިސޯޓެއް ތަރައްގީކުރުމަށް ތ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަނިމީދޫ ބީލަމަށް ލާން ޓޫރިޒަމް މިނިސްޓްރީން ނިންމައި، އެކަން އިއުލާންކުރީ 2019 ވަނަ އަހަރުއެވެ. ކްރޮސް ސަބްސިޑީގެ އުސޫލުން ތ.ކަނިމީދޫގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް އަންސޮލިސްޓެޑް ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތަކާއެކީ ސަރުކާރުން މިހާރު މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިހާރު ތ. އަތޮޅުގައި 152 އެނދުގެ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. ތ. އަތޮޅުގެ 5 ރަށެއްގައި 6 ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. އެއީ 700 އެނދެވެ.