ޚަބަރު

ތާޖު މަހަލްގެ ނުހުޅުވާ ކޮޓަރިތަކުގައި ވަނީ ކޮން ސިއްރުތަކެއް؟


ދުނިޔޭގެ 7 އަޖައިބުގެ ތެރޭގައި ހިމެނޭ ތާޖު މަހަލްއަކީ ކޮންތަނެއްކަން ނޭގޭނެ މީހަކު މަދުވާނެއެވެ. އިންޑިޔާގެ އާގަރާގައި ހުންނަ މި ތާރީޚީ ބިނާއަކީ އިންޑިއާގެ ފަޚުރެކެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ބަޔަކު ތާޖު މަހަލް ބަލާލުމަށް އިންޑިއާއަށް ޒިޔާރަތްކުރެއެވެ.

ތާޖް މަހަލްއަކީ 1631ވަނަ އަހަރާއި 1654ވަނަ އަހަރާ ދެމެދު ބިނާކުރި ހަދާނީ ބިނާއެކެވެ. މި ޢިމާރާތުގެ މަސައްކަތުގައި ވިހި ހާހަށް ވުރެ ގިނަ މީހުން އުޅެފައިވެއެވެ. މިއީ މުޣަލް ރަސްގެފާނު ޝާހް ޖަހާން އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން މުމްތާޒް މަހަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ.

ތާޖު މަހަލް ބިނާކުރުމުގެ މަސައްކަތް ފެށިފައިވަނީ 1632ވަނަ އަހަރުއެވެ. މުޅި ޢިމާރާތް އެއްކޮށް ބިނާކޮށް ނިމިފައިވަނީ 1653ގައެވެ. ތާޖު މަހަލްގެ ޢިމާރާތުން ފާރިސީ، ތުރުކީ، ހިންދީ، އަދި އިސްލާމީ ދައުލަތް ތަކުގެ ޢިމާރާތްތައް ކުރުމުގައި ގެންގުޅެފައިވާ ފަންނުތައް ފެންނަން އެބަހުއްޓެވެ.

ތާޖު މަހަލުގައި އެތައް ކޮޓަރިއެއް ހިމެނޭއިރު، އޭގެ ތެރެއިން 20އަށްވުރެ ގިނަ ކޮޓަރިތައް ހުރީ ތަޅު އަޅުވާ ބަންދުކޮށްފައެވެ. މި ކޮޓަރިތައް ހުޅުވާދިނުމަށް އެދި އިންޑިއާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއް ކަމަށްވާ ރަޖްނީޝް ސިންގ، ދާދި ފަހުން ވަނީ ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.

އޭނާގެ ދައުވާ އަކީ މި ކޮޓަރިތަކުގައި ފޮރުވާފައިހުރި ތަކެތިން ތާޖު މަހަލްއާ ގުޅޭ ގިނަ ވާހަކަތަކެއް ހާމަވެގެންދާނެ ކަމަށެވެ. އަދި ތާޖު މަހަލްގެ "އަސްލު ތާރީޚު" ވެސް އެނގިގެންދާނެކަމަށް އޭނާ ބުނެއެވެ. އޭނާގެ ބުނާގޮތުގައި ތަޅުލާފައި ހުރި ކޮޓަރިތަކުގައި ހިންދޫ ދީނަށް ނިސްބަތްވާ ތަކެތި ފޮރުވާފައި އެބަހުއްޓެވެ. ރަޖްނީޝް އެބުނާ ކޮޓަރިތަކަކީ ތާޖު މަހަލްގެ ބިންގަރާހުގައި ހުރި ކޮޓަރިތަކެކެވެ. ރަޖްނީސްގެ ޕެޓިޝަން އިންޑިއާގެ ހައި ކޯޓުން ބަލައިގަނެފައެއް ނުވެއެވެ.

ގިނަ ދިރާސާވެރިންގެ ޚިޔާލު ތަފާތު

ތާޖް މަހަލްއާ ގުޅޭ ގިނަ ދިރާސާތަކެއް ކުރިއަށްގެންގޮސްފައިވާ ފަރާތެއް ކަމުގައިވާ އެބާ ކޮޗްވަނީ މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. ކޮޗްވަނީ އޭނާގެ ދިރާސާއަށް މައުލޫމާތު ހޯދުމަށް ތާޖް މަހަލްގެ ކޮޓަރިތަކަށް ގޮސް ފޮޓޯ ނަގާފައެވެ. އޭނާ ބުނާގޮތުގައި ބިންގަރާހުގައި ހުރި ކޮޓަރި ތަކަކީ ހޫނު މޫސުމުގައި ފިނިކޮށްލުމަށް ހުރި ކޮޓަރިތަކެކެވެ.

އެގޮތުން މި ކޮޓަރިތައް ހުންނަނީ ކޯރުގެ އައްސޭރިފަށަށްވާ ގޮތަށް ކަންވެސް އޭނާ ފާހަގަކުރެއެވެ. ބިންގަރާހުގައި މިފަދަ ކޮޓަރިތައް ހެދުމަކީ މުޣަލް ޒަމާނުގައި އާއްމުކަމެކެވެ. އެގޮތުން ޕާކިސްތާނުގެ ލާހޯރުގައި ހުރި މުޣަލް ފޯޓުގައިވެސް މިފަދަ ކޮޓަރިތައް ހުރެއެވެ.

ތާޖު މަހަލް އާއި ގުޅޭ ތަފާތު އެކި ވާހަކަ

ދުނިޔެއަށް މަޝްހޫރުކަން ލިބިފައިވާ ބިނާ އަކަށްވުމުން ތާޖް މަހަލްއާއި ގުޅޭގޮތުން ތަފާތު އެކި ގޮތްގޮތަށް ވާހަަކަތައް ދެކެެވެއެވެ. އެގޮތުން ތާޖް މަހަލްގެ ކުރިމަތީ އޮންނަ ބިމުގައި "ބްލެކް ތާޖް" އެއް ބިނާކުރުމުގެ ވިސްނުން ޝާހް ޖާން ގެންގުޅުނު ކަމަށާއި، ތާޖް މަހަލްއަކީ ޔޫރަޕަށް ނިސްބަތްވާ އާކިޓެކްޓެއް ފަރުމާކޮށްފައިވާ ތަނެއް ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

އަދި ހުޅަނގުގެ ބައެއް އިލްމުވެރިން ބުނާގޮތުގައި މި ބިނާއަކީ އަންހެނެއްގެ ހަދާނުގައި ހަދާފައިވާ ތަނެއް ނޫނެވެ.. ސަބަބަކީ އިސްލާމް ދީނުގައި އަންހެނުންނަކީ މުޖްތަމައުގައި އެހާ މަތީ މަޤާމެއް ލިބިފައިވާ ބަޔެއްކަމަށް އެމީހުން ޤަބޫލެއް ނުކުރެއެވެ. އިސްލާމީ ދުނިޔޭގައި ތާޖުމަހަލް ނޫނަސް އަންހެން ބޭފުޅުންގެ ހަނދާނުގައި ބުނާކޮށްފައިވާ ހަދާނީ ބިނާތައް އެބަހުއްޓެވެ. އެހެންކަމުން މިމީހުންގެ ވާހަކަތައް މިއީ އެއްވެސް ބަރުދަނެއް ހުރި ވާހަކަތަކެއް ނޫނެވެ.

އިންޑިއާގައި އަބަދުވެސް ދެކެވޭ އެއް ފްލޯކް ވަހަކައަކީ، ތާޖް މަހަލް އަކީ އެމީހުގެ ދީނީ ތަނެއް ކަމަށެވެ. ތާރީޚީ ބައެއް އިމްލުވެރިން ބުނާގޮތުގައި 1761ވަނަ އަހަރު އާގްރާ ހިންދޫ ދީނުގެ ރަސްކަލެއްގެ ދަށަށް އައުމުން ތާޖް މަހަލް ފައްޅިއެއްގެ ގޮތުގައި ބޭނުންކުރުމަށް ފާދިރީން ލަފާ ދީފައިވެއެވެ.

މީހުންގެ ތުންތުން މަތިން ދެކެވެމުން އަންނަ މިފަދަ ވާހަކަތަކާއެކު އަނެއްކާވެސް މިވަނީ ތާޖް މަހަލްއަކީ ހިންދޫ ދީނުގެ ތަނެއްކަމަށް ބުނާ ބުނުންތަކުގެ އަޑުގަދަވެފައެވެ.

އެހެން ނަމަވެސް މިތަނާ ގުޅޭ ގޮތުން އެންމެ ފުރިހަމަ އެއް ދިރާސާ ހެއްދެވި ކޮޗު ބުނާގޮތުގައި މީހުންގެމެދުގައި ދެކެވޭ މިފަދަ ވާހަކަ ތަކަކީ ތޯތޯ ވާހަކަތަކެވެ. އިލްމީ ދިރާސާތަކުގެ މައްޗަށް ބާރުދޭ މިފަދަ އެއްވެސް ކަމެއް ތާޖް މަހަލްގެ ތާރީޚުގައި ނުހިމެނެއެވެ.