ޚަބަރު

އެސައިންމަންޓް އެހެން މީހަކު މެދުވެރިކޮށް ހަދައިފިނަމަ 5000 ރުފިޔާގެ ޖޫރިމަނާ


މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވައިފިނަމަ 5000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ޤަވާއިދު އެކުލަވާލައިފިއެވެ.

ދަރިވަރުން އަމިއްލައަށް ކުރަންޖެހޭ މަސައްކަތް އެހެން މީހަކު ލައްވާ ކުރާނަމަ ޖޫރިމަނާ ކުރާގޮތައް މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

"މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ" ޤަވާއިދުގައިވަނީ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑަމިކް މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށައެޅުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެ ކަމުގެ ޢަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާކޮށް އެ ދަރިވަރަކު ކިޔަވަމުން ދާ މަރުކަޒަކުން އެކަމާމެދު އަޅަން ބޭނުންވާ ފިޔަވަޅު އެޅުމަށް އެފަދަ ޤަވާއިދެއް އެކުލަވާލާފައި އޮންނަން ޖެހޭނެކަމަށް ޤަވާއިދުގައިވެއެވެ. އަދި އެފަދަ އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ ކަން ހިނގާދިޔަ ގޮތުގެ ތަފްސީލް ރިޕޯޓެއް ރަސްމީ 3 ދުވަހުގެ ތެރޭގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅަންޖެހެއެވެ.

މި ޤަވާއިދުގައި ބުނާގޮތުން މަތީ ތަޢުލީމާއި ތަމްރީން ދޭ މަރުކަޒުތަކުން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހި ރައްޔިތުންގެ ދިނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމުގެ ޤާނޫނުގައިވާ ކަންކަމާ ޚިލާފުވެއްޖެނަމަ އެފަދަ ކަންކަން ތަކުރާރުކޮށް ނުކުރުމަށް ލިޔުމުން ނަސޭހަތްތެރިވެ 10000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެކަމުގައި ޒިންމާވާ މީހުންނަށް އެ މަރުކަޒެއްގައި ހަދާފައި ހުންނަ ޤަވާއިދުތަކާއި އުސޫލްތަކުގެ ދަށުން ފިޔަވަޅު އަޅާ 30 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގަންޖެހެއެވެ.

މީގެ އިތުރަށް މިނިސްޓްރީން މަރުކަޒުތަކަށް އަންގާ އެންގުންތަކާ ޚިލާފުވެއްޖެނަމަ "ކޮލެޖްތަކާއި އިންސްޓިޓުއުޓްތަކުގެ ދަފްތަރު" ނުވަތަ "ޔުނިވަރސިޓީތަކުގެ ދަފްތަރުން" އެ މަރުކަޒެއްގެ ނަން އުނިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލުން ދަފްތަރުގައި ހިމަނާނީ މިނިސްޓްރީން އަންގާފައިވާ ގޮތަށް އެ މަރުކަޒަކުން ފިޔަވަޅު އަޅާ އެކަން މިނިސްޓްރީއަށް އެންގުމުންކަމަށްވެސް މި ޤަވާއިދުގައިވެއެވެ. މީގެ އިތުރަށް މަތީ ތަޢުލީމް ދޭ މަރުކަޒެއް ދަފްތަރުން އުނިކޮށްފިނަމަ އެމްކިއުއޭއާއި އެމް.އެން.އެސް.ޑީ.އޭ އިން މަރުކަޒުތަކަށް ދެމުން އަންނަ ހުއްދަތަކާއި ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލާނެއެވެ. އަދި މިނިސްޓްރީން ފޯރުކޮށްދޭ ތަޢުލީމީ ފުރުޞަތުތަކާއި މާލީ ފުރުޞަތުތައްވެސް ވަގުތީ ގޮތުން ހުއްޓާލާނެއެވެ. ނަމަވެސް އެފަދަ ހާލަތެއްގައިވެސް މަރުކަޒުގައި އެވަގުތު ކިޔވަމުންދާ ދަރިވަރުންގެ ކިޔެވުން، ނިމެންދެން ކުރިއަށް ގެންދެވޭނެއެވެ.

މި ޤަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކޮށްފިނަ އެ ޖޫރިމަނާގެ ފައިސާ ދައްކަން ޖެހެނީ މިނިސްޓްރީގެ ޓްރަސްޓް ފަންޑަށެވެ.

މި ޤަވާއިދުގައިވާ ގޮތުން މަތީ ތައުލީމާއި ތަމްރީންގެ ދާއިރާގައި ހިމެނޭ އެއްވެސް ފަރާތަކާމެދު ހުށައެޅޭ ޝަކުވާއަކާ ގުޅިގެން މިނިސްޓްރީން ހިންގަންޖެހޭ ތަހްޤީގުތައް ހިންގުމަށްފަހު އެ ކަމަކީ މިނިސްޓްރީގެ އިޚްތިޞާސުން ބޭރުން އިތުރު ފިޔަވަޅެއް އަޅަންޖެހޭ ކަމަކަށް ވަނާމަ އެކަމެއް އިތުރަށް ތަޙްޤީގުކޮށް ޒިންމާ ނަގަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެކަމާ ގުޅުން ހުރި އިދާރާތަކަށް ހުށައަޅާނެއެވެ.

"މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ"ޤަވާއިދުގެ ބޭނުމަކީ މަތީ ތަޢުލީމާއި ތަމްރީންގެ ދާއިރާގައި ކުރާ ޤާނޫނާއި ޤަވާއިދާ ޚިލާފު ކަންކަން މިނިވަންކަމާއި މުސްތަޤިއްލުކަމާއި އިންސާފުވެރިކަމާއެކު ބަލައި އެ ފަރާތްތަކާމެދު އިސްލާޙީ ފިޔަވަޅު އަޅާ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމެވެ. އަދި އެފަދަ ތަންތަނަކީ ހުރިހާ ގޮތަކުންވެސް އާންމުންގެ އިތުބާރު ލިބިފައިވާ ތަންތަންކަމުގައި ހެދުމާއި މުޖުތަމަޢު ޤަބޫލުކުރާ ފެންވަރުގެ ތަންތަން ކަމުގައި ހެދުމަކީވެސް މި ޤަވާއިދުގެ ބޭނުމެވެ.