ޚަބަރު

އޭޑީކޭން މިފަހަރު ކޮނޑު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް


ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮނޑު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ކޮށްފިއެވެ.
މިމަހުގެ 12 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ކޮށްފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއްގެ ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއެވެ. އޭނާ އަކީ ކޮނޑު ހުޅުގެ ތަދުގައި އުޅޭތާ 25 ވަރަކަށް އަހަރުވެފައިވާ މީހެކެވެ.

އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވީ އޮޕަރޭޝަން ކުރި މީހާގެ ހާލު ރަނގަޅުކަމަށާއި އެމީހާ ގެއަށް ދޫކޮށްލުމުގެ މަސައްކަތްތައް ކުރަމުން އަންނަކަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮޑު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އޭޑީކޭގެ ކަށީގެ ޑޮކްޓަރުންގެ ޓީމާއި ތައިލެންޑްގެ ޕްރޮފެސަރެއް ގުޅިގެންނެވެ.

ދުނިޔޭގެ ނިސްބަތުންވެސް ކޮނޑު ހުޅު ބަދަލުކުރަނީ ކަކުލު ހުޅާ އަޅާބަލާއިރު ވަރަށް މަދުންނެވެ. ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަނީ ކަކުލު ހުޅަށްވެސް ދިމާވާ ފަދައިން ކޮނޑު ހުޅުގެވެސް މަޑުކަށި ފަށަލަ ހަލާކުވެގެންނެވެ.

މި އޮޕަރޭޝަން ކުރި ޓީމުގައި ހަރަކާތްތެރިވި އޭޑީކޭ ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމަންޓްގެ ޑޮކްޓަރެއްކަމަށްވާ ޑރ. މުޙައްމަދު މިޝްވާރު ވިދާޅުވީ މިއޮޕަރޭޝަނަށް ފަހު ތަދު ފިލައި ގޮސް ކުރިން ނުކުރެވޭ ކަންތައްތައް ކުރުމަށްފަސޭހަވެގެންދާނެ ކަމަށެވެ.

ކޮނޑު ހުޅަކީ ބޯޅައަކާއި ސޮކެޓެއްގެ ގޮތަށް އިންނަ ހުޅެކެވެ. ހަށިގަނޑުގައި އެންމެ ބޮޑަށް ހަރަކާތް ގެނެވޭ ހުޅަކަށް ކޮނޑު ހުޅުވާއިރު ބައެއްފަހަރު ހުޅުގެ ބޯޅަ ބައިގައި އިންނަ މަޑުކަށި ފަށަލަ ހަލާކުވެގެން ކަށިގަނޑާއި ކަށިގަނޑު ވިދި ހަރަކާތްތަކަށް އުނދަގޫ ކަމެއް ކުރިމަތިވެއެވެ. އޭގެ ސަބަބުން ބަލި މީހާއަށް އެއްފަޅިއަށް އޮށޯވެގެން އޮވެ ނިދުމާއި އާއްމު ދިއިރުޅުމުގައި ކުރާ ބައެއްކަންތައް ކުރުމަށް އުނދަގޫވާކަން ޑރ. މުޙައްމަދު މިޝްވާރު ފާހަގަކުރެއްވިއެވެ.

"އޮޕަރޭޝަން ކުރާއިރު ހުޅުގެ ބޯޅަ ބައިގައި ހަލާކުވެފައި އިންބައި ނެގުމަށްފަހު ދަނގަޑު އިންޕްލާންޓެއް މި ލައްވަނީ. އެއަށް ފަހު ގޮނިކޮށް އިންނަ ބައިގެ މަޑުކަށި ފަށަލައަށް ޕްލާސްޓިކް އެއްޗެއް މި ލައްވަނީ. އެއާއެކު އެ ހަރަކާތްތައް އަލުން މި ގެންނަނީ . މިފަދަ އޮޕަރޭޝަނަށްފަހު ރަނގަޅު މިވަނީ 8 ހަފްތާއާއި 12 ހަފްތާއިން." މިއޮޕަރޭޝަންކުރި ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ޑރ.މިޝްވާރު ވިދާޅުވިއެވެ.


އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވީ އަލަށް ކޮނޑު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނާއެކު އިތުރު މީހުންވެސް އެ އޮޕަރޭޝަން ކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އަފްއާލް ވިދާޅުވީ މިއޮޕަރޭޝަނަށް އެއްލައްކަ ސަތާރަ ހާސް ރުފިޔާ ޚަރަދުވާނެކަމަށާއި އާސަންދައިން ކަވަރ ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

"މިވަގުތު އާސަންދައިން ކަވަރ ނުކުރިނަމަވެސް އާސަންދައިގެ ތެރެއިން ކުރެވޭނެ ގޮތަށް ހުށައަޅާފައިވާނެ. އޭޑީކޭއިން އަލަށް ދޭން ފަށާ ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ފައިދާތަކެއްވޭ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އައު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނަން."އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވިއެވެ.

ހުޅުތައް ހަލާކުވަމުން ދަނީ އުމުރުން ދުވަސްވުމާއި އެކި ބަލިބަލީގެ ސަަބަބުންނެވެ. ހުޅު ހަލާކުވުމަށްފަހު މީހާގެ ދިރިއުޅުމަށް ވަރަށް އުނދަގޫވެ ބަދަލުތަކެއް އާދެއެވެ. މީގެ ކުރިން ކޮނޑު ހުޅު ބަދަލުކުރަން ރާއްޖެއިން ބޭރަށް ދާން ޖެހުނު ނަމަވެސް އޭޑީކޭގައި ކުރި މި އޮޕަރޭޝަނުގެ ސަބަބުން މިގޮތަށް ރާއްޖެއިން ބޭރަށް ދާ ދިއުން ނިމުމަކަށް އަންނާނެކަމަށް އެ ހޮސްޕިޓަލުން ދެއެކެވެ.