މުނިފޫހިފިލުވުން

"ހަތުރޯން ކޭ ކިލާޅީ"ގެ 12 ވަނަ ސީޒަން ފަށަނީ


އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ އާދަޔާ ހިލާފު ސްޓަންޓްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޓީވީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަން ފަށަން ތައްޔާރުވެއްޖެއެވެ.

މިފަހަރުގެ ސީޒަންގައިވެސް ގިނަ ސެލިބްރިޓީންތަކެއް ބައިވެރިވާނެއެވެ. މީގައި ބައިވެރިވާނެކަމަށް މީގެކުރިން ނޫސްތަކުން ރިޕޯޓްކޮށްފައިވާ ތަރިންގެ ތެރޭގައި "ކުމް ކުމް ބާގްޔާ" އިން ޕްރަގްޔާގެ ރޯލުން ފެނުނު ސްރިތީ ޖާ، "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ" އިން ނައިރާގެ ރޯލުން ފެންނަ ޝިވާންޖީ ޖޯޝީ، "ކުޗް ރަންގް ޕިޔާރު ކޭ އޭސާ ބީ" އިން ޑޮކްޓަރ ސޮނާކްޝީ ބޯސްގެ ރޯލުން ފެންނަ އެރިކާ ފެނާންޑެސް، "ކްލާސް އޮފް 2020" ގެ ތަރި ޗޭތްނާ ޕާންޑޭ، ބިގްބޮސްގެ ދެ ތަރިން ކަމުގައިވާ ޕްރާތިކް ސޭޖްޕާލާއި ރާޖީވް އަދިތްޔާ، ރިއަލިޓީ ޝޯ "ލޮކް އަޕް" ކާމިޔާބުކުރި ތަރި އަދި ކޮމީޑިއަން މުނައްވަރު ފަރްގީ، އިތުރުން އިންފްލުއެންޒާ ފައިސޫ ވެސް ހިމެނެއެވެ.

ދެކުނު އެފްރިކާގައި ޝޫޓްކުރަން ހަމަޖެހިފައިވާ މި ސީޒަންގައި ބައިވެރިވާނެކަމަށް އެންމެ ފުރަތަމަ ކަށަވަރު ކޮށްދިނީ ޓީވީ ތަރި ރުބީނާ ދިލައިކް އެވެ. މިހާރު މިވަނީ ރުބީނާގެ އިތުރުން އިތުރު ދެ ތަރިން ވެސް މި ސީޒަނަށް ކަށަވަރުކޮށްދީފައެވެ. އެއީ ބިގްބޮސް ސީޒަން 15 ގެ ތަރި ނިޝާންތް ބަޓާއި "ގުއްޑަން ތުމްސޭ ނާ ހޯ ޕާއޭގީ" އިން މަޝްހޫރުވި ތަރި ކަނިކާ މަންއެވެ.

މިހާރު ރާވާފައިވާގޮތުން މި މަސް ނިމޭއިރު 12 ވަނަ ސީޒަންގެ ޓީމު ދެކުނު އެފްރިކާއަށް ފުރާނެއެވެ. މީތި ކަލާސް އިން ދައްކަން ފަށާނީ މިހާރު ދައްކާ "ޑާންސް ދިވާނޭ ޖޫނިއާ" ނިންމާލުމަށްފަހު އަންނަ ޖުލައި މަހުއެވެ.

"ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ ޝޯ "ފިއާ ފެކްޓަރ" ގެ އިންޑިއާގެ ވާޝަނެވެ. މި ޝޯ އެ ގައުމުން ގެނެސްދެނީ 2008 އިން ފެށިގެންނެވެ. "ހަތުރޯން ކޭ ކިލާޅީ" އިންޑިއާގެ އެންމެ ކާމިޔާބު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ ޝޯއެކެވެ.