ޚަބަރު

3 ބްރޭންޑެެއްގެ ބޭސް ވިއްކުން މަނާކޮށްފި


ރާއްޖޭގައި ވިއްކަމުން އަންނަ ޑޮކްޓަރީ ބޭހުގެ ތެރެއިން ރަނގަޅު ނޫންކަމަށް ތަޙްލީލްތަކުން ފާހަގަކުރެއްވުނު 3 ބްރޭންޑެއްގެ ބޭހުގެ ބާވަތްތައް ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކުރައްވައިފިއެވެ.މި ފިޔަވަޅު އެޅުއްވީ ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރާއްކާތެރިކަމާއި ފެންވަރު ކަށަވަރުކުރެއްވުމަށް އެ އޮތޯރިޓީން ކުރައްވާ ތަޙުލީލްތަކުން މައްސަލަ ފާހަގަކުރެއްވުމުންނެވެ.ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރެއްވުމަށް ބޭސްތައް ޓެސްޓްކުރުމުގެ މަސައްކަތް މިއަހަރުވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ފުރަތަމަ މަރްޙަލާގައި އެސެންޝިއަލް މެޑިސިން ލިސްޓް، ނުވަތަ ޒަރޫރީ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭސްތަކުގެ ތެރެއިން ޢާއްމުކޮށް ބޭނުންކުރާ ބޭސް ރެންޑަމްކޮށް ނަންގަވައިގެން ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަވާކަމަށް އެ އޮތޯރިޓީއިން ވިދާޅުވެއެވެ. މި ކުރެވުނު ޓެސްޓްތަކުން މިހާތަނަށް ތިން ބޭހެއް ފެއިލްވެ، އެބޭސްތަކުގެ އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މަނާ ކުރައްވާފައެވެ.ޖަލީލާ ވިދާޅުވީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޚާއްޞަ ޓީމްތަކުން މިހާރު މާލެ ހިމެނޭ ސަރަޙައްދުގެ ފާމަސީތަކާއި ގުދަންތައް ފާސްކުރައްވަމުން ގެންދަވާކަމަށެވެ. ހަމަ އެއާއެކު އަތޮޅުތެރޭގައި ހުރި ބޭސްތައް ޕަބްލިކް ހެލްތު ޔުނިޓްތައް މެދުވެރިކުރައްވައި ފާސްކުރައްވައި މި ބޭސްތައް ނައްތާލައްވަމުން ގެންދަވާކަމަށެވެ.ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޓެސްޓްތަކުން، ރަނގަޅު ނޫންކަމަށް ފާހަގަކުރެއްވިގެން މަނާކުރެއްވި ތިން ބޭހުގެ ތެރެއިން ދެބޭހަކީ އިންޑިއާގެ ލެބެން ލެބޯޓަރީސްއިން އެތެރެކޮށްފައިވާ ބެޗް ނަމްބަރު: ޓީ ފައިވް ޓޫ ފޯގެ އެޒިލެބް -250 މިލިގްރާމާއި ބެޗް ނަމްބަރު: ޓީ-ފޯ.އެއިޓް.ފައިވް.ތްރީގެ އެލްޓްރިމް ޑީއެސްގެ 800 އަދި 160 މިލިގްރާމެވެ. ތިންވަނަ ބޭހަކީ އިންޑިއާގެ ސްޓާލިން ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން އެތެރެކޮށްފައިވާ ބެޗް ނަމްބަރު އޭ.ޒެޑް.އެފް.ވަން.ފޯ.ޒީރޯ.ޓޫގެ އެޒީޓް ފައިވް ހަންރެޑް މިލިގްރާމްގެ އެޒީޓް ނަމަކަށް ކިޔާ ބޭހެކެވެ.އެންޓި ބައޮޓިކްގެ ގޮތުގައި ބޭނުންކުރާ މި 3 ބޭހަކީވެސް ޑޮކްޓަރުން ޢާއްމުކޮށް ބޭނުންކުރުމަށް އިރުޝާދުދެއްވާ ބޭސްތަކެކެވެ. މިބޭސްތައް އެތެރެ ކުރުމާއި ވިއްކުން މަނާކުރެއްވިނަމަވެސް ޢާއްމުން އެކަމާއި ކަންބޮޑުނުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ލަފާދެއްވިއެވެ. އެއޮތޯރިޓީއިން ވިދާޅުވީ، މިބޭސް ނޫނަސް މި ޖެނެރިކްގެ އެހެން ބޭސްތައް އެތެރޭގައި ބާޒާރުގައި ލިބެން އެބަހުރި ކަމަށެވެ.މި 3 ބްރޭންޑްގެ ހުރިހައި ބާވަތެއްގެ ބޭސް ވިއްކުން ހުއްޓާލާފައިވާއިރު، ލިބުނު ޝަކުވާއަކާ ގުޅިގެން، ހަޔޮސިމެކްސް އިންޖެކްޝަންވެސް އެތެރެކުރުމާއި ވިއްކުން ހުއްޓާލާފައިވާކަމަށް އެއޮތޯރިޓީއިން ވިދާޅުވެއެވެ. ޖަލީލާ ވިދާޅުވީ ގޮހޮރުގެ ބަލިތަކައް ފަރުވާކުރުމަށް ބޭނުންކުރާ ހަޔޮސިމެކްސް އިންޖެކްޝަން ބެއްލެވި ބެއްލެވުމުން ޢާއްމު ޞިއްޙަތައް ގެއްލުންވާ ފަދަ ކަންކަން ހުރުމާއެކު އެއާއީ އަދި އެބްރޭންޑްގެ އެހެން ބޭސްތައްވެސް މިހާރު ވިއްކުން މަނާކޮށްފައިވާކަމަށެވެ.