ކުޅިވަރު

ފަސްޓް ލޭޑީ ފަޒްނާ މަޖީދީ ރަންގައި ބައިވެރިވެވަޑައިގަންނަވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު، މަޖީދީ ރަންގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ހުކުރު ދުވަހުގެރޭ ފެށި މަޖީދީ ރަން އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސް ޞާލިޙެވެ. މި ދުވުމަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަކުރުމާއި އެ ސްކޫލަށް 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މެޑަމް ފަޒްނާ މިދުވުމުގައި ބައިވެރިވެވަޑައިގަންނަވާފައިވަނީ އާދީއްތަ ދުވަހުގެ ހަވީރެވެ. މެޑަމް ފަޒްނާގެ އިތުރުން ރައީސް ޞާލިޙާއި، އެ މަނިކުފާނުގެ އާއިލާއިންވެސް މި ދުވުމުގައި ކުރިއަށް އޮތްތަނުގައި ބައިވެރިވާނެ ކަމަށް މަޖީދިއްޔާ ސްކޫލުން މައުލޫމާތުދެއެވެ. އެގޮތުން ރައީސް އާއި ރައީސްގެ އާއިލާގެ ބޭފުޅުން ދުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހެވެ.

މަޖީދީ ރަން ފަށާފައިވަނީ ހުކުރު ދުވަހުގެރޭ 21:30 ގައި މަޖީދިއްޔާ ސްކޫލުންނެވެ. އަދި 95 ގަޑިއިރު ހަމަކޮށް ދުވުން ނިންމާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވާ އަންގާރަ ދުވަހުގެރޭ ޓްރެކް ދަނޑަށެވެ.

މި ދުވުމުގައި މަޖީދިއްޔާ ސްކޫލުގެ މިހާރުގެ ދަރިވަރުންނާއި، ސްކޫލްގެ އިސްދަރިވަރުންނާއި، ކުޅިވަރުގެ ދާއިރާއަށް ލޯބިކުރާ، ވަކިން ޚާއްސަކޮށް ދުވުމަށް ލޯބި ކުރާ ގިނަ ފަރާތްތަކެއް އަންނަނީ ބައިވެރިވަމުންނެވެ. މަޖީދީ ރަންގެ 95 ގަޑިއިރު ހަމަކުރުން ޓްރެކް ދަނޑުގައި ކުރިއަށްދާއިރު، އެ ސްކޫލުގެ އިސްދަރިވަރުންނާއި، މިހާރު އެ ސްކޫލުގައި ކިޔަވަމުންދާ ގްރޭޑް 1 އިން 9 ގެ ދަރިވަރުންނަށް އެކި ގަޑިތައް ކަނޑައެޅިގެން އެކި ވަގުތުތަކުގައި ދުވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.